އައްޑޫ ފްލެޓްތައް މި އަހަރު ހަވާލުކުރާނެ: މުއިއްޒު

ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫގައި އިމާރާތްކޮށްފައިވާ ފްލެޓްތައް މި އަހަރު ނިމުމުގެ ކުރިން އޭގެ ހައްގުވެރިންނާ ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.


ޕީޕީއެމުން ހޮނިހިރު ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ ފްލެޓްތައް ދޫކުރުމުގެ ކުރުން ބަލަން ޖެހޭ ކަންކަން ވެސް މިހާރު އެއްކޮށްހެން ނިމިފައިވާ ކަމަށެވެ. އެހެންވެ ހިތަދޫގައި އަޅާފައި 264 ފްލެޓާއި ހުޅުމީދޫގައި އަޅާފައިވާ 48 ފްލެޓް މި އަހަރު ނިމުމުގެ ކުރިން ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މި ފްލެޓްތަކަށް ކުރިމަތިލާން ސަރުކާރު ހުޅުވައިލީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް މިހާތަނަށް އައި އިރު، ފްލެޓްތައް ދޫނުކުރެވި ލަސްވާތީ، ފްލެޓްތަކަށް ކުރިމަތިލި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހުޅުމީދޫގައި ހަދާފައިވާ ފްލެޓްތައް؛ މީގެ ތެރޭގައި 48 ފްލެޓް ހިމެނޭ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ހިތަދޫގެ ފްލެޓްތަކަށް ހުޅުވައިލުމުން މުއްދަތު ހަމަވި އިރު، 585 މީހަކު ފޯމް ހުށަހަޅާފައިވެ އެވެ. އަދި ހުޅުމީދޫ ފްލެޓްތަކަށް ކުރިމަތިލާން ތަކުރާރުކޮށް ހުޅުވާލައިގެން ވެސް އެކަށީގެންވާ ތަރުހީބެއް މިހާތަނަކަށް ނުލިބެ އެވެ.

އެހެންވެ އެންމެ ފަހުން އެ ފްލެޓްތަކަށް އަލުން ކުރިމަތިލާން ހުޅުވައިލީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

އައްޑޫގެ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަން ޖެހޭ އިރު، މަހު ކުއްޔަކަށް ކަނޑައަޅާފައި ވަނީ 3،000ރ. އެވެ.