ހައްޖާއި އުމްރާގެ ވިސާ ދޭނީ ހަމައެކަނި ސައުދީ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް!

ހައްޖަށާއި އުމްރާއަށް ދިއުމަށް ރާއްޖެއިން ވިސާ ދޭނީ ހަމައެކަނި ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ދަތުރުކުރާ ފަސިންޖަރުންނަށް ކަމަށް ހަމަޖައްސައިފި އެވެ.


ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބައެއް ޓްރެވަލް އެޖެންސީތަކަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ހައްޖަށާއި އުމްރާއަށް ވިސާ ދޫކުރަން ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެ ދެ އަޅުކަމަށް ދާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް ވިސާ ދިނުމަށް ހަމަޖައްސާފައި ވަނީ ސައުދީ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ކަމަށެވެ. އަދި ބާކީ 50 ޕަސެންޓް ވިސާ ދިނުމަށް ހަމަޖެހިފައި ވަނީ އެ ގައުމެއްގެ ގައުމީ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

"އެކަމަކު ރާއްޖޭގެ ގައުމީ އެއާލައިން ސައުދީ އަރަބިއްޔާއަށް ދަތުރުނުކުރާތީ ހުރިހާ ވިސާއެއް ދޫކުރަން ނިންމާފައި ވަނީ ސައުދީ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް،" އެ ސިޓީގައި ބުނެފައިވެ އެވެ.

ރާއްޖެއިން މިއަހަރު ގްރޫޕްތަކުން ހައްޖަށް ދިޔަ މީހުން ދަތުރުކުރީ އެކި އެއާލައިންތަކުގަ އެވެ. ނަމަވެސް ހައްޖު ކޯޕަރޭޝަންގެ ހުރިހާ ހައްޖުވެރިން ދަތުރުކުރީ ސައުދިއާ އިންނެވެ. އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން ދެން އެހެން އެއްވެސް އެއާލައިނަކުން ދަތުރުކުރާ ފަސިންޖަރުންނަށް ވިސާ ދުލެއްނުކުރާނެ އެވެ.

ސައުދީގެ އެއާލައިނުން ރާއްޖެ ހަފުތާއަކު ހަތަރު ދަތުރުކުރެ އެވެ.