ތެހެރާން (އޮގަސްޓް 8) - ރިޔާސީ ދެ ވަނަ ދައުރުގައި އީރާނުގެ ރައީސް ހަސަން ރޫހާނީ އެކުލަވާލެއްވި ކެބިނެޓުން އަންހެނަކަށް ޖާގަދީފައި ނުވުމުން ފާޑު ކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
މެދުމިނުގެ ސިޔާސަތަކަށް ތާއީދު ކުރައްވާ ރޫހާނީގެ ކެބިނެޓުން އަންހެނަކަށް މިފަހަރު ފުރުސަތު ދޭނެ ކަމަށް އިސްލާހީ މަސައްކަތަށް ތާއިދު ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް އުއްމީދު ކުރި އެވެ. ނަމަވެސް ރޫހާނީގެ ކެބިނެޓަށް މާބޮޑު ބަދަލުތަކެއް ގެނެސްފައެއް ނުވެ އެވެ. ޑިފެންސް މިނިސްޓަރު ބަދަލު ކުރެއްވި ނަމަވެސް ބައިނަލްއަގުވާމީ ދުނިޔޭގައި އީރާނު ތަމްސީލް ކުރުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވާ ދެ މިނިސްޓަރުން ކަމަށްވާ ފޮރިން މިނިސްޓަރު މުހައްމަދު ޖާވަދު ޒާރިފް އާއި އޮއިލް މިނިސްޓަރު ބިޖާން ނަމްދާރު ޒަންގަނާހުގެ މަގާމު ބަދަލު ކުރައްވައިފައެއް ނުވެ އެވެ.
ކެބިނެޓަށް ރޫހާނީ ހަމަޖެއްސެވި 18 ނަން ޕާލަމެންޓުން ފާސްކުރާނެ އެވެ.
ރޫހާނީގެ ކެބިނެޓުގައި އަންހެނަކު ނުހިމެނުމުން އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ނައިބް ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގަންނަވާ ޝަހިންދޮކްޓް މޮވްލަވާދީ އެވެ. އެކަމަނާ ވިދާޅުވީ އަންހެން މިނިސްޓަރަކު ނެތުމަކީ ހަމަކުރީގެ ގޮތަށް ކަން ކުރުން ކަމަށެވެ.
އުމުރުން 68 އަހަރުގެ ރޫހާނީގެ ދެ ވަނަ ދައުރު ކާމިޔާބު ކުރެއްވީ އިސްލާހަށް ތާއީދު ކުރާ ގިނަ ބައެއްގެ މަސައްކަތުންނެވެ.
އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު ކެބިނެޓުގައި މިހާތަނަށް ހިމެނިފައި ވަނީ އެންމެ އަންހެނެކެވެ. އެއީ ރޫހާނީގެ ކުރިން ވެރިކަން ކުރެއްވި މަހްމޫދު އަހުމަދީނިޖާދުގެ ހެލްތު މިނިސްޓަރު މަރްޒިއާ ދަސްތުޖާދީ އެވެ. އޭނާ ވަނީ 2009 އިން 2013 އަށް މިނިސްޓަރުކަން ކުރައްވައިފަ އެވެ.