ގޫގްލް މެޕްސްއަކީ ލޮކޭޝަން އަންގައިދޭ އެންމެ އިތުބާރު ބޮޑު އެއް ވަސީލަތެވެ. މީގެ އެންމެ ފަހުގެ ވާޝަންގައި ވަނީ ދަންވަރު ބޭރުގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ވިސްނައިގެން ކަންތައްތަކެއް ތައާރަފްކުރަން ފަށައިފަ އެވެ.

މިފަހަރު ނުކުތް 9.71 ބީޓާ ވާޝަންގައި ހިމެނޭ މި ފީޗާގައި، އެކުވެރިންގެ ތެރެއިން ލޮކޭޝަން ފެންނަ ގޮތަށް ހުރި މީހުންގެ ލޮކޭޝަންގެ އިތުރުން އެ މީހުންގެ ފޯނުގެ ބެޓެރީގެ ބާރު ހުރި ވަރު ވެސް ފެންނާނެ އެވެ. ބެޓެރީގެ ބާރަކީ މަޑުމަޑުން ފަނޑުވަމުންދާ އެއްޗަކަށްވާތީ އަންގައިދޭނީ ބެޓެރީގެ ބާރު ލަފާކުރާ މިންވަރެވެ. ނަމަވެސް ހުރި ހިސާބަކާއި ފޯނުގެ ހާލަތު އެނގޭ ނަމަ އެކުވެރިޔާގެ ސަލާމަތާއި ރައްކާތެރިކަމާމެދު ހިތްހަމަޖައްސާލެވޭނެއެވެ.

ގޫގްލް މެޕްސްއަށް މި އާ ބީޓާ ވާޝަންގެ ތެރޭން ދެން އަތުވެދާނެ ބަދަލަކީ އެކުވެރިންގެ މަންޒިލަށް ދިޔުމުގެ ކުރިން މަޑުކުރާ ތަންތަން ވަކިވަކިން އަންގައިދިނުމެވެ. މި ތަންތަނަށް ފޯރާނެ ކަމަށް އަންދާޒާކުރާ ގަޑިތައް ވެސް އޮޅުންފިލާނެކަމަށްވެއެވެ.

މިއީ މުޅިން ވެސް ގޫގްލް މެޕްސްއަށް އަތުވެދާނެ ކަމަށް ބެލެވޭ ބަދަލުތަކެވެ. ގިނަ ފަހަރަށް އާ ވާޝަންތައް ނުކުމެ ހިނގައިގަންނައިރު މި ހުރިހާ ބަދަލުތަކެއް ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.