ފްލޮރިޑާ (ސެޕްޓެމްބަރު 11) - ކެރީބިއަންގައި އުފެދުނު ބާރުގަދަ ތޫފާން އިރްމާ އެމެރިކާގެ ފްލޮރިޑާގެ މުހިންމު ހިސާބުތަކަށް އަރައި، ބައެއް ސިޓީތަކުގައި ފެންބޮޑުވެއްޖެ އެވެ.
ފްލޮރިޑާ އަށް ތޫފާން އެރި އިރު ވަނީ ކެޓަގަރީ 4 އަށް ބާރު ދަށްވެފަ އެވެ. ފްލޮރިޑާގެ ހުޅަނގުން އޮންނަ މާކޯ އައިލެންޑަށް ތޫފާން އެރި އިރު ވައި ޖެހެމުން ދިޔައީ ގަޑިއަކު 120 މޭލު (192 ކިލޯ މީޓަރު) ގެ ބާރު މިނުގަ އެވެ. ތޫފާން އެރުމުން ފްލޮރިޑާ ސްޓޭޓުގެ މިލިއަނަކަށް ވުރެ ގިނަ ގެއިން ވަނީ ކަރަންޓް ކެނޑިފަ އެވެ. މަޔާމީ ސިޓީގެ ބޮޑު ބައެއް މިހާރު ވަނީ ފެނުއަޑީގަ އެވެ. ތޫފާނުގެ ގަދަ ވަޔާ އެކު މަޔާމީ ފަދަ ކޯސްޓަލް ސިޓީތަކަށް ވަނީ ބޮޑު ރާޅު އަރަން ފަށައިފަ އެވެ. މަޔާމީގެ ފައިނޭންޝަލް ޑިސްޓްރިކްޓުގައި ވަނީ ދެ ފޫޓް (60 ސެންޓިމީޓަރު) އަށް ފެންބޮޑުވެފަ އެވެ.
ހަރިކޭން އިރްމާ ފްލޮރިޑާ އަށް އަރާތީ 6.3 މިލިއަން މީހުންނަށް ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވުމަށް އަންގައިފަ އެވެ.
ހަރިކޭން އިރްމާގައި ކެރީބިއަން އިން ވަނީ 27 މީހުން މަރުވެފަ އެވެ.
ހަރިކޭން އިރްމާ ފްލޮރިޑާ އަށް އެރި އިރު މިދިޔަ މަހު ވަނީ ހަރިކޭން ހާވޭ ޓެކްސަސް އަށް އަރައިފަ އެވެ. އެ ތޫފާނުގައި ވަނީ 70 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. މިއީ ކެޓަގަރީ 4 ގެ ދެ ތޫފާނެއް އެއް އަހަރެއްގެ ތެރޭގައި އެމެރިކާ އަށް އެރި ފުރަތަމަ ފަހަރެވެ.