ބޮޑެތި ތުހުމަތުތަކެއް ކުރިއިރު ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހަމަޖެއްސީ ކީއްވެ: ރިޔާޒް

ގައުމުގެ ސިޔާދަތާއި އިސްތިގުލާލަށް ގެއްލުން ދޭން އުޅުނު ކަމުގެ ތުހުމަތު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް، ރައީސް އަބްދުﷲ ޔާމީން ކުރެއްވިއިރު އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަކަށް ނާޒިމް ހަމަޖެއްސެވުމުން ސުވާލު އުފެދޭ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީން އިއްޔެ ވިދާޅުވެފައި ވަނީ ބޭރުގެ ނުފޫޒާއެކު ރާއްޖޭގައި ވެރިކަމެއް ގާއިމްކުރައްވަން 2013 ގައި ނާޒިމް މަަސައްކަތް ކުރެއްވި ކަމަށެވެ. އަދި ނާޒިމް ގެންގުޅުއްވި ޓްރޮއިކާ ނަމަކަށް ކިޔާ އެގްރިމަންޓަކީ ނުރައްކާތެރި އެގްރިމަންޓެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން، ނާޒިމްގެ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރިޔާޒް ވިދާޅުވި ގޮތުގައި، ނާޒިމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ ހަގީގަތާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނާޒިމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އޭރު ހުންނެވި ރައީސަކު ހަވާލުކުރެއްވި ކަމެއްގައި ނާޒިމް މަސައްކަތް ކުރުން އެކަށީގެންވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ދެން ސުވާލަކީ ރާއްޖޭގެ އިސްތިގުލާލަށް ގެއްލުން ދޭވަރުގެ މީހެއް ކަމަށް އެމަނިކުފާނު ވިދާޅުވާއިރު، ކީއްވެތޯ އެމަނިކުފާނުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކަން ނާޒިމަށް ދެއްވީ. ރައީސް އެ ވިދާޅުވާ އެއްޗެއް މުޅިން ތަފާތު ދެއްތޯ؟" ރިޔާޒް ސުވާލު އުފެއްދެވި އެވެ.

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް

ބޭރުގެ ބައެއްގެ ނުފޫޒު ނާޒިމަށް އޮތް ކަމަށް ރައީސް ވިދާޅުވާއިރު، އެވަރުގެ ބޭފުޅަކު ޑިފެންސް މިނިސްޓަރަކަށް ހަމަޖައްސަވާފައިވާތީ، ރައީސް ޔާމީން ކުރެއްވި ތުހުމަތުގެ ނިޔަތް އެބަ ސާފުވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"ރައީސް މިފަދަ ވާހަކަތައް ދައްކަވަނީ އެމަނިކުފާނު އެކަނިވެރިވެ، ބަލިވެފައި ހުންނެވުމުން. އިއްޔެ ވިދާޅުވިއެއް ނޫންތޯ އެމްއެމްޕީއާރުސީގެ ހިޔާނަތަކީ ވެސް މާބޮޑު ކަމެއް ނޫނޭ. އެ ފައިސާ ހޯދޭނެއޭ ވެސް. އެކަމަކު އޭގެ ކުރިން ވިދާޅުވެފައި އެބައޮތް ތިމަންނަގެ ވެރިކަމުގައި މިހާތަނަށް ގައުމުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން ވެސް ހިނގީ ތިމަންމަނިކުފާނުގެ ވެރިކަމުގައޭ. އެހެންވީމަ ދެކެވޭ ނުދެކެވޭ ވާހަކަފުޅެއް އެނގިވަޑައިގަންނަވާހެނެއް ހިއެއް ނުވޭ،" ރިޔާޒް ވިދާޅުވި އެވެ.

ނާޒިމާ އޭރު ވެސް ގާތް ގުޅުމެއް އޮތް، ރިޔާޒް ވިދާޅުވީ ރައީސް އެ ވިދާޅުވާ ފަދަ އެއްބަސްވުމެއް ހަދައި ވެރިކަމެއް ގާއިމްކުރައްވަން ނާޒިމް އުޅުއްވި ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެކަމަކު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް ކުރިމަތިވި މައްސަލަތަކާ ގުޅިގެން، އެމެރިކާ އާއި އިންޑިއާ ފަދަ ގައުމުތަކުން ރާއްޖޭގެ ކަންކަން ވަރަށް ގާތުން ބަލައި، އިންތިހާބަށް މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ކަން ރިޔާޒް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަކަށް އެނގިފައެއް ނެތް އެއްވެސް ހާލެއްގައި އެއްވެސް އެގްރިމަންޓެއްގައި ސޮއިކުރަން އުޅުނު ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި، ރައީސް ޔާމީންގެ ވާހަކަފުޅުގައި އެ ވިދާޅުވީ އެމަނިކުފާނުގެ މޮޅު ކަމުންނޭ އެކަން ނުކުރީ ވެސް. އަނެއްކާ ގާނޫނާ ޚިލާފު ކަމެއް ކުރަން އުޅުނު ކަމަކަށް ވިދާޅެއް ނުވޭ. ގާނޫނުއަސާސީގައި އެ އޮންނަ ހުސްކަމުގެ ތެރޭގައި ކަންކަން ކުރާނެ ގޮތަކާ ގުޅޭ މަޝްވަރާތަކެއް ދިޔައީ،" ރިޔާޒް ވިދާޅުވި އެވެ.

އިންތިހާބެއް ބާއްވައި ރައީސަކު ހުވާކުރައްވަން، މަގާމުގައި ދެމިހުންނަވަން ނިންމެވީ، އޭރުގެ ރައީސް މުހައްމަދު ވަހީދު އަމިއްލަ ފުޅަށް ކަން ޔަގީންވެވަޑައިގަންނަވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެއީ، ރައީސް ޔާމީން މޮޅުވެގެން، ކުރެއްވި ކަމެއް ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ނާޒިމްގެ މައްޗަށް ރައީސް ޔާމީންގެ ބޮޑު ތުހުމަތެއް ކުރެއްވިއިރު އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ހަތިޔާރު ފެނުނު ކަމުގެ ދައުވާ އުފުލައި 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. މި ހުކުމް އިއްވާފައި ވަނިކޮށް، ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ނާޒިމަށް ތުހުމަތުކުރާ ފިސްތޯލައާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެކަން ހިނގި ގޮތް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އަދީބު ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. ނާޒިމަށް ތުހުމަތު ކުރި މައްސަލައަކީ އޭނާއާ ގުޅުމެއް ނެތް ކަމެއް ކަން ސާބިތުވާނެ ވަރުގެ ގިނަ ހެކިތަކެއް ފެނިފައިވީ ނަމަވެސް، އޭނާ އަށް އިންސާފު ހޯދައިދޭން އެއްވެސް މުއައްސަސާއަކުން މިހާތަނަށް މަސައްކަތްކޮށްފައެއް ނުވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.