މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިން އެއްކުރި ފައިސާ އިން ފަލަސްތީނުގެ ގާޒާގެ 100 ގެއަކަށް، ޗާޖު ކުރެވޭ ބޮކިތަކެއް ހަދިޔާކޮށްފި އެވެ.

ރާއްޖޭގެ 150 ޖަމިއްޔާއަކާއި ކައުންސިލްތައް ގުޅިގެން ހިންގާ "ލޯތްބާއެކު" ކެމްޕޭންގެ ދަށުން، މި މަހުގެ ފަހަކުން އިއްޔެގެ ނިޔަލަށް، ގާޒާގެ 250 ގެއަކަށް ބޮކި ހަދިޔާ ކުރެވޭ ވަރަށް ވަނީ ފައިސާ އެއްކޮށްފަ އެވެ. އެކަމަކު މިހާތަނަށް ބޮކި ދީފައިވަނީ 100 ގެއަކަށެވެ.

އެ ކެމްޕޭނުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނި ގޮތުގައި ގާޒާގެ ގިނަ ގެތަކަށް މިހާރު ކަރަންޓު ލިބެނީ ރޭގަނޑުގެ ހަތަރު ގަޑިއިރަށެވެ. ބާކީ ވަގުތުތަކުގައި އެ ގެތަކުގައި ހުންނަނީ އުށްބައްތި ދިއްލައިފަ އެވެ. އެހެންވެ، ދިވެހިން ދިން ފައިސާ އިން ކޮންމެ ގެއަކަށް، ޗާޖް ކުރެވޭ ހަ ލެޑްލައިޓް ވަނީ ހަދިޔާކޮށްފަ އެވެ.

ގާޒާގެ ގެއަކަށް ކަރަންޓު ދޭއިރު، އެ ގޭގެ ކުޑަކުއްޖަކު ދިވެހިންނަށް ޝުކުރު އަދާކުރަނީ
ގާޒާގެ ގެއަކަށް ކަރަންޓު ދޭއިރު، އެ ގޭގެ ކުޑަކުއްޖަކު ދިވެހިންނަށް ޝުކުރު އަދާކުރަނީ

"އެއީ ޗާޖުކުރެވޭ ގޮތަށް ހުންނަ ލައިޓްތަކެއް. އެހެންވެ، އެ ހަތަރު ގަޑިއިރުގެ ތެރޭގައި ލައިޓުތައް ޗާޖުކޮށްގެން ގާތްގަނޑަކަށް އިތުރު ދިހަ ގަޑިއިރު ގެތަކަށް އަލިކަން ލިބޭނެ،" އޮފިޝަލް ބުންޏެވެ.

ގެތަކަށް ލިބުނު އަލިކަމާއެކު، ގާޒާގެ އާއިލާތަކުން ވަނީ ދިވެހިންނަށް ޝުކުރު އަދާކޮށްފަ އެވެ. އެގޮތުން އެ ގެތަކުގެ ކުޑަކުދިން، ރާއްޖެ އާއި ފަލަސްތީނުގެ ދިދަ ކުރަހާފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ހުރެ ފޮޓޯ ނަގާފައި ހުރި އިރު އޭގައި އިނގިރޭސި ބަހުން، "ޝުކުރިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުން" ލިޔެފައި ވެ އެވެ.

ގާޒާގެ އަލްފަލާހު ކިޔާ ޖަމިއްޔާއަކާ ގުޅިގެން ހިންގާ މި ކެމްޕޭނުގެ ދަށުން، އިތުރު ގެތަކަށް ކަރަންޓު ދީ ވަރަށް އަވަހަށް ނިންމާނެ ކަމަށް އޮފިޝަލް ބުންޏެވެ.

ގާޒާ އަށް އެހީވުމަށް މީގެ ތިން މަސް ކުރިން ފެށި މި ކެމްޕޭންގެ ދަށުން މިހާތަނަށް ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ އެއްކޮށްފަ އެވެ. އެ ފައިސާ އިން މިދިޔަ ރޯދަ މަހު ގާޒާގެ 4،700 އާއިލާއަކަށް ކާނާ ފޯރުކޮށްދީ، 600 އާއިލާއަކަށް 200 ލީޓަރުގެ ފެންހަން ހަދިޔާކޮށްފައި ވެ އެވެ.

ދިވެހިންގެ އެހީތެރިކަމާއެކު، ގާޒާގެ ބައެއް ގެތަކުގައި ލެޑްލައިޓް ހަރުކުރަނީ
ދިވެހިންގެ އެހީތެރިކަމާއެކު، ގާޒާގެ ބައެއް ގެތަކުގައި ލެޑްލައިޓް ހަރުކުރަނީ

"އަޅުގަނޑުމެންގެ މި އެހީތެރިކަން އެ މީހުން ވަރަށް ބަލައިގަނޭ. ޝުކުރު އަދާކޮށް ވީޑިއޯ އެއްޗެހި ފޮނުވާ. ރޯދަ މަހު ކާއެއްޗެހި ލިބުމުން ވެސް، ރޮވިފައި ތިބެ ވާހަކަ ދެއްކި،" އޮފިޝަލް ބުންޏެވެ.

ބޭރުގެ ހަތަރު ޖަމިއްޔާއަކާ ގުޅިގެން، "ލޯތްބާއެކު" ކެމްޕޭން ފަށާފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ކެމްޕޭންގެ ދަށުން ސީރިއާ އާއި ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިކަން ފޯރު ކޮށްދީފައިވާ އިރު، ކުރިމަގުގައި ޔަމަނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ވަނީ ނިންމާފަ އެވެ.

މި ކެމްޕޭނަށް ކޮންމެ މީހަކަށް ވެސް ފައިސާ ހަދިޔާ ކުރެވޭނެ އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9122121 ނަމްބަރަށް ގުޅުމަށް ކެމްޕޭންގެ ފަރާތުން އެދެ އެވެ.