ކުޑަކުދިންނަށް ޚާއްސަކޮށް ޖަރުމަނުގައި ސްމާޓްވޮޗް ވިއްކުން މަނާކޮށްފި އެވެ. ޗާލު ކުލަތަކުން ކިތަންމެ ޖަރީކޮށްފައި ހުރި ނަމަވެސް، ރަސްމީ އިދާރާތަކުން ދެކޭ ގޮތުގައި، ސްމާޓްވޮޗަކީ ކުޑަކުދިން ބޭނުންކުރަން ރައްކާތެރި އާލާތެއް ނޫނެވެ.
ދަރިފުޅު އަތުގައި ނަލަ ބޭންޑެއް ކަހަލަ ސްމާޓްވޮޗެއް އަޅުވާފައި ދޫކޮށްލުމުން، ބެލެނިވެރިން ދެކޭ ގޮތުގައި، އެ ކުދިން އެ ތިބީ ސަލާމަތުންނެވެ. އެ ކުދިން އުޅޭ ސަރަހައްދު، ޖީޕީއެސް ޓްރެކިން މެދުވެރިކޮށް ބެލެނިވެރިންނަށް ދެނެގަނެވެ އެވެ. އެ ކަމަށް ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް، ކުއްޖާ އުޅޭ މާހައުލެއް އަޑުއެހެ އެވެ. އެއީ ޕާކެއް ނުވަތަ ސްކޫލް، ކްލާހެއް ނަމަވެސް، އެ ތަނެއްގައި ދައްކާ ވާހަކަތައް، އެހެން މީހަކަށް އެނގުމަކާ ނުލައި، އަޑުއެހެ އެވެ. މުދައްރިސް ދައްކާ ވާހަކަތައް ވެސް އަޑުއެހެ އެވެ.
ފެޑެރަލް ނެޓްވޯކް އޭޖެންސީ، ޖަރުމަނުގެ މުވާސަލާތީ ތަންފީޒީ އިދާރާއިން ދެކޭ ގޮތުގައި، ބެލެނިވެރިންގެ ނިޔަތަކީ ކުދިން ހިމާޔަތްކުރުން ނަމަވެސް، ގުޅުމެއް ނެތް ބަޔަކު ދައްކާ ވާހަކަތައް އަޑުއެހުމަކީ ޖާސޫސްކުރުމެވެ. އެއީ ނޫން ނަމަ ފަރުދީ ހައްގުން ބަޔަކު މަހުރޫމުކުރުމެވެ.
ބެލެނިވެރިންނަށް މި ހިސާބުން އިޚުތިޔާރުތަކެއް ނެތެވެ. ކުދިންގެ އަތުގައި ސްމާޓްވޮޗް އަޅުވައިފި ނަމަ އެ ކުރެވުނީ ކުށެކެވެ. އެހެންކަމުން އޮތް ހަމައެކަނި އިޚުތިޔާރަކީ ސްމާޓްގަޑިތައް ބޭނުންނުކުރުމެވެ. އެދެވިގެން ވަނީ ހަލާކުކޮށްލުމެވެ.
ކުޑަކުދިންގެ އަތުގައި ސްމާޓް ގަޑި އެޅުވުމަކީ، ޖަރުމަން ނޫން ގައުމުތަކުން ވެސް ކަންބޮޑުވާ ކަމެއްކަން މީޑިއާ ރިޕޯޓްތަކުން އެނގެ އެވެ. ނަމަވެސް ފަރުދީ ހައްގުތަށް ހިމާޔަތްކުރުމުގައި ޖަރުމަނު ފާހަގަކުރެވެނީ ހަރުކަށި ގައުމެއްގެ ގޮތުގަ އެވެ.
އިންޓަނެޓަށް ބަރޯސާކުރާ ސްމާޓް އާލާތްތައް ގިނަވަމުން އަންނަ ޒަމާނެއްގައި، އެ ޑިވައިސްތަކުގެ ސަބަބުން ފަރުދުންނަށް ލިބިދާނެ ގެއްލުތައް ބޮޑު މައްސަލައަކަށް ވާނެ އެވެ. އެއީ ހެޔޮ ވިޔަފާރިއަކަށް ހެދުމަށްޓަކައި ޓެކްނޮލޮޖީ ކުންފުނިތަކުން ހޮޔޮ ފިކުރުތަކެއް ކުރަންޖެހޭނެ އެވެ.