ފްލެޓް ހޯދަން ދައުލަތަށް ދޫކޮޮށްލި 66 ބިމެއް ވިއްކާލަން އިއުލާންކޮށްފި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ހޯދުމަށް ދައުލަތަށް ދޫކޮށްލި ބިންތަކުގެ ތެރެއިން 66 ބިމެއް ވިއްކާލަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.


ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން އެ އިއުލާނުގައި ހިމެނޭ 66 ބިން ވިިއްކާނީ އަކަފޫޓެއް 2،000ރ. ގެ ރޭޓުންނެވެ. މިފަހަރު ވިއްކާ ބިންތަކުގެ ތެރޭގައި މާލޭގެ ހަތަރު އަވަށުގެ ބިންތައް ވެސް ހިމެނެ އެވެ.

ބިން ވިއްކާނީ ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ދައުލަތަށް މިލްކުވާ ބިންތައް ވިއްކުމާ ބެހޭގޮތުން ހައުސިން މިނިސްޓްރީން ކުރިން އާންމުކޮށްފައިވާ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގެ ދަށުން އެފަދަ ބިމެއް ވިއްކުމުގައި އިސްކަން ދޭނީ އެ ބިމެއްގެ ބެހެނިވެރިންނަށާއި އެ ބިންތަކާ އިންވެގެން އޮންނަ ބިންތަކުގެ ވެެރިންނަށެވެ.

ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ 37 ބިމެއް ވިއްކަން ހައުސިން މިނިސްޓްރީން ކުރިން ވެސް ކުރި އިއުލާންކުރި އެވެ. ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ފްލެޓް ދޫކުރަނީ ވަކި މިންވަރަކަށް ވުރެ ކުދި ބިންތައް ހުންނަ ފަރާތްތަކަށެވެ. އެފަދަ ފަރާތްތަކަށް ފްލެޓް ދިނުމުން އެ ފަރާތެއްގެ ބިން ދައުލަތަށް ދޫކޮށްލަން ޖެހެ އެވެ.