މި މަހުގެ ހަ ވަނަ ދުވަހު ރިލީޒްކޮށް ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ ފިލްމް "ހައްދު" މިރޭ ހދ. ކުޅުދުއްފުށީގައި ކުލަގަދަކޮށް ޕްރިމިއާ ކުރުމުގެ ތައްޔާރީތައްވެއްޖެ އެވެ.
ޕްރިމިއާގައި ޑައިރެކްޓަރު އަބްދުލް ފައްތާހާއި ބަތަލާއިން ކަމަށްވާ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އާއި ބަތަލު އަހުމަދު ޝިބާން ބައިވެރި ވާނެ އެވެ. މީގެ އިތުރުން "ހައްދު" ގެ އަންހެން ލަވަ ކިޔުންތެރިޔާ މަރިޔަމް އަޝްފާ ވެސް ޕްރިމިއާގައި ބައިވެރިވާނެ އެވެ.
މި ޓީމް މިއަދު މެންދުރު ވަނީ ކުޅުދުއްފުއްޓަށް ފުރައިފަ އެވެ.
"ހައްދު" ކުޅުދުއްފުށީ ތިލަ ދެކުނު ސަނަމާގައި އަޅުވާ އިރު، ފުރަތަ ޝޯ ފުލްވެ، ދެވަނަ ޝޯއެއްގެ ޓިކެޓް ވެސް އަންނަނީ ވިއްކަމުންނެވެ. ފައްތާހް ބުނީ ތަރުހީބު ލިބޭ ވަރަކުން ޝޯތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"ހައްދު" ގެ ކުޅުދުއްފުށީގެ ހޮޓްލައިނަކީ 9998280 އަދި 9969035 އެވެ.
ރިކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓް ކުރި "ހައްދު" މާލޭގައި ހަ ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ފަހު، އައްޑޫގައި ހަތް ވަނަ ދުވަހުގެ ރޭ ދެ ރަށެއްގައި ޕްރިމިއާކޮށް ހައުސްފުލް ތިން ޝޯ ވަނީ ދައްކައިފަ އެވެ. އަދި އައްޑޫން ފިލްމަށް ލިބުނު ތަރުހީބާ ގުޅިގެން މިރެ އާއި މާދަމާ ރޭ ވެސް މަރަދޫގައި ދެ ޝޯ ދައްކަން ހަމަޖެހިފައިވާ އިރު، ބ. އޭދަފުށީގައި ވެސް މިރޭ ފިލްމް އަޅުވާނެ އެވެެ. މީގެ އިތުރުން މާދަމޭ ރޭ ކ. ހުރާ އާއި ހދ. ކުރިނބީގައި ޝޯތައް ދައްކަން ފަށާނެ އެވެ.
މި ފިލްމު މާލޭގައި އޮލިމްޕަހާއި ޝްވެކް ސިނަމާގައި ދައްކަމުން އަންނަ އިރު، އެއިން ކޮންމެ ސިނަމާއެއްގައި ޖުމްލަ 18 ޝޯ ދައްކާނެ އެވެ.
ފައްތާހު ބުނީ މި ފިލްމް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ގިނަ އަދަދެއްގެ ރިޕޯޓްތަކުގައި ވެސް ދައްކާނެ ކަމަަށެވެ.
"ހައްދު" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.