ނުހުއްޓި 24 ގަޑިއިރު ވާންދެން މާލެ ވަށައި ދުވެގެން މަޝްހޫރުކަން ހޯދި އަހުމަދު އާތިފް (އާތި) މިހާރު ތަައްޔާރުވާން އުޅެނީ ފަލި ޖަހައިގެން ރާއްޖެ ވަށައި ބުރެއް ޖެހުމުގެ ހިތްވަރަށެވެ. އަންނަ އަހަރުގެ ފެބުރުއަރީ މަހު ފަށަން ގަސްދުކުރާ އެ ޗެލެންޖަށް ނުކުންނަން ބޭނުންވާ ފަލި ޖެހުމުގެ ތަމްރީންތަކަށް ރޯވިން ބޯޓު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.
އާތި މިހާރު ހޯދަމުން ދަނީ އެ ބޯޓަށް ކިޔާނެ ނަމެކެވެ.
ބޯޓުގެ ފޮޓޯއަކާ އެކު އެކަން އޭނާގެ ފޭސްބުކްގައި އިއުލާނު ކުރުމުން ތަފާތު ނަންތައް މީހުން އަންނަނީ ހުށަހަޅަމުންނެވެ. "ފަލި ދުވެލި" އާއި "ވަށާޖެހި" އާއި "ކަޅުއޮއްފުންމި ދޭއް" ފަދަ ނަންތައް އެކި މީހުން ވަނީ ހުށަހަޅައިފަ އެވެ. އަދި އޭނާ މަޝްހޫރުވި، އަލްޓްްރާރަންއާ ގުޅިގެން ކަމަށް ވާތީ "އަލްޓްރާއެމްވީ" ފަދަ ނަމެއް ކިޔަން ވެސް ބައެއް މީހުން އަންނަނީ އެދެމުންނެވެ.
"ވަރަށް ފާޑުފާޑުގެ ތަފާތު، މަޖާ ނަންތައް އެބަ ހުށަހަޅާ. އޭގެ ތެރޭން އެންމެ ކަމުދާ ނަމެއް ޗޫސްކުރާނީ،" އާތި ބުންޏެވެ.
މާލޭން ފަށައިގެން މާލެއަށް ނިންމާ ގޮތަށް އާތި ފަށާ މި ދަތުރުގައި ބޭނުންކުރާނީ މި އުޅަނދެއް ނޫނެވެ. އެކަމަކު އަސްލު ދަތުރުގައި ވެސް ދުއްވާނީ ހަމަ މިކަހަލަ ބޯޓެކެވެ. އޭނާ އަށް މިކަމުގައި ހޭދަކުރަނީ ކަނޑު އިންޖީނު ވިއްކުމުގައި ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސްއިން ނެވެ. މިހާރު ތިލަފުށީގައި އޮތް ބޯޓު ގެނައީ ކެނެޑާއިންނެވެ.
އާތިގެ މި ދަތުރުގެ ބޭނުމަކީ، އޭނާ ބުނި ގޮތުގައި، ރާއްޖޭގައި ހުރި ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
އޭނާ ބުނީ ބޮޑު އިވެންޓުގައި ބޭނުންކުރާ އުޅަނދު އެއަށް ވުރެ ބޮޑުވެފައި މާ އަގުބޮޑު ވާނެ ކަމަށެވެ. ނެވިގޭޝަންގެ އިތުރުން އެކަނި ކަނޑުމަތީގައި އުޅެން ބޭނުންވާ ސާމާނު ވެސް އެއަށް ބަރުކުރެވޭނެ އެވެ. އެ އުޅަނދު ގެންނާނީ ދަތުރު ފަށަން ގާތްކޮށްލާފައި ކަމަށް އޭނާ ބުންޏެވެ.
ޓްރޭނިން ބޯޓުގައި އާތި ފަލި ޖަހަން ފަށާނީ މަހެއްހާ ދުވަސް ފަހުންނެވެ. އޭނާ މިހާރު ތައްޔާރުވަމުން އަންނަނީ އިނގިރޭސި ވިލާތުގައި އަންނަ މަހު ބާއްވާ 30 ގަޑިއިރުގެ ދުވުމަށެވެ. ގާތްގަނޑަކަށް 165 ކިލޯމީޓަރުގެ މި ރޭހަށް އޭނާ ހޮވުނީ މާލެ ވަށައި 24 ގަޑިއިރު ދުވެފައި ވާތީ އެވެ.
"މި ގޮތަށް ދުވުމަކީ ވެސް ފަލި ޖެހުމަށް ލިބޭ ވަރަށް ބޮޑު ޕްރެކްޓިސްއެއް. އޭރުން ފިޒިކަލީ އަދި މެންޓަލީ ވެސް މީހާ ވަރަށް ބޮޑަށް ފިޓުވާނެ،" ފުލުހުންގެ މަތީ މަގާމެއް ވެސް ފުރަމުން އަންނަ އާތި ބުންޏެވެ.
ކުރިން އޭނާ ވިސްނާފައި އޮތީ އެކުވެރިއަކާ އެކު ފަލި ޖެހުމަށެވެ. އެކަމަކު އެކަން ކުރާނީ އެކަނިތޯ ނުވަތަ އެހެން މީހަކާ އެކުގައިތޯ އަދި މުޅިން ފައިނަލް ނުވާ ކަމަށް އާތި ބުންޏެވެ.
އެނގިފައިވާ ގޮތުން ރާއްޖެ ވަށައި އޭނާ ބުރުޖަހާނީ އެއްވެސް ރަށަކަށް މަޑުނުކޮށެވެ. ކާން ވެސް ބޭނުން ކުރާނީ މިފަދަ ދަތުރުތަކަށް އާއްމުކޮށް މީހުން ގެންދާ ޕެކްކޮށްފައި ހުންނަ ކާއެއްޗެއްސެވެ. އެ ހުރިހާ ސާމާނެއް ވެސް ރައްކާކޮށްފައި ހުންނާނީ އާތި ފަލިޖަހާ ބޯޓުގަ އެވެ.
"އިމަޖެންސީކަމެއް ދިމާވެގެން ނޫނީ ބޯޓުން ފައިބާކަށް ގަސްދެއް ނުކުރަން،" އެއީ ބޮޑު ޗެލެންޖެއްކަން ފާހަގަކުރަމުން އޭނާ ބުންޏެވެ.
ރާއްޖެ ވަށައި ކުރާ ދަތުރު ނިންމާލެވޭނެ ދުވަހެއް ބުނާކަށް އޭނާއަކަށް ނޭނގެ އެވެ. އެކަމަކު އާތި ލަފާކުރާ ގޮތުން އެކަމަށް ދެ މަހެއްހާ ދުވަސް ނަގާނެ އެވެ.
ދެން އުފެދޭ ސުވާލަކީ، ރާއްޖޭގައި އަލަށް މީހަކު ނުކުންނަ މި ޗެލެންޖް އޭނާއަށް ކާމިޔާބުވާނެ ހެއްޔެވެ؟
"މީހުން ބުނެފާނެ ނުވާނޭ. އެކަމަކު މީހުން ބުނާ އެއްޗެއްސަށް ބަލައިގެން އެއްވެސް ކަމެއް ފުރިހަމައެއް ނުވާނެ. ޔަގީންކަން އެބަ އޮތް މިކަންތައް ވެސް ކުރެވޭނެ ކަމުގެ،" އޭނާ ބުންޏެވެ.
ރާއްޖެ ވަށައި 24 ގަޑިއިރު ދުވަން އާތި އިއުލާނުކުރުމުން ވެސް އެއީ ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ބުންޏެވެ. އެކަމަކު އެކަން ވެސް އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ.