އުމުރުން އެންމެ 25 އަހަރުގައި، ގައުމެއްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލެވޭނީ އުއްމީދަކާ އެކު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްކުރި ކުޅުންތެރިއަކަށެވެ. ބެލްޖިއަމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރެކޯޑް މިހާރު އޮތީ ރޮމެލޫ ލުކާކޫ އަކީ އެފަދަ ކުޅުންތެރިއެކެވެ. އޭނާ މި ހިސާބަށް ވާސިލްވުމަށްޓަކައި އެތަކެއް ދަތި ކަންތައްތަކާ ކުރިމަތިލި އެވެ. ފާޑުކިޔުންތަކަށް އޭނާ ޖަވާބުދިނީ ކެރިގެންހުރެ ދެއްކި މޮޅު ކުޅުމުންނެވެ.

އުމުރުން ހަ އަހަރުގައި ލުކާކޫ އާއި އޭނާ ކޮއްކޮ ޖޯޑަން ލުކާކޫގެ ހުރިހާ ހަރަދެއް ބެލެހެއްޓުމުގައި އޭނާގެ މައިންބަފައިންނަށް އުޅުނީ ނުހަނު ދަތި ހާލުގަ އެވެ. ހަފްތާއެއް ވަންދެން އެކައްޗެއް ކާން ޖެހުނަސް އަދި ގޭގައި ހުރިހާ ވަގުތަކު ކަރަންޓް ނެތަސް ލުކާކޫ އާއި އޭނާގެ ކޮއްކޮ ޖޯޑަން ޝަކުވާއެއް ނުކުރެ އެވެ. އުއްމީދުކޮށްގެން ހުރީ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށެވެ.

ލުކާކޫގެ ބައްޕަ އަކީ ފުޓްބޯޅަ ކުޅުންތެރިއެކެވެ. އެކަމަކު ޕްރޮފެޝަނަލް ކުޅުންތެރިއަކަށްނުވާތީ އެންމެ ރަނގަޅު އާމްދަނީއެއް ނުލިބެ އެވެ. އޭނާގެ ބައްޕަ އަށް ލިބޭ ކުޑަ ފައިސާ ކޮޅުން ކާ އެއްޗެހި ހޯދުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރަމުން އައި އެއް ކަމަކީ ގެ އަށް ކޭބަލް ޓީވީ ލައި މެޗުތައް ބެލޭގޮތް ހެދުމެވެ. ގިނަ ފަހަރަށް އޮންނަނީ އެކަން ވެސް ނުކުރެވި އެެވެ.

އުނދަގޫ ހާލަތުން އަރައިގަންނަން ލުކާކޫ އާއި އޭނާގެ ކޮއްކޮ ޖޯޑަން އަދި މަންމަ އަށް ކުރެވެން އޮތްހާ ކަމަކީ ވެސް އުއްމީދުު ދޫކޮށްނުލައި ކުރިއަށްދިއުމެވެ.

ލުކާކޫ އޭނާގެ ބައްޕަގެ ލަފައެއް ހޯދުމުގެ ގޮތުން އޭނާ އަށް ފުޓްބޯޅަ ކުޅެން ދެވޭނެ އުމުރެއް އޮޅުންފިލުވި އެވެ. ޖަވާބުގައި އޭނާގެ ބައްޕަ ބުނީ 16 އަހަރުގައި ކެރިއަރު ފަށަންވީ ކަމަަށެވެ. އެ އުމުރާ ހަމައަށް ދަންދެން ލުކާކޫ ފެށީ ޕްރެކްޓިހެކެވެ. ދިރިއުޅުމުގެ ކަންތައްތައް ރަނގަޅު ކުރުމުގެ އަޒުމުގަ އެވެ. ކޮންމެ މެޗެއް ކުޅުނަސް ލުކާކޫ ދުށީ އެއީ ފައިނަލެއްގެ ގޮތުގަ އެވެ. ސްކޫލުގައި އޮތް މެޗެއް ވިޔަސް ޕާކުގައި ރައްޓެހިންނާ އެކު ކުޅުނު ކަމުގައި ވިޔަސް ހުރީ އެއް ވިސްނުމެއްގަ އެވެ.

