އައްޑޫގައި އަންނަ މަހު ސްކައި ޑައިވިން ޕްރޮގްރާމެއް ބާއްވަނީ

ސްކައި ޑައިވް ކުރަން ޝައުގުވެރިވާ މީހުންނަށް ހާއްސަކޮށްގެން އަންނަ މަހު އައްޑޫގައި ސްކައި ޑައިވް ޕްރޮގްރާމެއް ބާއްވަން ނިންމައިފި އެވެ.


އަންނަ މަހުގެ 10-30 އަށް "މޯލްޑިވްސް ބޫގީ: ޓެންޑެމް ސްކައިޑައިވް" ގެ ނަމުގައި ބާއްވާ މި ހަރަކާތް އިންތިޒާމް ކުރަނީ ސްކައި ޑައިވް މޯލްޑިވްސް އާއި ސްކައި ޑައިވް ގަތަރު ގުޅިގެންނެވެ.

ސްކައި ޑައިވް ގަތަރުގެ ވެބް ސައިޓްގައި ބުނެފައިވާ ގޮތުގައި ދިވެހިންނާއި ޓޫރިސްޓުންނަށް ވެސް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ސްކައި ޑައިވިން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ އެވެ.

ސްކައި ޑައިވް ގަތަރުން ބުނީ ސިންގަލް ޖަމްޕަކަށް ރިޒަވޭޝަނަށް ނަގާނީ 33 ޑޮލަރު ކަމަށާއި ޕެކެޖް އުސޫލުން ކުރިއަށް ގެންދާ 10 ސޯލޯ ޖަމްޕަށް ރިޒަވޭޝަން ހަދައިދޭނީ 300 ޑޮލަރަށް ކަމަށެވެ.

އައްޑޫގައި ބާއްވާ މި ސްކައި ޑައިވިން ޕްރޮގްރާމްގައި ސްކައި ޑައިވްތައް ކުރާނީ އެއާޕޯޓް އޮންނަ ގަމަށާއި ގަމާ ވަރަށް ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޑް އެންޑް ސްޕާއަށެވެ.

އެސޯސިއޭޝަން އޮފް ސްކައި ސްޕޯޓްސް މޯލްޑިވްސްގެ ފަރާތުން ސްކައި ޑައިވިން ވިޔަފާރި އުސޫލުން އައްޑޫގައި ކުރިއަށް ގެންދަން ނިންމައި، މީގެ ޓެސްޓްތަކެއް މިދިޔަ އަހަރު ހެދި އެވެ.

ގަމުގައި ހިންގާ ފްލައިން ސްކޫލް އެކަޑެމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭ) ގެ ފްލައިޓެއް ބޭނުންކޮށްގެން އެ ފަހަރު ހަތަރު ޓެސްޓް ޑައިވް ކުރި އެވެ. މި ޓެސްޓް ޑައިވްތަކުގައި އައްޑޫގެ ތިން ސަރަހައްދެއް ލޭންޑިންގް އޭރިއާގެ ގޮތުގައި ބޭނުން ކުރި އެވެ. އެއީ ޝަންގްރިއްލާ ރިސޯޓާއި ގަން އެއާޕޯޓާއި ފޭދޫގެ ހިއްކި ސަރަހައްދެވެ.