ޝޯމީން އެންމެ ފުރަތަމަ ކުޑަކުދިންނަށް އަމާޒުކޮށް ސްމާޓްގަޑިއެއް އުފެއްދީ މީގެ ދެއަހަރުކުރިންނެވެ. ހަމައެކަނި ޖީޕީއެސް ހިމެނޭ ގޮތަށް އެފަހަރު އުފެއްދި ގަޑީގެ މައިގަނޑު ބޭނުމަކީ ކުދިން ވާނުވާތަން މައިންބަފައިންނާއި ބެލެނިވެރިންނަށް އަންގައިދިނުމެވެ.
ޝޯމީ ކުންފުނިން މިހާރު ބާޒާރަށް ނެރެން ފައްކާކޮށްފައިވަނީ މީ "ބަނީ 3" އެވެ. މިއީ މި އަހަރުގެ ކުރީކޮޅު އެކުންފުނިން ނެރުނު މީ ބަނީ ފޯން ވޮޗް 2ސީ އަށް ގެނައި ބަދަލުތަކާއެކު ނެރޭ އުފެއްދުމެކެވެ.
މިފަހަރުގެ މީ ބަނީ އިން ވަރަށް ގިނަ ކަންތައް ކުރެވޭނެކަމަށްވެއެވެ. 4ޖީ ފޯނަކަށްވެފައި ވައިފައި އާއި ޖީޕީއެސްގެ އިތުރުން މިފަހަރު ފޯނު ވެސް ކުރެވެއެވެ. ފޯނުގައި ހުރެ، ވޮއިސް މެސެޖު ފޮނުވޭނެއެވެ. ދެ މެގަޕިކްސަލް ހައި ޑެފިނިޝަން ކެމެރާއަކާއި މައުލޫމާތު މުއްސަނދި ކުރެވޭނެ މަގު ވެސް މިފޯނާއެކު ފަހިކޮށްދެއެވެ. މީގެ އެޕްގެ ތެރޭން ކުދިންނަށް ގަސްގަހާގެހީގެ މައުލޫމާތު ލިއްބައިދެއެވެ. އަދި ފުލް އެޗްޑީ ރިޒޮލިޔުޝަންގައި ފޮޓޯއާއި ވީޑިޔޯ ނަގައި ރައްކާކުރެވެއެވެ. ކުދިން ކުރާ ކަންކަމާއި ނަގާ ފޮޓޯތަކާއި ވީޑިޔޯތައް ބެލެނިވެރިންނަށް ބެލޭނެއެވެ.
ޝޯމީ މީ ބަނީ 3 އަކީ ކުދިންގެ ކަސްރަތުގެ އެކުވެރިޔެކެވެ. އަދި ސޯނާ ގަޑި އާއި ތަފާތު ގޭމްތަކާއި އަރަތްތައް ވެސް މީގައި ހިމެނެއެވެ. މީގައި ވޮއިސް އެސިސްޓަންޓެއް ގެންގުޅެވެއެވެ. އަދި ބޭނުމިއްޔާ މި ގަޑިން ލަވަވެސް ޖަހާލެވޭނެއެވެ. މިގަޑީގެ ބެޓެރީ ހިފަހައްޓާނީ 30 ގަޑިއިރެވެ. ނަމަވެސް އުފެއްދި ކުންފުނިން ބުނާ ގޮތުގައި ކުއްލި ޗާޖަކުން 11 ގަޑިއިރު ބޭނުންކޮށްލެވޭނެއެވެ.
ޝޯމީ މީ ބަނީ 3ގެ ބަރުދަނުގައި ހުންނަނީ 51 ގްރާމެވެ. މީގެ ސްކްރީނަކީ 1.41 އިންޗީގެ އެމޯލެޑް ސްކްރީނެކެވެ. މޫނުމަތީގެ ބިއްލޫރިކޮޅު ހަދާފައިވަނީ 2.5ޑީގެ ގޮރިއްލާ ގްލާސް ބޭނުންކޮށްގެންނެވެ. މޫނުމަތީގެ ރިޒޮލިޔުޝަންގައި ހުންނަނީ 320X360 ޕިކްސަލްއެވެ.