އުމުރުން 11 އަހަރުގައި ލުކާކޫ އަށް ލިއޭޒްގެ ޔޫތު ޓީމުން ފުރުސަތު ލިބުނެވެ. އެހެން ކުދިންނަށް ވުރެން ހަށިގަނޑުން ބޮޑުކޮށް ލުކާކޫ ހުރުމުން ދެން ތިބި ކުދިންގެ މައިންބަފައިން ލުކާކޫގެ މައްސަލަ ޖެއްސި އެވެ. އެއީ ލުކާކޫ އަކީ އުމުރުން ބޮޑު ކުއްޖެއްކަމަށް ބުނެ އެވެ. އަދި އޭނާ އަށް ކުޅުމުގެ ހުއްްދަ ދީގެން ނުވާނެ ކަމަށް އެއް ބަޔަކު ބުންޏެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ލުކާކޫ އަށް ދަސްވެފައި އޮތް ކަމަކީ ކަންތައްތަކާ ކެރިގެން ކުރިމަތިލުމެވެ. އެ ދުވަހު ވެސް އޭނާ ހުރީ ސާބިތުކަމާ އެކުގަ އެވެ. ލުކާކޫ ވަނީ ދަބަހުން އޭނާގެ އައިޑީ ކާޑު ނަގައި ކޯޗުންނާއި ފާޑުކީ އެންމެނަށް ދައްކައިފަ އެވެ.

ޔޫތު ޓީމާ ގުޅުމަށް ފަހު ލުކާކޫގެ އަޒުމަކީ ބެލްޖިއަމްގެ އެންމެ މޮޅު ކުޅުންތެރިއާ އަށް ވުމެވެ. ގޭތެރޭގައި މީދަލުގެ އުނދަގުލާއި އެހެނިހެން ކަންތައްތަކުގެ ސަބަބުން އެންމެ މޮޅެތި ކުޅުންތެރިން ކުޅޭ ޗެމްޕިއަންސް ލީގުގެ މެޗުތައް ނުބެލުނަސް ލުކާކޫ އަކީ އެ އުމުރުގައި ވެސް ދެ ވަނަ އެއް ނެތް ފަދަ މޮޅު ކުޅުންތެރިއެކެވެ. އުމުރުން 12 އަހަރުގައި ވެސް ބައްޕަގެ ބޫޓަށް އަރައިގެން ގޮސް ލުކާކޫ ވަނީ 34 މެޗުން 76 ލަނޑު ޖަހައިފަ އެވެ. މިއީ ބެލްޖިއަމްގެ ބޮޑެތި ޓީމުތަކުގެ ލޯ އޭނާ އަށް އަމާޒުވި އެންމެ ބޮޑު ސަބަބެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ލުކާކޫގެ ކާފަ އޭނާއާ ފޯނުން ވާހަކަ ދައްކަމުން އެދުނީ އެންމެ ކަމަކަށެވެ. މަންމަ ރަނގަޅަށް ބަލައިދިނުމަށެވެ. އެ ގޮތަށް ކާފަ އެދުނު ސަބަބެއް އެ ވަގުތު ލުކާކޫ އަށް ނުވިސްނުނެވެ. އެކަމަކު އޭގެ ފަސް ދުވަސް ފަހުން ކާފަ މަރުވުމުން އެ ބުނި އެއްޗެއް ވިސްނުނެވެ. ލުކާކޫ އޭނާގެ މަންމަ ގާތުގައި ބުނީ 16 އަހަރު ވުމުން އޭނާ ކެރިއަރު ފަށާނެ ކަމަށެވެ.

އެންޑަލެކްޓަށް ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.
އެންޑަލެކްޓަށް ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ފަހު ލުކާކޫ އުފާފާޅުކުރަނީ.

