މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖް ގަދަ 7 އާ ހަމައިން ދޫކޮށްލަން ޖެހުނަސް ރައިހާން އާދަމްގެ ހިތްވަރު ބައްޔެއް ނުވެ އެވެ. ރޭގެ އެލިމިނޭޝަންގައި ވަކިވި ރައިހާން ބުނަނީ މި ދަތުރަކީ މުޅިން ތަފާތު އަދި ވަރަށް ގިނަ ކަންކަންކަން ދަސްވި ހަނދާން ފޮހެނުލެވޭނެ ދަތުރެއް ކަމަށެވެ.
ދ. މީދު އަށް އުފަން ރައިހާން، 21، މުބާރާތުން ވަކިވުމަށް ފަހު، ޓީވީއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި މިއަދު ބުނީ އޭނާގެ މިއުޒިކީ ހަޔާތް އަދި ކުރިއަށް އޮތީ ކަމަށެވެ. ރައިހާން ބުނި ގޮތުގައި މިއުޒިކް ދާއިރާގައި ހާސިލު ކުރަން ވޭނުންވާ އެންމެ ބޮޑު އެއް ކަމަކީ އަމިއްލަ ރާގުގެ އަލްބަމެއް އުފެއްދުމެވެ.
"އިންޝާ ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ އަމިއްލަ ރާގުގެ އަލްބަމެއް ގެނެސް ދޭނަން،" އަމިއްލަ ރާގުތަކަށް ވަރަށް ބޮޑަށް ލޯބިކުރާކަން ފާހަގަކޮށް ރައިހާން ބުންޏެވެ. "އެކަމަކު އޭގެ ކުރިން ކުރާނެ ކަމަކީ ގިޓާ ކުޅެން ދަސްކުރުން. އަދި ކިޔަވަން ވެސް ބޭނުން."
އޭނާ ބުނި ގޮތުގައި އައިޑޮލްގައި ބައިވެރިވެގެން ވަރަށް ގިނަ އެއްޗެހި މިހާތަނަށް ދަސްވެއްޖެ އެވެ. އެހެންވެ އައިޑޮލްގެ މުޅި ޓީމަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.
"ނޭނގޭ ވަރަށް ގިނަ އެއްޗެހި ދަސްވުމުގެ އިތުރަށް، އައިޑޮލްގެ ސަބަބުން ވަރަށް ބޮޑު ފެމިލީއެއް އަސްލު ލިބުނީ. ވަރަށް މިސްވާނެ އެންމެންގެ މަތިން،" އައިޑޮލްގައި ރީތި ހުށަހެޅުންތަކެއް ގެނެސް ދިން ލަވަ ކިޔުންތެރިޔާ ބުންޏެވެ.
ރައިހާންގެ ދަތުރު ރޭ ކުރުކޮށްލަން ޖެހުމާ އެކު، މޯލްޑިވިއަން އައިޑޮލް ސީޒަންގައި ވާދަ ކުރާ ބައިވެރިންގެ އަދަދު މިހާރު ވަނީ 6 އަށް ތިރިވެފަ އެވެ. އޭގެ ތެރޭގައި މިހާރު ހިމެނެނީ އަންހެން ތިން ބައިވެރިންނާއި ފިރިހެން ތިން ބައިވެރިންނެވެ.
މޯލްޑިވިއަން އައިޑޮލް 3ގެ ގަދަ 6:
* ސައިނާ މުހައްމަދު ރަޝީދު
* ހަސަން ޝަހްދާން
* ތަލްސީމް އަބްދުލް ކަރީމް
* މަރިޔަމް މައީޝާ
* ނައުޝާދު އަބްދުއްލަތީފް
* އައިޝަތު އަޒަލް ޒާހިރު
އައިޑޮލް ތިނެއްގެ މި ހަފުތާގެ ހުކުރު ދުވަހުގެ ރޭގެ ޝޯގައި ބައިވެރިން އާންމުންގެ ވޯޓަށް ދިޔައީ ރެގޭ ސްޓައިލްގެ ލަވަތައް ހުށަހަޅައި ދިނުމަށް ފަހު އެވެ. އެގޮތުން ރޭގެ އެލިމިނޭޝަން ޝޯގެ ނަތީޖާ އިއުލާން ކުރީ އާންމުންގެ 50 ޕަސެންޓް ވޯޓާއި ހަތަރު ޖަޖުންގެ 50 ޕަސަންޓް މާކްހާ އެކުގަ އެވެ. ރޭގެ ޝޯ ހާއްސަ ކުރީ "އިލެކްޓްރޯނިކް ޑާންސް މިއުޒިކް" އަށެވެ. އެހެންވެ ރެއަކީ "އީޑީއެމް ނައިޓް" އެވެ.
ރޭގެ ޝޯގައި ބައިވެރިންގެ ޑުއެޓް އަދި ޓްރިއޯ ހުށަހެޅުންތަކެއް ގެނެސް ދިނެވެ.