އަމީނީމަގުގައި ހަދާފައިވާ ފްލެޓްތައް: .---ފޮޓޯ: ނިޝާން އަލީ/މިހާރު
15 އޮކްޓޯބަރ 2017 - 18:02
އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކޮށްފައިވާ ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓްތަކަށް ދައްކަން ޖެހޭ ދެ މިލިއަން ރުފިޔާގެ ލޯނު މިއަދަށް ހަމަނުޖެހޭ ފަރާތްތަކަށް ފްލެޓް ގެއްލިދާނެ ކަމުގެ ބިރުހީވެއްޖެ އެވެ.
ޓާޓާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު 268 މީހުންގެ ތެރެއިން ފައިސާ ދައްކަން ދިން މުއްދަތު މިދިޔަ ޖެނުއަރީ 26 ވަނަ ދުވަހަށް ހަމަވިއިރު 47 މީހަކަށް ފައިސާ ދައްކައިދޭން އިސްލާމިކް ބޭންކު (އެމްއައިބީ) އިން ވަނީ ނިންމައިފަ އެވެ. އެ ފްލެޓަށް ހޮވުނު މީހުންގެ ތެރެއިން އެ ބޭންކުން ފައިނޭންސް ހޯދުމަށް 100 މީހަކު ހުށަހެޅި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެ ލޯނު ހަމަޖެހުނީ 47 މީހަކަށެވެ.
އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް ލިބުނު މީހުން، ލޯނު ލިބުނުކަން މިއަދުގެ ނިޔަލަށް އެޗްޑީސީ އަށް އަންގަން ޖެހެ އެވެ.
ލޯނު ހަމަނުޖެހޭ މީހުންނަށް އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް ދިނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެ މުއްދަތު މިއަދަށް ހަމަވިއިރު ލޯނު ހަމަޖެހުނު އަދަދެއް އަދި ސާފެއް ނުވެ އެވެ.
ލޯނު ހަމަނުޖެހޭ މީހުންނަށް ގާކޮއްޓާއި އަރަބިއްޔާގެ ފްލެޓްތައް ބަލަހައްޓަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފޮނުވާފައިވާ ސިޓީގައި އެދިފައި ވަނީ ފްލެޓަށް ދައްކަން ޖެހޭ ދެ މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސައި އެކަން އެ ކޯރަޕޭޝަނަށް އެންގުމަށެވެ.
"އަދި ދަންނަވަމެވެ. ދެންނެވުނު މުއްދަތުގެ ތެރޭގައި ލޯނު ހަމަޖެހިފައިނުވާ ނަމަ، ފްލެޓް ގަތުމަށް ތިޔަ ފަރާތަށް ލިބިފައިވާ ފުރުސަތު ގެއްލޭނެ އެވެ. އަދި ތިޔަ ފަރާތަށް ހުޅުމާލެ އިން އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން އަދި ކަނޑައެޅޭ ޕްރައޮރިޓީ ލިސްޓެއްގެ ދަށުން ފްލެޓް ލިބޭނެ މަގު ސަރުކާރުން ތަނަވަސްކޮށްދެއްވާނެ ކަމުގައި ދެންނެވީމެވެ،" އެޗްޑީސީން ފޮނުވި ސިޓީގައިވެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ އަރަބިއްޔާ އާއި ގާކޮށި ފްލެޓްތަކަށް އެންމެ ފަސޭހަ އިން ފްލެޓަށް ވަދެވޭނެ އިންތިޒާމްތައް މި ސަރުކާރުން ހަމަޖައްސައިދޭން މަސައްކަތް ކުރި ކަމަށެވެ. ލޯނު ދައްކަން އުނދަގޫ ފަރާތްތަކަށް ހާއްސަކޮށްގެން ލޯން ސްކީމެއް ވެސް ހުޅުވާލި ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސައިމަން ވިދާޅުވި ގޮތުގައި މިހާތަނަށް ވެސް ލޯނު ހަމަނުޖެހުނު މީހުންނަށް ދެވެން އޮތް ލުޔެއް ސަރުކާރުން ވަނީ ދީފަ އެވެ.
"މިކަމުގައި ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭނެ،" ސައިމަން ވިދާޅުވި އެވެ.
ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
16 October 2017
ބޯޓު ފަހަރު ފަރައް އަރައިގެން އެތައް ސަތޭކަ މިލިއަން ރުފިޔާ އެއް ސަރުކާރައް ނުދައްކާ އެތައް އަހަރެއްވާއިރު އެއްވެސް ފިޔަ ވަޅެއް ނޭޅެއެވެ. ރިސޯޓު އޯނަރުން ޖޫރިމަނާ ފައިސާ ނުދެއްކީމަ 10 އަހަރުން ދައްކާ ގޮތައް ހަދާދެއެވެ. ނިކަމެތި ރައްޔިތު މީހާ ނިސްބަތުން މަދު ފައިސާ ކޮޅެއް ދައްކަން ޖެހޭ އިރު އެދައްކަން ސަރުކާރުން މަޖްބުރު ކުރަނީއެވެ. ފަސޭހަ ގޮތެއް ނެތެވެ. ދަރީން ކޮޅަށް ބޯހިޔާ ވަހި ކަމެއް ވެސް ނެތެވެ.
23698
16 October 2017
ކަލޯ މީ ފްލެޓް ކުރާ ރައީސް. ރާއްޖޭގެ ހުރިހާ ރައްޔިތުން ފްލެޓް ކޮށްލާ ދަރަނި ކޮށްލާނެ. ގޯތި ނުދޭން ހަމަ ހިފަނީ ހިފަނީ ހިފަނީ. ފްލެޓް އެޅީމާ ގެންގުޅޭ ކުދިންކޮޅު ޖީބަށް ލާރި ލިބެނީ ލިބެނީ ލިބެނީ ލިބެނީ!
ފީކަޅަ
16 October 2017
އެމްޑީޕީ ސަރުކާރުގައި 2011 ވަނައަހުރު ސަރުކާރުން ވަނީ ޓާޓާއިން އަޅި ހުރިހާފުލެޓެއް އެޗްޑީސީ އާއި ހަވާލުކޮށްފައި. އަދި ހަމަ އެއަހަރު އެމްޑީޕީގެ ވެރިކަމުގައި އެޗްޑީސީ އިން ވަނީ ޓާޓާ އަށް %20 އަށްވާ ފައިސާ ހަވާލުކޮށްފައި. 280 ފުލެޓަށް އެޗްޑީސީ އިން ޓާޓާއަށް ޖުމުލަ 336 މިލިއަން ރުފިޔާ ދައްކަންޖެހުނު. %20 ފައިސާ އެޑްވާންސްކޮށް ދެއްކުމަށް ފަހު މަސައްކަތްނުނިމި ލަސްވެގެން ދިޔަ 5 އަހަރުދުވަހުގެ ކޯސްޓް އޮފް ފަންޑަށް ޒިންމާވާނީ ކާކުބާ؟ އެމްޑީޕީ އިން ޓާޓާ އާއި މަސައްކަތް ހަވާލުކުރިއިރު ހުރި ދޯދިޔާ ކަންތައްތަކުގެ ސަބަބުން ތަނަށް މީހުން ވަނުމުގެ ކުރިން އެޗްޑީސީ އިން އިތުރަށް ކުރަންޖެހުނު ހަރަދުގެ ޒިންމާވާނީ ކާކުބާ؟
ޔަގީނޭ
16 October 2017
ލޯނު ފައިސާ މިއަދަށް ހަމަނުޖެހޭ މީހުންނަށް ޓާޓާ ފްލެޓް ނުލިބިދާނެ ކަމުގެ ބިރު އެއްގޮތަކަށް ވެސް ގަންނާން ނުޖެހެއެވެ. މަމެން ޕިންކީންގެ ސަރުކާރުން އެބައި ރަނގަޅަށް ބަލަހައްޓާ ރަނގަޅު އިންތިޒާމެއްގެ ދަށުން ސަރުކާރުގެ ސޮވެރިންގް ގެރެންޓީ އެއް ދީގެން ނަމަވެސް މިކަން ހަމަޖައްސާ ދޭނަމެވެ. ޓާޓާ ފްލެޓްސް ތަކުގެ އަގު ބޮޑު ވެގެން އެއުޅެނީ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އޭނާ ހެދި ކަނޑުކޮސް ޕިޕިޕީ ގެ ދަށުން އޭނާގެ އެކެބަނޑެ ބެއްޔާ މެން އަޑީގައި ތިބެގެން ކުންފުންނެއް ހަދާ އެކުންފުންނަށް މާލޭގައި ފްލެޓްސް ތައް އަޅަން ދީގެން ކަމަށްވާތީއެވެ. ތިތަނުގައި ޓާޓާ އެއީ ނަމެއްގައި ތިބޭ ބަޔެކެވެ. ތީގެ އަޑީގައި ތިބެނީ ކެނެރީގެ ނަޝީދުގެ އެކެބަނޑެ ބެއްޔާ މެންނެވެ. އެމެން ތިޔާ ފްލެޓްސް ތައް ވެސް އެޅީ ޕިޕިޕީގެ ދަށުން ނޫނެވެ. ތިޔާ ފްލެޓްސް ތައް ވެސް އެމެން އެޅީ އެއީ ސަރުކާރުގެ ބަޖެޓުން އަޕް ފްރަންޓް ކޮށް ފައިސާ ނަގައިގެން ނެވެ. މަމެން މިފްލެޓްސް ތައް ނިންމީ ވެސް. ފްލެޓް ދޭނަން މަމެން ހައްގު ވެރިންނަށް. ޔަގީން.