ޔޫތު ޓީމުގައި ލުކާކޫ ހޯދަމުން ދިޔަ ކާމިޔާބީއާ އެކު ގިނަ ޓީމުތަކުން ލުކާކޫ ބޭނުންވި އެވެ. ބެލްޖިއަމްގެ މަޝްހޫރު ކްލަބް އެންޑަލެކްޓުން ލުކާކޫ ގެންދިޔައީ އެ ހިސާބުންނެވެ. ލުކާކޫގެ ކެރިއަރުގެ ފެށުން އައީ 2009/2008 ވަނަ ސީޒަނުގަ އެވެ. އެ ފަހަރު އޭނާ ކުޅެމުންދިޔައީ އެންޑަލެކްޓް 19 އަހަރުން ދަށުގެ ޓީމަށެވެ. އޭރު ލުކާކޫގެ އުުމުރަކީ 16 ކަމަށް ވެފައި އޭނާ އަށް އޭރު ޕްރޮފެޝަނަލް ކޮންޓްރެކްޓެއްދޭން އެންޑަލެކްޓުން ބޭނުމެއްނުވި އެވެ. ކުރިއަށްދާން އިތުރުގޮތެއްނެތުމުން ލުކާކޫ ބުނީ ޑިސެމްބަރު މަސް އައުމުގެ ކުރިން 25 ލަނޑު ޖަހާނެ ކަމަށާއި އެކަން ވެއްޖެނަމަ ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ދޭން ޖެހޭނެ ކަމަށެވެ. ޔޫތު ކޯޗު އެކަމަށް އެއްބަސްވި އެވެ. ލުކާކޫ ވަނީ ނޮވެމްބަރު މަހުގައި 25 ލަނޑު ޖަހައިފަ އެވެ. އެ ޓީމުން ވަގުތުން އޭނާ އަށް ކޮންޓްރެކްޓް ދިނެވެ.

ކޮންޓްރެކްޓް ސޮއިކުރުމަށް ފަހު ލިބުނު ފައިސާއިން ގޭގެ ހަރަދު ކުރުމަށް ފަހު ދެން ލުކާކޫ ގަތީ ޕްލޭ ސްޓޭޝަނަކާއި ގެއަށް ކޭބަލް ޓީވީގެ ޑިކޯޑަރެކެވެ. ފުޓްބޯޅަ ސީޒަން އޭރު ނިމިފައި އޮތުމުން ލުކާކޫ ތައްޔާރުވަމުންދިޔައީ އަންނަ އަހަރަށެވެ. އެކަމަކު އެ ފަހަރު ބެލްޖިއަމްގެ ފުރަތަމަ ޑިވިޝަނުގައި ސްޓެންޑާޑް ލީޖް އާއި އެންޑަލެކްޓް އެންމެ ކުރީގައި އެއްވަރުވުމުން ޗެމްޕިއަން ހޮވުމަށް ވަނީ ޕްލޭ އޮފް ކުޅެފަ އެވެ. ލުކާކޫ ފުރަތަމަ ލެގު ބެލީ ޓީވީންނެވެ.

ފުރަތަމަ ލެގަށް ފަހު ލުކާކޫ އަށް ގުޅީ އެންޑަލެކްޓްގެ ރިޒާވް ޓީމު ކޯޗެވެ. އޭނާ އެދުނީ ލުކާކޫ ސީނިއާ ޓީމާ ގުޅުމަށެވެ. ދެ ވަނަ ލެގުގެ މެޗަށެވެ. ލިބުނު ބޮޑު ހިތްހަމަ ޖެހުމާ އެކު ލުކާކޫ އަވަހަށް ދަބަހަަށް އެއްޗެހި އަޅައިގެން ދިޔަ އެވެ. ޓީމުގެ ކިޓް މެނޭޖަރު ލުކާކޫ ގާތުގައި އެހީ ބޭނުންވާ ޖޯޒީ ނަމްބަރު ބުނުމަށެވެ. ލުކާކޫ ބޭނުންވީ 10 ނަމްބަރެވެ. ކިޓް މެނޭޖަރު އެންގީ ޔޫތު ޓީމުގެ ކުޅުންތެރިންނަގަން ޖެހޭނީ 30 އިން މަތީގެ ނަމްބަރުތައް ކަމަށެވެ. ލުކާކޫ ނެގީ 36 ނަމްބަރެވެ.

މިއީ ލުކާކޫ ކުޅެވޭނެ ކަމަށް އުއްމީދުކޮށްގެން ހުރި މެޗެއް ނޫނެވެ. އެކަމަކު ފުރުސަތު ލިބުމުން ދޫކޮށްލަން ބޭނުމެއްނުވި އެވެ. ދެ ވަނަ ލެގުގެ މެޗުގެ 63 ވަނަ މިނިޓްގައި ލުކާކޫ ކުޅެން އެރުވި އެވެ. އެ މެޗުން ބަލިވެ އެންޑަލެކްޓަށް ލީގު ގެއްލުނު ނަމަވެސް އެ ޓީމުން އެންމެ ބޮޑު ހިތްހަމަ ޖެހުމަކާ އެކު ދަނޑުން ފޭބީ ލުކާކޫ އެވެ. އުމުރުން 16 އަހަރާއި 11 ދުވަހުގައި ފުރަތަމަ މެޗު ކުޅެލެވުމާ އެކު މަންމަ ގާތުގައިވީ ވައުދު ފުރިހަމަ ވުމުގެ ހިތްހަމަ ޖެހުން ލިބުމުންނެވެ.

