ފްލޮރިޑާ (ސެޕްޓެމްބަރު 10) - ކެރީބިއަން ސަރަހައްދުގައި އުފެދުނު ބާރުގަދަ ތޫފާން އެމެރިކާގެ ފްލޮރިޑާ އަށް މިއަދުގެ ވަގުތެއްގައި އަރާނެ ކަމަށް ލަފާކުރެވޭތީ އެ ސްޓޭޓުގެ 6.3 މިލިއަން މީހުން ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވުމަށް އިންޒާރު ދީފި އެވެ.

ތޫފާނުގެ ގަދަވައިގެ އަސަރު ކުރަން ފެށުމާ އެކު ފްލޮރިޑާގެ 170،000 ގެއާއި ވިޔަފާރި ކުރާ ތަންތަނުން މިހާރު ވެސް ވަނީ ކަރަންޓް ކެނޑިފަ އެވެ.

ފްލޮރިޑާ އަށް ތޫފާން އަރާތީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވި ބަޔަކު. --ފޮޓޯ:އޭއެފްޕީ
ފްލޮރިޑާ އަށް ތޫފާން އަރާތީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވި ބަޔަކު. --ފޮޓޯ:އޭއެފްޕީ

ގަވަރްނަރު ރިކް ސްކޮޓް ވިދާޅުވީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވާން އެންގުން ދެން އިތުރަށް މަޑުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެއީ ވަގުތުން އަމަލު ކުރަން ޖެހޭ އިންޒާރެއް ކަމަށް ގަވަރްނަރު ވިދާޅުވި އެވެ.

ކިއުބާ އަށް ތޫފާން އެރުމަށް ފަހު އެމެރިކާ އަށް މިސްރާބު ޖެހިއިރު ތޫފާނުގެ ބާރު ވަނީ ގެޓަގަރީ 5 އިން ކެޓަގަރީ 3 އަށް ދަށްވެފަ އެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ވަނީ ކެޓަގަރީ 4 ގެ ތޫފާނަކަށް ބަދަލުވެފަ އެވެ. ސައުތު ފްލޮރިޑާ އަށް ތޫފާން ދަތުރު ކުރަމުންދާ އިރު ވައި ޖެހެމުން ދަނީ ގަޑިއަކު 210 ކިލޯ މީޓަރުގެ ބާރު މިނުގަ އެވެ. ތޫފާނުގައި ފްލޮރިޑާގެ ވެސްޓް ކޯސްޓަށް 4.5 މީޓަރުގެ އުސް ރާޅު އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.