އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިސާޗު ކޮންފަރެންސް މިއަދު ފަށައިފި އެވެ.
މާދަމާގެ ނިޔަލަށް ބާއްވާ މި ކޮންފަރެންސް އަށް ރާއްޖެ އާއި ބޭރުގެ އެކި ބޭފުޅުން 50 އަށް ވުރެން ގިނަ ދިރާސާ ކަރުދާސް ހުށަހަޅާނެ އެވެ.
އެމެރިކާގެ އިންޓަނޭޝަނަލް އިންސްޓިޓިއުފް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ)ގެ އެހީތެރިކަމާއެކު ބާއްވާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ އިސްލާމީ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ ނުރައްކާތަކުން އަރައިގަނެ، ކުރިއެރުމަށް މުހިއްމު ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުނިޔޭގައި މިހާރު ދިމާވާ އެންމެ ނާޒުކު އެއް މައްސަލަ އަކީ ދޭދޭ މީހުންގެ މެދުގައި އޮންނަން ޖެހޭ ރީތި ސިފަ ނެތުމެވެ. އޭގެ ސަބަބުން ދުނިޔޭގައި ސުލްހަވެރިކަން ގެއްލި ހަމަނުޖެހުން އާއްމުވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރުމަށާއި ހިޔާލުފާޅުކުރުމުގެ މަގުސަދަކީ، ނައިބު ރައީސް ވިދާޅުވި ގޮތުގައި، އިހުތިރާމްކޮށްގެން ކެތްތެރިކަމާއެކު އެކަކު އަނެކަކު ގުޅިގެން އުޅޭ މުޖުތަމައުއެއް ބިނާކުރުމެވެ.
މި އަހަރުގެ މަހާސިންތާގައި ކަރުދާސް ހުށަހަޅަން ހަމަޖައްސާފައިވާ ދާއިރާތަކުގެ ތެރޭގައި އިސްލާމީ ވިސްނުމާއި ސަގާފަތާއި ހަޟާރަތުގެ ދައުރާއި ކުރިއަރަމުންދާ އިގްތިސޯދީ އަދި މާލީ ނިޒާމާއި ބަދަލުވަމުންދާ ސިޔާސީ ނިޒާމް ހިމެނެ އެވެ. މީގެ އިތރުން ތައުލީމީ ދާއިރާ ބައްޓަންކުރުމާއި އިޖްތިމާއީ އިގްތިސާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަދި ދީންތަކުގެ މެދުގައި ހަމަޖެހުމާއި ސުޕްހަވެރިކަން ހިފެހެއްޓުން ފަދަ ދާއިރާތައް ވެސް ހިމެނެ އެވެ.
މިއީ އައިޔޫއެމް އިން ބައްވާ މިފަދަ ތިން ވަނަ ކޮންފަރެންސް އެވެ.