އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި 60 ވަނަ ގްރެމީ އެވޯޑްގެ އެންމެ ޝަރަފުވެރި ހަތަރު ކެޓަގަރީން ތިން ކެޓަގަރީ ކާމިޔާބުކޮށް ޖޭޒީގެ މައްޗަށް ބޮޑު ކާމިޔާބީއެއް ބްރޫނޯ މާސް ހޯދައިފިއެވެ. އަށް ކެޓަގަރީއަކުން ނޮމިނޭޓްވި ޖޭޒީ މިއަހަރު ހުސްއަތާ ދާންޖެހުނަސް، ބްރޫނޯ ކުރި ހޯދީ ނޮމިނޭޓްވި ހަ ކެޓަގަރީން ވެސް ގްރެމީ ހާސިލްކޮށްގެނެވެ.
ބްރޫނޯ މާސްއަށް އޭނާގެ 24ކޭ މެޖިކް އަށް އަލްބަމް އޮފް ދި އިޔާ، އޭނާގެ ދެޓްސް ވަޓް އައި ލައިކް ލަވައަށް ސޯންގް އޮފް ދަ އިޔާ، 24ކޭ މެޖިކް އަށް ރެކޯޑް އޮފް ދަ އިޔާގެ ގްރެމީ ލިބުނެވެ. ބްރޫނޯއަށްފަހު އެންމެ ކާމިޔާބު އާޓިސްޓެއްގެ ގޮތުގައި ޝަރަފުތައް ހޯދީ ރެޕާ، ކެންޑްރިކް ލަމާރް އެވެ. އޭނާ ވަނީ ފަސް ކެޓަގަރީއަކުން ގްރެމީ ގެންގޮސްފައެވެ. އޭގެތެރޭގައި ރެޕް އަލްބަމް، ރެޕް ޕާފޯމަންސް އަދި ރެޕް ސޯންގް ވެސް ހިމެނެއެވެ. މީގެއިތުރުން އެޑްޝީރަންގެ ޝޭޕް އޮފް ޔޫއަށް ވަނީ ޕޮޕް ސޯލޯ ޕާފޯމަންސް ލިބިފައެވެ. އަދި އޭނާގެ އަލްބަމަށް ވަނީ ޕޮޕް ވޯކަލް އަލްބަމްގެ އެވޯޑްވެސް ލިބިފައެވެ.
ދަ ލޭޓް ލޭޓް ޝޯގެ ހޯސްޓް ޖޭމްސް ކޯޑަން ހޯސްޓްކުރި ގްރެމީގައި މޮޅު ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔައިރު، ކޮންމެވެސް ވަރެއްގެ އިޖުތިމާއީ އަދި ސިޔާސީ ކުލަވަރުތަކެއް ވެސް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭގޮތުން ލިޔެފައިވާ ފަޔާ އެންޑް ފިއުރީ ފޮތުގެ ބައެއް ތަންތަންކޮޅު އެކި މިޔުޒިޝަނުންނުން ކިޔާތަން ދައްކާ ވީޑިއޯ ކްލިޕެއްގައި، ރިޔާސީ ރޭހުގައި ޓްރަމްޕާ ވާދަކުރެއްވި ހިލަރީ ކްލިންޓަން ވެސް ވަނީ ބައިވެރިވެފައެވެ. މި ފޮތާ ބެހޭގޮތުން ޓްރަމްޕް ބުނެފައިވަނީ އެއީ "ފޭކް ނިއުސް" ކަމަށެވެ.
މަޝްހޫރު އެތަށް ތަރިންނެއް ބައިވެރިވި މި ހަފުލާގައި އެންމެ ފާހަގަކޮށްލެވުނު ތަރިންނަކީ ބިޔޯންސޭ އާއި އޭނާގެ ފިރިމީހާ ޖޭޒީ އާއި ދަރިފުޅު ބްލޫ އައިވީ އެވެ. ކަޅު ކުލައިގެ ހެދުމެއްގައި ކަޅު ތޮއްޕަކާއި އެކު ބިޔޯންސޭ ސްޓޭޓްމަންޓް އިއަރިންގެއް ބޭނުންކޮށްފައި ވާއިރު އޭނާ އަޅައިގެން ހުރި ގަހަނާތަކުގެ އަގު ހަ މިލިއަން ޑޮލަރަށް އަރާނެ ކަމަށް ހޮލީވުޑް ރިޕޯޓްތައް ބުނެއެވެ.