މާފަރަށް ޖެއްސި ފުރަތަމަ ބޯޓާއެކު ފޮނި އުއްމީދުތަކެއް

ބައި ގަޑިއިރުގެ ދަތުރަކަށްފަހު، މޯލްޑިވިއަންގެ ޑޭޝް8 މަރުކާގެ ބޯޓު، ރަންވޭއަށް ޖެއްސުމާއެކު ބޯޓު ތެރެއިން އިވެން ފެށީ އަތްތިލަބަޑީގެ އަޑެވެ. ހަމަ އެ ވަގުތު ބޯޓުގެ ސްޕީކަރު ސިސްޓަމުން ފްލައިޓު އެޓެންޑެންޓް ވަރަށް ހާއްސަ އިއުލާނެއް ފުރަތަމަ ފަހަރަށް ބުނެލި އެވެ: "ދަތުރުގެ އެންމެހާ ބައިވެރީން. މިހާރު ތި ވަޑައިގެންނެވުނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް."


މިއީ މާފަރަށް މަތިންދާބޯޓެއް ޖެއްސި ފުރަތަމަ ދުވަހެވެ. މާފަރު ރައްޔިތުންނަށް މިއީ ވަރަށް ހާއްސަ އަދި އުފާވެރި ދުވަހެކެވެ. ރަށަށް އައިސްފައި ވަނީ ބޮޑު ބަދަލެކެވެ. ރަށުގައި ކުޅި އޮތް ތަނުގައި މިހާރު އޮތީ އެއް ކިލޯމީޓަރުގެ ރަންވޭއެކެވެ.

"ކުރިން މި ތަނުން ފެންނާނީ ދޫނި. އޮންނާނީ ފެންގަނޑެއް. އެކަމަކު މިހާރު އަޅުގަނޑުމެން މި ޖެއްސީ ބޮޑު ރަންވޭއަކަށް، ކުރިމަގުގެ ބޮޑު އިންޓަނޭޝަނަލް އެއާޕޯޓަކަށް،" މާފަރަށް އުފަން ކުރީގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަސްއަދު އަބްދުލްޣަނީ ބުންޏެވެ.

އާބާދީގައި 1100 މީހުން ހިމެނޭ މާފަރަށް މިއަދު ފުރަތަމަ ފަހަރަށް މަތިންދާބޯޓެއް ޖެއްސި ކަމުގައިވި ނަމަވެސް ކުރިމަގުގައި މިއީ ރާއްޖޭގެ އިގްތިސާދީ މުހިންމު ތަނބަކަށް ވެގެންދާނެ އެވެ. މިއަދު މާފަރުގައި ހަމައެކަނި ރަންވޭއެއް އޮތް ނަމަވެސް މި ރަންވޭއާއެކު ޒަމާނީ އެއާޕޯޓެއް އޮންނާނެ އެވެ. ބިޔަ ސިޓީ ހޮޓަލެއް އަޅާނެ އެވެ. އަދި އެންމެ މަތީ ފެންވަރުގެ ރިސޯޓެއްގެ ތަރައްގީ ކުރާނެ އެވެ.

"އިންޑިއަން އޯޝަންގެ އެންމެ އަގުބޮޑު ޓުއަރިޒަމް ދުވަސްކޮޅަކުން އޮންނާނީ މި ސަރަހައްދުގައި،" މާފަރު އެއާޕޯޓުގެ ރަންވޭގައި ހުންނަވައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ. "ވަރަށް ބޮޑު އަދި ތަފާތު ޕްރޮޖެކްޓެއް ރައީސް އަބްދުﷲ ޔާމީން ފައްޓަވާފައި މިއޮތީ."

މާފަރު އެއާޕޯޓުގެ ޓަވަރު އިމާރާތް ކުރަނީ: މިއީ އެއްފަހަރާ ހަ ޕްރައިވެޓް ޖެޓަށް ހިދުމަތް ދެވޭނެ އެއާޕޯޓެއް -- މިހާރު ފޮޓޯ / ހަސަން މުހައްމަދު

މިނިސްޓަރު ޒަމީރު ވިދާޅުވީ މާފަރު އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށެވެ. މާފަރު އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހޭދަވާއިރު މި ހަރަދުގައި ހިފަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީ ފަންޑް ފޯ ޑެވެލޮޕްމަންޓުންނެވެ.

ކުރިން މި ޕްރޮޖެކްޓް ހަވާލުކޮށްފައި އޮތީ ހާމިދު އިސްމާއިލްގެ މިލޭނިއަމް ކެޕިޓަލްސްއާ އެވެ. ފަހުން ހަވާލު ކުރީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ކުންފުންޏަކަށެވެ. ނަމަވެސް އަބޫދާބީ ފަންޑުން ހިލޭ އެއާޕޯޓު އެޅޭނެ މަގު ތަނަވަސްވުމުން އެ ޕްރޮޖެކްޓު ސިޔާމު އަތުން ނެގީ އެވެ.

"އެއާޕޯޓަކީ އެ ބޭފުޅުން ދިވެހި ރައްޔިތުންނަށް ދޭ ހަދިޔާއެއް. މި ސަރުކާރާއި އިމާރާތުގެ ސަރުކާރާ ދެމެދު އޮތް ގާތްކަން ރަމްޒުކޮށްދޭނެ ހަދިޔާއެއް،" މިދިޔަ ޑިސެމްބަރު މަހު ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

އޭގެ ނުވަ މަސް ފަހުން އެއާޕޯޓުގެ ރަންވޭ ނިންމައި މިއަދު ޓެސްޓް ފްލައިޓު ޖެއްސި އިރު އެއް ކިލޯމީޓަރުގެ މާފަރު އެއާޕޯޓުގެ ރަންވޭއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭހާ ފުޅާ ރަންވޭއެކެވެ. ރާއްޖޭގައި މިވަގުތު އޮތީ މިހާ ފުޅާ މިނުގައި އިތުރު ތިން އެއާޕޯޓެވެ. އަދި މި އެއާޕޯޓުގައި އެއްފަހަރާ ޕްރައިވެޓު ހަ ޖެޓަށް ހިދުމަތް ދެވޭނެ އެވެ. މިއީ އެހެން ރީޖަނަލް އެއާޕޯޓެއްގައި ލިބޭ ހިދުމަތެއް ނޫނެވެ.

މާފަރު އެއާޕޯޓުގެ ކޮންސްޓްރަކްޝަން ސައިޓު: އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިމޭނެ -- މިހާރު ފޮޓޯ / ހަސަން މުހައްމަދު

މިނިސްