ދުނިޔޭގައި މި ވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ މީހާއަކީ 112 އަހަރުގެ ޖަޕާން މީހެއް ކަމަށް ގިނިސް ވޯލްޑް ރިކޯޑުން އަންގާރަ ދުވަހު އިއުލާންކޮށްފި އެވެ.
އުމުރުން އެންމެ ދުވަސްވީ މީހާގެ ގޮތުގައި ދުނިޔޭގެ ރިކޯޑް ފޮތަށް ޖަޕާންގެ މަސާޒޯ ނޮނާކާ އެރިކަން އިއުލާންކޮށް އޭނާ އަށް ވަނީ އެކަމުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ. ނޮނާކާ އުފަންވީ ޖުލައި، 25، 1905 ގަ އެވެ.
އާއިލާއާ އެކު ހޮކައިޑޯ އަވަށުގައި ދިރިއުޅެމުން އަންނަ ނޮނާކާއާ ބެހޭ ގޮތުން އޭނާގެ މުނިކާފަ ދަރިއެއް ކަމަށްވާ ޔޫކޯ ނޮނާކާ ބުނީ ފުރޮޅުލީ ގޮނޑިއެއްގައި ކާފަ އިންނަން ޖެހުނަސް ސިއްހަތު ހަމަ އާދައިގެ ގޮތަކަށް ރަނގަޅު ކަމަށެވެ.
އާއިލާ އިން ބުނާ ގޮތުގައި ނަނާކާގެ ދިގު އުމުރުގެ ސިއްރަކީ ހުރިހާ ވައްތަރެއްގެ ފޮނިކާ ތަކެއްޗާއި ހޫނު ފެންވެރުންތަކެވެ.
"ކާފައަކީ ކޮންމެ ދުވަހަކު ބަރާބަރަށް ނޫސް ވެސް ކިޔާ މީހެއް،" ޔޫކޯ ބުންޏެވެ.
ނޮނާކާއާ އެއްބަނޑު އެއްބަފާ 8 މީހުން ތިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ފަސް ކޮއްކޮ އާއި އަންހެން ކޮއްކޮއެކެވެ. އެ މީހުން ދިރިއުޅެނީ ހޮކައިޑޯ ކައިރީގައި އޮންނަ އަޝޯރޯގަ އެވެ.
ނޮނާކާ އަށް ފަސް ދަރިން ލިބިފައިވެ އެވެ. އޭނާހގެ އަންހެނުން ހަޓްސޫނޯއާ ކައިވެނި ކުރީ 1931 ގަ އެވެ.
އޭނާ ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑް ފޮތަށް އެރީ ކުރިން އެ ރިކޯޑް އޮތް ސްޕެއިންގެ ފްރާންސިސްކޯ ނުނެޒް އޮލިވެރާ އުމުރުން 113 އަހަރުގައި މިދިޔަ ފެބްރުއަރީ މަހު މަރުވުމުންނެވެ.
ޖަޕާނަކީ ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. އެ ގައުމުގައި މިހާރު ވެސް 100 އަހަރުން މައްޗަށް ގޮސްފައިވާ 68،000 މީހުން އެބަ ތިބި ކަމަށް ސަރުކާރުގެ ރެކޯޑްތަކުން ދައްކަ އެވެ.