ނޭޕާލަށް ދާއިރު، ކޮވިޑް-19 އަށް ނެތްކަމުގެ ލިޔުމެއް އޮންނަން ޖެހޭ

ކޮވިޑް-19 ފެތުރުމާ ދެކޮޅަށް ނޭޕާލް އިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި، އެ ގައުމަށް އެތެރެ ވެވޭނީ އެ ބަލި ނެތްކަމަށް ދައްކާ މެޑިކަލް ސެޓްފިކެޓެއް އޮތް މީހުންނަށް އެކަނި ކަމަށް އެ ގައުމުން އިއްޔެ ނިންމައިފި އެވެ.


ފޮރިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިއްޔެ އިން ފެށިގެން އަންނަ މަހުގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރެވޭނީ ކޮވިޑް-19 އަށް ނެގަޓިވް މީހުންނަށް އެކަނި ކަމަށެވެ. އަދި އެ ޓެސްޓަކީ އެ ގައުމަށް އެތެރެވުމުގެ ހަތް ދުވަސްކުރިން ހަދާފައިވާ ޓެސްޓަކަށް ވާން ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

އެ ގައުމުން ދެމުން އައި އޮން-އެރައިވަލް ވިސާ ދިނުމުގެ ހިދުމަތް ވެސް އަންނަ މަހުގެ ނިޔަލަށް ވަނީ މެދުކަނޑާލާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެހެންކަމުން އެ މުއްދަތުގައި ދިވެހިންނަށް ވެސް ވީސާއާ ނުލާ ނޭޕާލަށް ދަތުރެއް ނުކުރެވޭނެ އެވެ.

ނޭޕާލަށް ދާ ޓޫރިސްޓުން، އެ ގައުމަށް ދިއުމަށް ފަހު 14 ދުވަހަށް އަމިއްލައަށް ކަރަންޓީން ވާން ޖެހޭނެ ކަމަށް އެ ގައުމު ވަނީ ކަނޑައަޅާފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. ނޭޕާލްގައި އުޅޭ ދިވެހިން، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން އެ ގައުމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ގައުމަށް މި ދުވަސްވަރު ދަތުރުކުރާ ނަމަ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ދަތުރުކުރަން ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި ދަތުރު ކުރުމުގެ ކުރިން ޓްރެވަލް އިންޝުއަރަންސް ހޯދަން ވެސް މިނިސްޓްރީން އެދިފައި ވެ އެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ރާއްޖެ އިން ވެސް ވަނީ ކޮވިޑް-19 ފެނިފަ އެވެ. އެއަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތު ރާއްޖެއަށް ވަނީ ގެނެސްފަ އެވެ. ކޮވިޑް-19 ފެތުރުމާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި ޗައިނާ އާއި އިޓަލީ އާއި ބަންގްލަދޭޝް އާއި އިރާން އަދި ސްޕެއިން އިން މީހުން ރާއްޖެ އެތެރެވުން ވަނީ މަނާކޮށްފަ އެވެ. ދެކުނު ކޮރެއާ އާއި ފްރާންސް އަދި ޖަރުމަނުގެ ބައެއް ސަރަހައްދުތަކުން މީހުން އެތެރެވުން ވެސް މިހާރު ވަނީ މަނާ ކޮށްފަ އެވެ.