ރިލްވާންގެ ޕޯސްޓަރެއް ހިފައިގެން އޭނާގެ މަންމަ (ކ) އާއި ދައްތަ: ރިލްވާން މަރުވެއްޖެ ކަމަށް ރައީސް ވިދާޅުވި ސަބަބު ތަހުގީގު ކުރަން އާއިލާ އިން ވަނީ ގޮވާލާފައި.
07 އޯގަސްޓް 2018 - 16:50
ނޫސްވެރިޔާ އަހްމަދު ރިލްވާން މަރުވެއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވި ސަބަބު ފުލުހުން ތަހުގީގު ކުރުމަށް އޭނާގެ އާއިލާ އިން ގޮވާލައިފި އެވެ.
މީގެ ހަތަރު އަހަރު ކުރިން ހުޅުމާލެ އިން ވަގަށް ނެގި ރިލްވާނާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު ނެރުއްވި ބަޔާނަކަށް ރައްދު ދެއްވައި ގދ. މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "ރިލްވާން ނިޔާވެއްޖެ ކަމަށާއި އެއީ، ހިތާމަހުރި ކަމެއް" ކަމަށެވެ. އެކަމަކު ގދ. ފަރެސްމާތޮޑާގައި، އެ ވާހަކަފުޅު ތަރުޖަމާކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރިލްވާން ނިޔާވެއްޖެ ކަމަށް ވިދާޅުވެވުނީ އަދީބު ހެއްދެވި ދޮގަކާ ހެދި ކަމަށެވެ. އެ މަނިކުފާނުގެ ނިޔަތަކީ ރިލްވާންގެ މަރު ސާބިތު ކުރެއްވުން ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ފަހުން ވިދާޅުވީ، އިރާދަ ކުރެއްވިޔާ ރިލްވާން ފެންނާނެ ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރިލްވާންގެ އާއިލާ އިން ވާހަކަ ދެއްކި އޭނާގެ ދައްތަ ފާތުމަތު ޝެހެނާޒް ބުނި ގޮތުގައި ރިލްވާނަށް ވީ ގޮތެއް މިހާތަނަށް ފުލުހުންނާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ސާފުކޮށް ނުދީ ވަނިކޮށް ރައީސް ދެއްކެވި ވާހަކަފުޅުން ސުވާލު އުފެދޭ ކަމަށެވެ. ރިލްވާން ވީގޮތް ހޯދަން ހިންގި ތަހުގީގުން ވެސް އެއްވެސް ވާހަކައެއް ފުލުހުންނަށް ބުނެނުދެވިގެން އުޅެނިކޮށް، ރައީސް ދެއްކެވި ވާހަކަފުޅުތަކަކީ ތަހުގީގު ކުރަން ޖެހޭ ވާހަކަތަކެއް ކަމަށް ޝެހެނާޒް ވިދާޅުވި އެވެ.
"އެއީ، ރައީސުލްޖުމްހޫރިއްޔާ އަށް އޮޅިގެން ވިދާޅުވެވޭ ކަހަލަ ވާހަކަފުޅެއް ނޫން. ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ ރިލްވާން ނިޔާވެއްޖެޔޭ. ރައީސް ޔާމީނާއި އަދީބާ އޮތް ހަސަދަވެރިކަމުގެ ތެރެއަށް ރިލްވާން ވައްދައިގެން ވާހަކަ ދައްކަވަން ޖެހޭ ސަބަބެއް ނެތް. އެކަން އާއިލާ އިން ކުށްވެރިކުރަން،" ޝެހެނާޒް ވިދާޅުވި އެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން. --ފޮޓޯ: މިހާރު
"ރިލްވާން މަރުވެފައިވާ ނަމަ، މަރުވި ގޮތާއި ތަނަކާއި މަރާލި މީހުން އަދި ސަބަބު ވެސް ރައީސް ޔާމީން ވިދާޅުވެ ދެއްވަން ޖެހޭ. މަރުވެއްޖެ ކަަމށް ވިދާޅުވުމަށް ފަހު، އެކަން އެހެން ގޮތަށް ތަރުޖަމާކޮށްގެން ދައްކާ ވާހަކަތައް އަޅުގަނޑުމެން ގަބޫލެއް ނުކުރާނަން."
ޝެހެނާޒް ބުނި ގޮތުގައި ރިލްވާނާ ގުޅޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުތަކުގެ މައްސަލަ އާއިލާ އިން ދޫކޮށެއް ނުލާނެ އެވެ. ރިލްވާން ގެއްލުވާލުމުގައި މި ސަރުކާރުގެ އިސް ބޭފުޅުންގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވޭއިރު، އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އިހުމާލުވި ކަން ސާބިތުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޮގަސްޓް، 2014 ގައި ވީނުވީ ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސްގެން ކަމަށެވެ. އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވި އެވެ.
އެ ދައުވާ ސާބިތު ނުވީ ތަހުގީގުގައި ފުލުހުން ގަސްތުގައި އިހުމާލުވުމުގެ ސަބަބުން ކަން ހުކުމުން ސާފުވާ ކަމަށް ބުނެ އާއިލާ އިން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވައިލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުވައިލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައޮ،ް
08 August 2018
ރިލްވާން ގެ މައްސަލ ސިޔާސީ ވެއްޖެ. އަދީބު ބަޔާންތަ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރައިފި ... ކުށްވރެިން ދައްކާ ވާހަކަތައް ކީވެތަ ހެޑިންނަށް އަރަންވީ. އަސްލު ކުށްވެރިއަކު ވެއްޖިއްޔާ ހުންނާނީ ހުރިހާ ގޮތަކުން ރުޅި އައިސްފާ އެހެންވީމާ ކޮންމެ ފަދަ ބަޔާނެއް ވެސް ނެރެފާނެ/
ރަޝީދުބެ
08 August 2018
މިކަން ދެން ސިޔާސީ ނުކުރަން ވެއްޖެދޯ. މަ ގައިމުވެސް މާކުރިން އަޑުއެހިން ނަޝީދު ހަމަ މިހެެން އެ އާއިލާއާއި ވާހަކަ ދައްކަމުން ބުުނި ތަން. އޭރު މިހާވަރެއް ނާރުވާ. ދެރަ ކަމެއް.
