މިދިޔަ އަހަރަކީ އެސްޓީއޯ އިން 393 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށާއި އެއީ މިހާތަނަށް އެންމެ ބޮޑަށް އިންވެސްޓްކުރި އަހަރު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ރޭ ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި އޭނާ ވިދާޅުވީ ތެލުގެ ވިޔަފާރިއަކީ އެ ކުންފުނިން ވަރަށް ސްޓްރެޓީޖިކްކޮށް ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ. އެހެންވެ، ތެޔޮ ރައްކާކުރާ ކ. ފުނަދޫގެ ސްޓޯރޭޖްގެ ޖާގަ ދެގުނައަށް އިތުރުކޮށް ތެޔޮ އުފުލަން ޓޭންކަރެއް ގެނެސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިހާރު މި ޕްރޮޖެކްޓް ނިމިގެން ކުންފުންޏަށް އަންނަނީ މީގެ ފައިދާކުރަމުން،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ކޮންސްޓްރަކްޝަންގެ ވިޔަފާރި މިދިޔަ އަހަރު ފުޅާކުރުމަށް އިންވެސްޓްކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ 15 ވަރަކަށް އަހަރު ވެސް އެ ކުންފުންޏަށް ދިމާވި އެންމެ ބޮޑު ދަތިތަކަކީ އިމާރާތްކުރުމަށް ގެންނަ ހިލަ އާއި ހިލަވެލި ބާލާނެ އަމިއްލަ މަގަތުފާލަމެއް ނެތުން ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ގުޅިފަޅުން ލޭންޑެއް [ބިމެއް] ނަގައި ބޮޑެތި ވެސެލް ކައިރިކުރެވޭވަރު ބާތިން ފެސިލިޓީއެއް [މަގަތު ފާލަމެއް] ހެދުމުގެ މަސައްކަތް ފައްޓާފައި. މިއީ ކުރިޔަށް އޮތް ދެތިން އަހަރު އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
ޝަހީރު ވިދާޅުވީ ކޮންސްޓްރަކްޝަންގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު ރެޑީ މިކްސްއަށް ބެޗިން ޕްލާންޓެއް ހަދާފައިވާ ކަމަށެވެ. އަދި އެ ބެޗިން ޕްލާންޓްގެ ކެޕޭސިޓީ އިތުރުކޮށް، އެ ޕްލާންޓް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއާއެކު އަޅުގަނޑުމެން ވާނީ ހުޅުމާލޭގައި ރެޑީ މިކްސް ޕްލާންޓެއް ހަދައި، އެ ބެޗިން ޕްލާންޓް ވެސް މިއަހަރުގެ ތެރޭގައި ވާނީ އޮޕަރޭޝަނަށް ގެނެސްފައި،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނީގެ ލޮޖިސްޓިކްސް ވަރުގަދަކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ދެ ލޭންޑިން ކްރާފްޓް ފްލީޓަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި 40،000 އަކަފޫޓުގެ ބިމެއްގައި މަލްޓި ސްޓޯރީ ގުދަނެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.