ދައުލަތުގެ ޚަރަދުގައި ވަކީލުން ހޯދައި ދިނުމަށް މާލީ ހާލަތު ވަޒަން ކުރާ މިންގަނޑު ލުއިކޮށްފި

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސައި ދިނުމަށްޓަކައި ޕޮއިންޓް ދޭ އުސޫލު ލުއިކޮށްފި އެވެ.


ގާނޫނުއަސާސީ ބުނާ ގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައިދޭން ޖެހޭނެ އެވެ. އެހެންވެ، މާލީ ތަނަވަސްކަން ނެތް މީހުން ކަނޑައަޅަނީ އެކަމަށްޓަކައި އެކުލަވާފައިވާ އުސޫލެއްގެ ދަށުން، އެ މީހެއްގެ ދިރިއުޅުމުގެ ހާލަތާއި ކުރަންޖެހޭ ޚަރަދުތަކަށް ބަލައި، ޕޮއިންޓް ދިނުމަށް ފަހު އެވެ.

އެ އުސޫލަށް މިއަދު ގެނައި އިސްލާހުގައި ވަކީލެއްގެ އެހީ އަށް އެދޭ މީހާގެ މާލީ ހާލަތު ވަޒަން ކުރުމަށް ޕޮއިންޓް ދޭ އުސޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން، އެ މީހެއްގެ ކައިވެނީގެ ހާލަތާއި ދަރިންގެ އުމުރަށާއި ދިރިއުޅޭ ތަނުގެ ކުއްޔަށް ދައްކަން ޖެހޭ މިންވަރުގެ ނިސްބަތުން ލިބޭ ޕޮއިންޓް ވަނީ އިތުރުކޮށްފަ އެވެ.

ކައިވެންޏެއް ނުކޮށް ހުރި މީހެއް ނަމަ ކުރިން ލިބެނީ 0.5 ޕޮއިންޓް ކަމަށް ވިޔަސް، އެ އިސްލާހުގައި ވަނީ އެފަދަ މީހަކަށް އެއް ޕޮއިންޓް ދޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ކައިވެނި ކޮށްގެން ތިބި މީހުންނަށް ކުރިން ދޭ އެއް ޕޮއިންޓްގެ ބަދަލުގައި 1.5 ޕޮއިންޓް ދޭ ގޮތަށް ވަނީ އިސްލާހު ކޮށްފަ އެވެ.

އަދި އުމުރުން 18 އަހަރު ނުވާ ދަރިން ތިބި ނަމަ އެ ކުދިންގެ އުމުރަށް ބަލައި، ލިބޭ ޕޮއިންޓް ވެސް އިތުރުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން، ދިރިއުޅޭ ތަނުގެ ކުއްޔަށް ދައްކަންޖެހޭ އަދަދުގެ ނިސްބަތަށް ބަލައި، ކުރިން ދެމުން އައި މިންވަރަށް ވުރެ ޕޮއިންޓް އިތުރުވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސައި ދެނީ އެ އުސޫލުގައި ބަޔާންކުރާ މިންގަނޑުތަކުގެ ދަށުން ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ފަހު ކަމަށް ވިޔަސް، ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހެއް ނަމަ އެ މީހެއްގެ މާލީ ހާލަތު ވަޒަން ކުރުމެއް ނެތި، ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައިދޭނެ އެވެ.