މަރޭމިތުރާ
08 August 2018
[[އަސްލު މީހަކު ރުޅިއައީމާ ހަގީގަތް ހާމަވާނޭ! ބަސް އެވަގުތައް ތެދުބަހުން އޭނަޔަށް ބުނެލެވޭނޭ!]]
އަބުޅޯ
08 August 2018
މަށަކަށް ނޭނގެ ރިލްވާން މަރުވީކަމެއް . ނޫނީ މަރާލީކަމެއް. ނޫނީ ބަޔެއްގެ ބޮލުގައި ތުހުމަތެއް އަޅުވަން ބަޔަކު ރާވައިގެން ރާއްޖެއިން ބޭރުގައި ގެންގުޅެނީކަމެއްވެސް. މަށަށް އެނގޭހާވެސް ކަމަކީ މި ދިވެހި ރާއްޖޭގައި މިހާ ދުވަހު މީހަކު ފޮރުވައިގެން ނުގެންގުޅެވޭނެކަން. މިއީ ހަމަ ބުއްދިން ވިސްނާލައިފިއްޔާ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން އެނގޭނެކަމެއް.
ކަލޭ
08 August 2018
ކޮސްގޮވެނީ، މިހާރު، އެވިދާޅުވެވުނީ ރައީސްގެ ގޮތުގައި ހުންނަމީހަކު ވިދާޅާންޖެހޭފަދަ ވާހަކަފުޅެއްނޫން. އަދި އެއީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް. ތަހުގީގެއް ހިނގަމުންދާއިރު، ތަހުގީގު ނުނިމެނީސް އޯޕަންކޮށް ރައީސުލްޖުމްހޫރިއްޔާ އެފަދަވާހަކަފުޅެއް ވިދާޅުވުމުން، ނުބަލާ ދޫކޮށްލުން އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. ހިނދުކޮޅެއްފަހުން ވާހަކަ އޮޅުވާލަން ތަފާތުގޮތްގޮތަށް މާނަ ކުރުމަކުން، އެނިމުނީކީ ނޫން.
ލިޕޭ
08 August 2018
ސުމައިދުގެ މަރުގެ ވާހަކަ ފަޅުރަށަކުން ގެއްލުނު ނާއިލް، ފުއައްމުލަކުން ގެއްލުނު ކުދިން ގެ ވާހަކަ ނުދައްކަނީ ސިޔާސީ މީހުންނައްނުވާތީތޯ
ރަދީފް
08 August 2018
ސ.ހިތަދޫ ވެސްޓް ބީޗް / ތުއްތު މިޝްފާގް ވެސް ތިޔަ ލިސްޓްގަ ހިމަނާލަ.ދައުލަތުގެ ބެލުނުގެ ދަށުގަ ހުއްޓާ މިޝްފާގް ގެއްލުނީ.
އަބޭ އަޢްބާސް
07 August 2018
ކޮބާތޯ ސުމައިދުގެ މަރުގެ ވާހަކަ ދުދެކެވެނީ ކީއްވެތޯ؟
އިބޫ ހުޅުމާލެ
07 August 2018
ކޮބާހޭ ފަޅުރަށަކުން ގެއްލުނު ނާއިލް، އޭނަގެ ވާހަކަ ނުދައްކަނީ ކީއްވެތަ؟؟؟
އައިމިނާ
07 August 2018
ޕްރޮފެސަރ ޢުގައިލޫ މަނިކުފާނު އިންސާނުންގެ މޫނަށް އަންނަބަދަލުތަކުން ހޯދުންތަކެއް ހޯދޭނެކަމަށް ދިރާސާއެއް ކުރެއްވި ދެއްތޮ. އޭގެ އަލީގައި މިއަދު ރައީސްގެ މޫނުމައްޗަށް ވީގޮތާއި އެރި ކުލަވަރުތަކާއި އަތަށްއެރިބާރާއި މީހާޔަށްވީގޮތް ބައްލަވާފަ ރަނގަޅު ޖަވާބެއް ދެއްވިދާނެތޯ
ކެނެރީ
07 August 2018
ރިލްވާންގެ މަންމަ ބުނެބަލަ ދަރިފުޅަށް ވީގޮތް ތިމާގެ އަމިއްލަ ދަރިފުޅަށް ވީގޮތް އިގެންޖެހޭނީ ތިމާޔަށްދޯ ރައީސް ޔާމީނުތަ ރިލްވާން ބެލުމާ ހަވާލްވެހުރީ ނޫނީ ޔާމީނުގެ ވަޒީފާ އެއްގައިތަ ރިލްވާން ގެއްލުނުއިރު ހުރީ ރިލްވާން ގެއްލުނު ކަމަށްބުނާ މީހުން ބުނެބަލަ ރިލްވާން ގެއްލުނުތަށް ތިހެންވިއްޔާ....
ނުކެރެނީ
08 August 2018
ބެލުމާ ހަވާލުވެފަ ނެތިއްޔާ ކީއްކުރަން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަންވީ؟