ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން، ބައިކް މޯލްޑިވްސް އިން މިދިޔަ ހަފުތާ ބަންދުގައި ބައިސިކަލް ރޭހެއް ބާއްވައިފި އެވެ.
މި ރޭސް ސްޕޮންސާކޮށްފައިވަނީ ވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން ކަމަށް ވާއިރު އެ ކުންފުނިން ބުނީ، މާލެ ސަރަހައްދުގެ 20 ސްކޫލަކުން 400 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
ހުޅުމާލޭގައި ބޭއްވި އެ ރޭހުން އެއް ވަނަ ހޯދާފައިވަނީ ސީއެޗްއެސްއީ އެވެ. ގާޒީ ސްކޫލުން ދެ ވަނަ ހޯދިއިރު ތިން ވަނަ ހޯދީ ހިރިޔާ ސްކޫލެވެ.
ބައިސިކަލް ރޭހުން، ހަތަރު ކެޓަގަރީއަކުން އަންހެން އަދި ފިރިހެން އެންމެ މޮޅު ސްކޫލު ހޮވާފައިވެ އެވެ.
ދަރިވަރުންނަށް އަމާޒުކޮށް ބައިސިކަލް ރޭހެއް ބޭއްވީ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ދަސްކޮށްދިނުމަށެވެ.
"ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ ދިރިއުޅުމަށް ބާރުއެޅުމުގެ ގޮތުން ބޭއްވި މުބާރާތެއް. ސްކޫލުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު،" ދިރާގުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ވަނަތައް ހޯދި ސްކޫލުތަކަށް ވަނީ މެޑަލް އާއި ޓްރޮފީ ދީފަ އެވެ.