ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރި މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.


މިހާރު ރާއްޖެ އިން ބޭރުގައި އުޅުއްވާ ޖާބިރުގެ ޕާސްޕޯޓް މިދިޔަ ޖޫން މަހު ކެންސަލް ކުރިކަން އެނގިވަޑައިގަތީ އިޓަލީގައި ހުންނެވުމަށް ފަހު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. ޕާސްޕޯޓް ކެންސަލް ކުރިޔަސް ޖާބިރު ވަނީ އިނގިރޭސި ވިލާތަށް އެތެރެވެފަ އެވެ. އޭގެ ފަހުން އޭނާ އަދިވެސް ހުންނެވީ އެ ގައުމުގަ އެވެ.

އެކަމާ ގުޅިގެން ޖާބިރުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނާ ދެކޮޅަށް ދައުވާކޮށް، ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ މިހާރު ދަނީ ކުރިއަށެވެ.

ޖާބިރުގެެ ޕާސްޕޯޓް ކެންސަލްކުރީ ކީއްވެގެން ކަން އިމިގްރޭޝަނުން ހާމަ ނުކުރިޔަސް ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެކަން ކުރުމަށް އިމިގްރޭޝަންގައި ފުލުހުން ވާނީ އެދިފަ އެވެ. އެއީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާޒް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ކަމަށް ބުނެ އެ ފައިސާ ހޯދަން އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަ މިހާރު ކޯޓުގައި އަންނަނީ ހިނގަމުންނެވެ.