ނޭޕާލްގައި ދިވެހި ގިނަ ދަރިވަރުން ކިޔަވާ ހިސާބެއްގައި ފެންބޮޑުވެ ދަތިތަކާ ކުރިމަތިވެއްޖެ

ނޭޕާލުގައި ދިވެހި ގިނަ ދަރިވަރުން ކިޔަވާ ސަރަހައްދެއްގައި ފެންބޮޑުވެ، އެ މީހުންނަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.


ނޭޕާލަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދިރިއުޅޭ ސިނަމަންގަލް އަވަށުގައި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ. ޚާއްސަކޮށް، ދިވެހި ދަރިވަރުން ތިބޭ ނޯބަލް މެޑިކަލް ކޮލެޖް ހޮސްޓެލްގެ ފުރަތަމަ ބުރީގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، އެ މީހުން ހިފައި ގެންގުޅޭ ގިނަ ސާމާނު ވަނީ ހަލާކުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ނޯބަލް މެޑިކަލް ކޮލެޖް ހޮސްޓެލްގެ ފުރަތަމަ ބުރީގައި އުޅޭ ދަރިވަރުން ވަނީ މަތީ އެހެން ބުރިތަކަށް މިހާރު ބަދަލުކޮށްފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ބުނީ 25 ދަރިވަރަކު އެ ސަރަހައްދުގައި ދިރިއުޅޭއިރު، އެ ކުދިންގެ ހާލު އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ކުއްޖަކަށް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ފެންބޮޑުވެފައި ވުމުން ކުދިންގެ ހާލު މުޅިން ރަނގަޅެއް ނޫން. އެކަމަކު އެއްވެސް ސީރިއަސް ގެއްލުމެއް ނުލިބޭ. އަޅުގަނޑުމެން މިދަނީ މޮނީޓާ ކުރަމުން،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިއަދު ހެނދުނުން ފެށިގެން ވާރޭ މެދުކަނޑާނުލައި ވެހެމުންދާއިރު، ނޭޕާލުގެ ދެ ކޯރެއް ބަންޑުންވެ، ބައެއް މީހުން ވަނީ މަރުވެފަ އެވެ.