އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ށ. މިލަންދޫ ޓީމަކީ ވަރަށް ހިތްވަރުކުރާ ޓީމެއް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ މާޒިޔާގެ މެސެޑޯނިއާ ކޯޗު މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.
ކުޅުނު ފުރަތަމަ ދެ މެޗުން މާޒިޔާ ވަނީ ދ. ކުޑަހުވަދޫ އާއި ނިއު ރޭޑިއަންޓް އަތުން މޮޅުވެފަ އެވެ. މި ވަގުތު ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެން އެއް މެޗު މަދުން ކުޅުނު ނަމަވެސް ޕޮއިންޓުގެ ގޮތުން އެއްވަރުވެގެންނެވެ. މިރޭ މިލަންދޫގެ މައްޗަށް ކުރިހޯދައިގެން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއްް ނެގުމުގެ ފުރުސަތު މާޒިޔާ އަށް އެބައޮތެވެ.
ސެކުލޮސްކީ ބުނީ މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށާއި ބޭނުންވަނީ މި ގޮތަށް ކުރިއަށްދާން ކަމަށެވެ.
"މިލަންދޫ އަކީ ޑިފެންސްގައި ވަރަށް ރަނގަޅަށް ކުޅޭ ޓީމެއް. ވަރަށް ހިތްވަރުކުރާ ޓީމެއް މިލަންދޫ އެއީ. އެންމެ ފަހުން ކުޅުނު މެޗުގައި (މާޅޮސް މެޗު) 86 ވަނަ މިނިޓާ ހަމައަށް އެ ޓީމު އޮތީ 2 ގޯލު ފަހަތުގައި އެކަމަކު ފަސް މިނިޓް ތެރޭގައި އެއްވަރުކުރި. ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ފަހު މިނިޓާ ހަމައަށް ވެސް އެމީހުން ވަނީ 1-1 ގައި ހިފަހައްޓާފައި. މި ހުރިހާ ކަމަކަށް ވިސްނައިގެން އަހަރެމެން ކުޅެން ޖެހޭނީ ފުރަތަމަ ކުޅުނު ދެ މެޗެކޭ އެއްގޮތަށް،" ސެކުލޮސްކީ ބުންޏެވެ.
އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދިއިރު ބައެއް މެޗުތަކުގައި އެ ޓީމާ އިދިކޮޅަށް ނުކުމެ ޑިފެންސަށް އިސްކަންދީގެން ބައެއް ޓީމުތަކުން ކުޅުނެވެ. ސެކުލޮސްކީ ބުނީ ޑިފެންސިވްކޮށް ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅެވޭ ވަރަށް ޓީމު މިހާރު ތައްޔާރުވެފައި އޮތް ކަމަށެވެ.
"ޑިފެންސިވް ކޮށް ކުޅޭ ޓީމުތަކާ ދެކޮޅަށް އަހަރެމެން މާލޭ ލީގުގައި ވެސް ކުޅެފިން. ވަރަށް ގިނަ މައްސަލަތަކެއް ވެސް ދިމާވި. އެހެންވެ އަހަރެމެން ޓްރާންސްފާ މާކެޓްގައި ގެނައިން މެދުތެރެއަށް ކުޅޭ މޮޅެތި ކުޅުންތެރިން. އެއީ މިފަދަ ހާލަތްތަކަށް ތައްޔާރުވާން. މިހާުރު މިކަހަލަ މެޗުތައް ކުޅެން ޖެހުނަސް މާ ބޮޑުނުރައްކަލެއް ނެތް،" އޭނާ ބުންޏެވެ.
މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކާ ދެކޮޅަށް ނުކުންނައިރު އަބަދުވެސް ޕްރެޝަރު އޮންނާނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ޓީމަށް ކަމަށް ގަބޫލުކުރާ ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭނާ ދެކޭގޮތުގައި އެއީ މައްސަލައެއް ނޫނެވެ.
"ކުޑަ ޓީމަށް ޕްރެޝަރެއް ނެތުން އެއީ އެ ޓީމަށް އޮންނަ އެޑްވާންޓޭޖެއް. މި މުބާރާތުގައި މި ކަހަލަ މެޗުތަކަށް ނުކުންނައިރު ޕްރެޝަރު އޮންނާނީ މާޒިޔާ، ނިއު، ގްރީން ސްޓްރީޓްސް ދެން ޓީސީ އަށް. އެކަމަކު ހިތްހަމަ ޖެހުމަކީ މި ކަހަލަ ޕްރެޝަރުތަކާ ކުރިމަތިލެވޭ ފެންވަރަށް ތަޖުރިބާ ލިބިފައިހުރި މޮޅު ކުޅުންތެރިން މި ޓީމުގައި އެބަތިބި،" ސެކުލޮސްކީ ބުންޏެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޒިޔާ އިން ވަނީ ގިނަ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކޮށްފަ އެވެ. އެއް މަގާމަށް ކުޅޭ ގިނަ ކުޅުންތެރިން ތިބުމަކީ ޖާގައިގެ ވާދަވެރިކަން ބޮޑުވެ، ކުޅުންތެރިން ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެންގެ އެބަތިބި 18 ސީނިއާ ކުޅުންތެރިންނާއި 3 ގޯލްކީޕަރުން. އަހަރެން ދެކޭ ގޮތުގައި މިހުރިހާ ކުޅުންތެރިންނަށް ވެސް ހައްގު ކުޅުމުގެ ފުރުސަތު. އެކަމަކު އަހަންނަށް މުހިއްމީ ޕްރެކްޓިހުގައި ދައްކާ ކުޅުން. އެއަށް ބަލާފައި އަހަރެން ކޮންމެ މެޗެއްގައި އެ މެޗަށް ކަމުދާ ކުޅުންތެރިން ނަގާނީ. ދެން އެ މެޗު ބަދަލުކޮށްލެވޭނެ ފަދަ ތިން ބަދަލެއް،" ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.