ޖެހިގެން އައި އަހަރު އެންޑަލެކްޓް ސީނިއާ ޓީމުން ގަވައިދުން ލުކާކޫ އަށް ފުރުސަތު ދިނެވެ. އެ ފަހަރު އެންޑަލެކްޓުން ތަފާތު ދައްކައި ލީގު ކާމިޔާބުކުރި އެވެ. ހައި ސްކޫލުގެ ފަހު އަހަރު ކިޔަވަން ދަމުން ލުކާކޫ ދިޔައީ ޔޫރޮޕާ ލީގުގައި އެންޑަލެކްޓަށް ވެސް ކުޅެމުންނެވެ. އެހެން ދުވަސްތައް ގުނަމުން ދަނިކޮށް ކުއްލިއަކަށް ލުކާކޫ އަށް ފެންނަނީ ނޫހެއްގައި ލިޔެފައި އޮތް އާޓިކަލްއެކެވެ. ސުރުހީގައި ޖަހާފައި އޮތީ "ލުކާކޫ - ބެލްޖިއަމްގެ މުސްތަގުބަލު" މިހެންނެވެ. އެއާ އެކު ލުކާކޫގެ އާއިލާ ނިސްބަތްވާ ގައުމު ކަމަށްވާ ކޮންގޯގެ މީހުންގެ ފާޑުކިޔުން ލުކާކޫ އަށް އަމާޒުވި އެވެ. ފަސް ބެލުމެއްނެތި ލުކާކޫ ބޭނުންވީ އޭނާ އަށް ފުރުސަތު ލިބުނު ގައުމު ތަމްސީލްކުރާށެވެ.

އެންޑަލެކްޓަށް ކުޅެން ފެށިތާ ދެ ސީޒަން ފަހުން ޗެލްސީން ލުކާކޫ ގެންދިޔަ އެވެ. އެ ހިސާބުން ލުކާކޫ އަށް އަމިއްލަ ގައުމުން އަންނަން ފެށި ފާޑުކިޔުންތައް އެތައް ގުނައެއް އިތުރުވި އެވެ. ގިނަ ބަޔަކު ބޭނުންވީ އޭނާ ޗެލްސީގައި ފެއިލްވުމަށެވެ. އަދި ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމް އަށް ދިއުމުން ވެސް އޭނާ ފެއިލްވާނެ ކަމަށް ބުނެ ގިނަ ބަޔަކު މެދުކެނޑުމެއްނެތި ފާޑުކިޔަމުންދިޔަ އެވެ. ހުރިހާ ކަމަކަށް ވެސް ކެރިގެން ކުރިމަތިލައި ލުކާކޫ އޭނާގެ ކެރިއަރުގައި ކުރިއަށް ފިޔަވަޅެއް އެޅީ އެވަޓަން އަށް ބަދަލުވުމަށް ފަހު ދެއްކި މޮޅު ކުޅުމާ އެކު އެވެ. ލުކާކޫ މިހާރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭއިރު، އޭނާ ފެއިލްވުމަށް ގިނަ ބަޔަކު މިހާރު ވެސް އެދެ އެެވެ. އެކަމަކު އޭގެ އިން ވެސް އޭނާ އަށް ކުރާ އަސަރެއް ނެތެވެ. ފުރަތަމަ ސީޒަނުގައި 20 ލަނޑަށް ވުރެން ގިނައިން ޖަހައި ޓާގެޓް ހާސިލްކުރި އެވެ.

ލުކާކޫ އެންމެ ފުރަތަމަ ކުޅުނީ 2010 ވަނަ އަަހަރު ބެލްޖިއަމްގެ 21 އަހަރުން ދަށުގެ ޓީމަށެވެ. އެކަމަކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާ އަށް ވަނީ ބެލްޖިއަމް ސީނިއާ ޓީމުން ފުރުސަތު ދީފަ އެވެ. އޭރު ބެލްޖިއަމްގެ ޔޫތު ސިސްޓަމް އޮތްގޮތުން ސީނިއާ ސްކޮޑަށް އަރާ ކުޅުންތެރިއަކު ކޮންމެ ހާލަތެއް މެދުވެރިވިނަމަވެސް އެ އަށް ވުރެން ދަށް އުމުރުފުރާއެއްގެ ޓީމަކަށް ނުކުޅޭނެ އެވެ. އެއާ އެކު ބެލްޖިއަމް ސީނިއާ ޓީމަށް ލުކާކޫ ކުޅެން ފެށި އެވެ. މިހާތަނަށް އެ ޓީމަށް 38 ލަނޑު ޖަހައިދީ ލުކާކޫ ވަނީ ތާރީހުން ޖާގަ ހޯދައިފަ އެވެ. އޭނާ އަކީ އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ގައުމީ ޓީމާ އެކު ލުކާކޫ ކުޅުނު ފުރަތަމަ މުބާރާތަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.

