މިދިޔަ މަހު މީރާ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 1.3 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.


މީރާ އިން އާންމު ކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 1.3 ބިލިއަން ރުފިޔާއަކީ ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 18 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅައި ބަލާއިރު ވެސް 41 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ތެރެއިން 769 މިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 49.9 މިލިއަން ޑޮލަރެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. އެއީ ޖުމްލަ އާމްދަނީގެ 35 ޕަސެންޓެވެ. ދެ ވަނަ އަށް އެންމެ ގިނައީ ޓޫރިޒަމް ލޭންޑް ރެންޓެވެ. އެއީ އާމްދަނީގެ 22 ޕަސެންޓެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރުވީ މިދިޔަ އަހަރުގެ ފިތުރު އީދު އެ އަހަރުގެ ޖޫން މަހާ ދިމާވުމުން އެ އަހަރުގެ ޖުލައި މަހާ ހަމަ އަށް ޓެކްސް ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައި އޮތް އިރު، މި އަހަރު އެފަދަ ގޮތަކަށް މުއްދަތު އިތުރު ކޮށްދީފައި ނެތުމުންނެވެ. އަދި މިއަހަރު އާ ރިސޯޓްތަކެއް ހުޅުވުމާ ގުޅިގެން ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު އަދަދު އިތުރުވުމަކީ ވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުންޏެވެ.