އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވާ "ކަލާ ރަން" ގައި ހަބޭސްގެ ތިން ބޭންޑެއް ޕަފޯމް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (ހަބޭސް އައްޔަ) ބުނީ ހަބޭސް ބޮޑުބެރާއި ހަބޭސްގެ ފިއުޝަންގެ އިތުރުން ލެވިޓޭޝަންގެ ހުށަހެޅުންތަކެއް "ކަލާ ރަން" ގެ ތެރެއިން ފެނިގެން ދާނެ ކަމަށެވެ.
"މި އިވެންޓްގެ ތެރޭގެ ތިން ދިމާލެއްގައި އަހަރެމެންގެ ތިން ބޭންޑްގެ ހުށަހެޅުންތައް ފެނިގެން ދާނެ،" އޭނާ ބުންޏެވެ. "އެހެެންވީމާ މި އިވެންޓްވެގެން ދާނީ އެއް ދުވަހެއްގައި ހަބޭސްގެ ތަފާތު ރަހަތަކެއް ކަލާ ރަންގައި ބައިވެރިވާ މީހުންނާއި މި އިވެންޓް ބަލަންދާ މީހުންނަށް ވެސް ފެނިގެން ދާނެ އިވެންޓަކަށް."
ހަބޭސް ބޮޑުބެރަކީ ރާއްޖޭގެ ބޮޑުބެރުގައި އެންމެ ކުރީގައި އުޅޭ އެއް ބޭންޑެވެ. އަދި ހަބޭސް ފިއުޝަންއަކީ މޯލްޑިއަވިއަން އައިޑޮލްް ސީޒަން ދޭކުން ފެނިގެން ދެ ލަވަ ކުޔުންތެރިޔާ އިބްރާހީމް ވަހީދު (ބޮޑުބެ) އާއި އަހުމަދު ސައްޔާހް ލީޑް ވޯކަލިސްޓުންގެ ތެރޭގައި ހަރަކާތްތެރިވާ ބޭންޑެވެ.
ލެވިޓޭޝަންއަކީ ވޮއިސް މޯލްޑިވްސް އިން ވިދާލި ލަވަ ކިޔުންތެރިޔާ ހަސަން ތޮލާގް (ތޮލާ) ލީޑް ކުޅޭ ޕޮޕް ބޭންޑެކެވެ.
އުރީދޫގެ "ކަލާ ރަން" އަންނަ ހުކުރު ދުވަހު ބާއްވާ އިރު، މި އިވެންޓަކީ ކުރިން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ބާއްވަން ނިންމި އިވެންޓެކެވެ. ނަމަވެސް އަންނަ ހުކުރަށް ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ އުރީދޫ "ކަލާ ރަން" ގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވައި، އެ ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ ޕަސެންޓެއް އެ ފަރާތަށް ހަދިޔާ ކުރެ އެވެ. މި އަހަރު އުރީދޫ ކަލާ ރަންގެ ޗެރިޓީ ޕާޓްނަރަކީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އެވެ.
ތަޖުރިބާކާރު ދުވުންތެރިންނާއި ދުވުމަށް ޝައުގުވެރިވާ މީހުން އަދި އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ހުރިހާ މީހުންނަށް އުރީދޫ ކަލާ ރަން ގައި ބައިވެރިވުމަށް، އެ ކުންފުނީގެ އިތުރުން މި ދުވުމުގެ އެންމެހައި ޕާޓްނަރުން ދައުވަތު ދެ އެވެ.