"އަހަރެން ހަނދާން ހުރޭ 12 އަހަރު ކުރިން އަހަރެން ކުޅުނީ ހަލާކުވެފައި އޮތް ބޫޓަކަށް އަރައިގެން. އެކަމަކު އޭގެ 12 އަހަރު ފަހުން އަހަރެން މިހުރީ ވޯލްޑް ކަޕްގައި. އޭރު އަހަންނަށް ވޯލްޑް ކަޕް މެޗެއް ލައިވްކޮށް ބަލާލުމުގެ ނަސީބު ވެސް ނެތް. އެކަމަކު މިހާރު މުޅި ދުނިޔެ އަހަރެން ބަލާނެ،" ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކުރިން ލުކާކޫ ބުންޏެވެ.

ލުކާކޫ (ކ) ލަނޑު ޖެހުމަށް ފަހު އޭނާގެ ކޮއްކޮ ޖޯޑަންއާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ލުކާކޫ (ކ) ލަނޑު ޖެހުމަށް ފަހު އޭނާގެ ކޮއްކޮ ޖޯޑަންއާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޗެމްޕިއަންސް ލީގާއި ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގައި މަޝްހޫރު ކުޅުންތެރިން ކުޅޭތަން ކުރިން ލުކާކޫ އަށް ފެނިފައި ނެތެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ ފްރާންސްގެ ކުރީގެ ތަރި ތިއަރީ އޮންރީ އެވެ. އެކަމަކު މިހާރު ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗަކަށް ހުރީ އޮންރީ އެވެ. ކޮންމެ ދުވަހަކު ލުކާކޫ އަށް ޕްރެކްޓިސްގައި ބުނެދެން ހުންނަނީ އެއް އިރެއްގައި އޭނާ އެންމެ ސަޕޯޓްކުރި ކުޅުންތެރިޔާ އެވެ.

ހުރިހާ ކަމަކަށް ވުރެން ބޮޑަށް ލުކާކޫ އަށް ލިބޭ ހިތްހަމަ ޖެހުމަކީ އޭނާގެ ކެރިއަރުގައި ކުރިއަށްދެވުނުއިރު ފަހަތުން ކޮއްކޮ އަށް ވެސް ފުރުސަތު ލިބުމެވެ. މި ފަހަރު ވޯލްޑް ކަޕުގައި ވާދަކުރާ ބެލްޖިއަމް ސްކޮޑުން ލުކާކޫގެ އިތުރުން އޭނާގެ ކޮއްކޮ ޖޯޑަން ލުކާކޫ އަށް ވެސް ފުރުސަތު ލިބުނެވެ. މިއަދު ވެސް ލަނޑު ޖެހުމަށް ފަހު ލުކާކޫ މައްޗަށް އަތް ނަގައިގެން އުފާފާޅުކުރުމުގައި ހަނދާން ކުރަނީ ކުރިން އުޅުނު ދަތިހާލެވެ. އަދި ކާފަ ކައިރީގައި އެދުނު ގޮތަށް މުޅި އާއިލާ ބަލަހައްޓާނެ ކަަމަށްވީ ވައުދެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުން ވަނީ ޕެނަމާ އަތުން 3-0 އިން މޮޅުވެފަ އެވެ. ލުކާކޫ ވަނީ އެ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. ލުކާކޫ ބުނީ މި ފަހަރުގެ މުބާރާތުގައި ރަން ބޫޓަށް ވުރެ އޭނާ އަށް ބޭނުންވަނީ ޓީމުގެ ކާމިޔާބީއެއް ކަމަށެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބެލްޖިއަމް ނުކުންނާނީ ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން ބަލިވި ޓިއުނީޝިއާއާ ދެކޮޅަށެވެ. މެޗު ފަށާނީ 5 ޖަހާއިރު އެވެ.