ކޯޓު
15 October 2017
ބޭބެ ބުނާގޮތެއް ހަދަންޏާ ފްލެޓް ލިބުނު އެންމެން ދާންވީ ކޯޓަށް! ކުރީގެ ސަރުކާރުން ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ލިބޭނެކަމަށް ލިއުން ހަވާލުކޮށްފަ ހުރި ތަންތަން ދަށުންދަމާ ކުޅޭހެން އެޗްޑީސީއަށް ވިއްކި މައްސަލަ ހުށަހަޅަންވީ!
ބޭޝަރަމް
15 October 2017
ސަރުކާރުން އެޗްޑީސީއަށް ތި ފްލެޓްތައް ވިއްކީ ކޮން އުސޫލަކުން ކިހިނެއްވެގެންކަން ރައްޔިތުންނަށް ބުނެދޭންޖެހޭ!
އަތްފުނާ
15 October 2017
ލޯނު ފައިސާ ހަމަ ނުޖެހޭ މީހުނަށް އެކަން ސަރުކާރުން މަގުފަހި ކޮށްދީ ،އެކަން ކޮށްދިނުން އެއީ ސަރުކާރުގެ އަސާސްގެ ތެރެއިން އެއް ކަންތައް.މި ރައްޔިތުންނަށް މާލެއިން ފްލެޓްތައް މި ލިބުނީ 20ކަށް އަހަރުގެ ދިގު އިންތިޒާރުތަކަށް ފަހު.
އަލިތަކުރު
15 October 2017
ސަރުކާރުން ބޭނުންވެއްޖެނަމަ ލުއިކޮށްދެވެން އެބައޮތް. އެކަމަކު ކޮށްދޭކަށް ބޭނުމެއްނުވަނީ އެއީ އަންނި ދައުރުގައި އެޅިތަނަކަށްވާތީ އަދި އެތަން ލިބިފައިވަނީ އެމްޑީޕީ މީހުންނަށް ކަމަށް ސަރުކާރަށް ޤަބޫލުކުރެވޭތީ.
ލާރި
15 October 2017
280 ފްލެޓަށް ދެއްކީ 227 މިލިއަން، އެކަމަކު ވިއްކަނީ 2 މިލިއަނަށް، ކާކު ބުނެގެންތަ، ސަރުކާރު ލިޔުން ހަވާލުކޮފަ އޮތް ފްލެޓެއް ދެން އައި ސަރުކާރުން އެޗްޑީސީއަށް ވިއްކީ، ކީއްވެގެންތަ އެމީހުން ދެއްކި އަގުގެ ދެގުނަ ފްލެޓްގެ ވެރިފަރާތުން ދައްކަން ޖެހެނީ؟ ސައިމަން އެއަށް ޖަވާބު ދީބަލަ!
ޕިސް ޕިސް
15 October 2017
ހާލުގާ އުޅޭތީ ފްލެޓްމި ބޭނުންވަނީ. ޢެކަމު ތި ލިބިގެންވެސް މި ވަނީ އިތުރަށް ދަރަނިވެރި. ބަލާތި ތި ކަންތައްވެސް ނިމޭއިރު ލިބިފަ އޮންނާނީ ގެދޮރު ހުރި ބޭފުޅުންނަށް. ގެ ނެއް މީހުން ޖެހޭނީ އެ ބޭފުޅުން އަތުން ކުއްޔަށް ނަގަން އެވެސް ބޮޑު ކުއްޔަކަށް