މިލަންދޫގެ ކޯޗު ކުރިން ނިއު ރޭޑިއަންޓާއި ގައުމީ ޓީމަށް ވެސް ކުޅުނު ޑިފެންޑަރު މުހައްމަދު ނާސިރު ބުނީ މާޒިޔާއާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ އަމާޒަކީ މަދުވެގެން ޕޮއިންޓެއް ކަމަށެވެ.
"ވަރަށް ތަޖުރިބާ މަދު ޓީމެއް މިއީ އަދިވެސް. އެކަމަކު މެޗަކަށް ފަހު މެޗެއް ރަނގަޅުވާނެ ކަމަށް މި ބަލަނީ. މާޒިޔާ އަކީ އެންމެ ވަރުގަދަ އެއް ޓީމު. މި މެޗުން އަޅުގަނޑުމެންގެ ޓާގެޓަކީ މަދުވެގެން ޕޮއިންޓެއް ނަމަވެސް ހޯދުން. އަދި އެހެން ޓީމުތައް ކޮޅަށް މާޒިޔާ އިން ގޯލު އެ ޖަހާ ވަރަށް އަޅުގަނޑުމެން ކޮޅަށް ވަނަނުދިނުން އެއީ ޓާގެޓެއް،" ނާސިރު ބުންޏެވެ.
ފުރަތަމަ ދެ މެޗަށް ބަލާއިރު މިލަންދޫގެ ޑިފެންސްލައިން ފެނުނީ ވަރަށް އޮގަނައިޒް ކޮށެވެ. ދެ މެޗުގައި ހަތަރު ލަނޑު އެ ޓީމު ކޮޅަށް ވަން ނަމަވެސް ޖުމްލަ ގޮތެއްގައި ދެއްކި ކުޅުން ގޯހެއް ނޫނެވެ. އެކަން އެ ޓީމާ ދެކޮޅަށް ކުޅުނު ދެ ޓީމުން ވެސް ފާހަގަކުރި އެވެ. އަދި މާޒިޔާގެ ކޯޗު ސެކުލޮސްކީ ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ނާސިރު ބުނީ އާ ކުޅުންތެރިންތަކެއް ލައިގެން ވެސް ޑިފެންސުން ދައްކާ ކުޅުން ރަނގަޅު ކަމަށެވެ.
"މާޒިޔާ ކޯޗު ވެސް ފާހަގަކޮށްފި އަޅުގަނޑުމެންގެ ޑިފެންސްލައިންގެ ވާހަކަ. އަޅުގަނޑުމެންގެ ޑިފެންސްލައިން ވަރަށް އާ. ފުރަތަމަ ޑިވިޝަން ކުޅެފައި ހުރި ކުޅުންތެރިއަކު ވެސް ނެތް. އެކަމަކު ވެސް ވަރަށް ރަނގަޅަށް މި ކުޅުންތެރިން އެބަކުޅޭ. ބޮޑަށް މި ވިސްނަނީ ޑިފެންސިވް ގޭމެއް ކުޅެފައި ކައުންޓަ އެޓޭކަށް ހަމަ. އެ ނޫން ގޮތަކަށް ނޫނީ މިހާ ބޮޑު ޓީމެއް ނުހިފެހެއްޓޭނެ،" އޭނާ ބުންޏެވެ.
ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި ނިއު އަތުން 2-0 އިން މޮޅުވިއިރު، މާޒިޔާ އިން ކުޅެފައިވަނީ އޮގަނައިޒް ޑިފެންސިވް ގޭމެކެވެ. މާޒިޔާ އިން އެ މެޗުގައި ޖެހި ދެ ލަނޑު ވެސް ޖެހީ ހިލޭ ޖެހުމުންނެވެ. ނާސިރު ބުނީ އެ މެޗުގައި މާޒިޔާ ދެއްކި ކުޅުން މިސާލަކަށް ނެގިދާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިއްޖެ މާޒިޔާ އިން ނިއުއާ ދެކޮޅަށް ކުޅުނު ގޮތް. ނިއު އިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މާޒިޔާ އިން ވިސްނީ ޑިފެންސަށް. އެގޮތަށް މަސައްކަތް ކޮށްގެން އެމީހުން މޮޅުވީ. އަޅުގަނޑުމެން މި މެޗަށް ނުކުންނައިރު ވެސް އެކަހަލަ ގޮތަކަށް ޑިފެންސަށް އިސްކަންދީގެން ކުޅޭނީ. ޕޮއިންޓެއް ލިބިއްޖެނަމަ މިއީ ޕްލަސް ޕޮއިންޓެއް. އަދި ކުރިއަށްދާން ލިބޭ ހިތްވަރެއް،" ނާސިރު ބުންޏެވެ.
އެންމެ ފަހުން މާޅޮހާ އެއްވަރުކުރި މެޗުގައި މިލަންދޫ އަށް ތަފާތު ދެއްކި ކުޅުންތެރިއަކީ ބ. އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭދަފުށީގައި ވާޒީފާ އަދާކުރާ ސައްޓު އަށް ޓީމުގެ ފަރިތަކުރުންތަކުގައި އެއްކޮށް ބައިވެރިވެވޭނީ އަންނަ ބްރޭކަށް ފަހު ކަމަށް ނާސިރު ވަނީ ބުނެފަ އެވެ.
މާޒިޔާ އާއި މިލަންދޫ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.