ކުލަގަދަ ހަފުލާއަކާއެކު، ދިރާގުން އެޕަލްގެ އައިފޯނު 10އެއް މިރޭ ވިއްކަން ފަށައިފި އެވެ.
އެޕަލްގެ އެންމެ ފަހުގެ އައިފޯނު ރަސްމީކޮށް ވިއްކަން ފެށުމުގެ ގޮތުން ދިރާގުން ވަނީ އެ ކުންފުނީގެ ހެޑް އޮފީހުގައި މިއުޒިކާއެކު ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ. ނޮވެމްބަރު 24 ވަނަ ދުވަހު އެ ކުންފުނިން ޕްރީ އޯޑަރަށް ހުޅުވާލުމުން ބުކްކުރި ފަރާތްތަކަށް ފޯނު ދޫކުރަން ފެށީ މިރޭ 12:00ގަ އެވެ. އޭރު ފޯނު ހޯދަން ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ހަދައިގެން ތިއްބެވެ.
ދިރާގުގެ އިސް އޮފިޝަލަކު ވިދާޅުވީ އެޕަލް އިން ރާއްޖެއަށް މިރޭ ދަންވަރު 12:00ގައި ރަސްމީކޮށް ފޯނު ތައާރަފްކުރަން ނިންމުމުން އެ ކުންފުނިން ބޭނުންވީ ކަސްޓަމަރުންނަށް ވީއެންމެ އަވަހަކަށް ފޯނު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން މިރޭ 2:00އާ ހަމަޔަށް ފޯނު ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހު ތިންވަނަ ދުވަހު ދުނިޔޭގެ ބާޒާރަށް އެ ފޯނު ނެރުމާއެކު ރާއްޖޭގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ ފޯނު ވިއްކަމުންނެވެ.
އައިފޯނު 10 އަކީ، އެޕަލް އިން އައިފޯނު ވިއްކަން ފެށިތާ 10 އަހަރު ފުރުން ފާހަގަކުރަން އެ ކުންފުނިން ނެރުނު ޚާއްސަ ފޯނެކެވެ. ފޭސް އައިޑީ ފަދަ އާ ކަންކަން ހިމަނައިގެން ނެރުނު އައިފޯން 10 ގެ ޑިމާންޑް ބޮޑުވެ، މިދިޔަ މަހުގެ ކުރީކޮޅު ޕްރީ އޯޑަރަށް ހުޅުވާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ހުރިހާ ފޯނެއް ވިކި ހުސްވެފަ އެވެ.