މެޑްރިޑް (ޖެނުއަރީ 18) - ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަކީ މަޝްހޫރު ބޮޑެތި ކްލަބްތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސްޕެނިޝް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ސިފަކުރައްވައިފި އެވެ.

ޓެބާސް ވިދާޅުވީ ސިޓީ އާއި ޕީއެސްޖީ ފަދަ ކްލަބްތަކުގެ ސަބަބުން ފުޓްބޯޅައިގެ އަސްލު އޮޅޭ ކަމަށާއި އެ ކްލަބްތައް ސިފަވަނީ ގައުމުތަކުން ތަމްސީލްކުރާ ޓީމުތަކެއްގެ ގޮތުގައި ކަމަށެވެ.

"އަހަރެމެން ކަންބޮޑުވަނީ ހަމައެކަނި ސްޕެނިޝް ލީގާ މެދު އެއް ނޫން. މުޅި ޔޫރަޕްގެ ފުޓްބޯޅަ އަށް ވެސް ބިރު އެބައޮތް. މި މަންޒަރު ބަލަން އަހަރެމެން ތިބޭތާ މިހާރު އަހަރެއް ވެއްޖެ. ސިޓީ އެ އަންނަނީ މިނެއް ނެތި ހަރަދު ކުރަމުން. މިއީ ވިސްނަން ޖެހޭ ކަމެއް،" ޓެބާސް ވިދާޅުވި އެވެ.

ކްލަބްތައް ހަރަދުކުރުމުގެ ހައްދުތައް ކަނޑައަޅައި ފުޓްބޯޅައިގެ ހަމަހަމަކަން ގެނައުމަށް ޔުއެފާ އިން ވަނީ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކެއް އެކުލަވާލައިފަ އެވެ. އަހަރުން އަހަރަށް އެފްއެފްޕީ އަށް ބަދަލުތަކެއް ވަނީ ގެނެވިފަ އެވެ. މަދު ފަހަރަކު ނޫނީ ކްލަބްތަކަށް ފިޔަވަޅެއް ނާޅަ އެވެ.

ޓެބާސް ވިދާޅުވީ ކްލަބްތަކުން ހަރަދުކުރާ މިންގަނޑު ބެލުމަށް އެފްއެފްޕީ ނުކުޅެދިފައިވާ ކަމަށެވެ.

"އެފްއެފްޕީގައި އެބަ އޮވޭ ގަވާއިދުތަކެއް. އެކަމަކު އެ ގަވާއިދުތަކަށް ފެތޭ ގޮތަށް ހަރަދު ކުރަނީ ކިތައް ކްލަބުންތޯ އެއީ ސުވާލެއް. ފިޔަވަޅު އެޅުނީ ކިތައް ކްލަބާ މެދުތޯ އެއީ ވެސް ސުވާލެއް. މިއީ ވަރަށް ވިސްނުންތެރިކަމާ އެކު ބަލަންޖެހިފައި އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފާއިތުވި 10 އަހަރަށް ބަލާއިރު ފުޓްބޯޅަ ބަދަލުވެފައިވާ މިންވަރު ހީކުރި ވަރަށް ވުރެ މާ ގޯސް ކަމަށާއި މިކަން ރަނގަޅު ނުކޮށްފިނަމަ ކަންތައްތައް އަތުން ބީ ވެގެން ދިޔުމުގެ ބިރު އެބައޮތް ކަމަށް ޓެބާސް ވަނީ ވިދާޅުވެފަ އެވެ.

"ޕީއެސްޖީ އާއި ސިޓީން ކުރާ ހަރަދުތައް އެހުރީ ފެންނަން. މިދިޔަ ހަތަރު އަހަރުތެރޭ އެ ޓީމުތައް ކުރި ހަރަދުތައް އެ ދަނީ އިތުރުވަމުން. އެ ދެ ކްލަބް ވެސް ނެތް ޔޫރަޕްގައި ރަނގަޅު ކާމިޔާބެއް ހޯދާފައި. އެކަމަކު ހަރަދު ކުރޭ. މީގެ އިން ވިސްނެނީ ސިޓީ އާއި ޕީއެސްޖީ އަކީ މާކެޓް ކުރުމާއި ކޮމާޝަލް ރައިޓްސްގައި ވަރަށް ފުންނާބު އުސް ބައެއް ގޮތުގައި ނޫނީ ވެދާނެ އެމީހުން ލޮޓަރީއެއް ކާމިޔާބުކުރީ ކަމަށް. މި ފަދަ ކަންތައްތަކުގެ ސަބަބުން ފުޓްބޯޅައިގެ ވާދަވެރިކަން ކުޑަވެއްޖެ. މިއީ މި ކުޅިވަރަށް ގެއްލުމެއް،" ޓެބާސް ވިދާޅުވި އެވެ.

ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން އަންނަނީ ކްލަބްތަކުން ކުރާ ހަރަދުތައް ހަދާފައިވާ ގަވާއިދުތަކަށް ފެތޭތޯ ބެލުމަށް ޔުއެފާ ނުކުޅެދިފައިވާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.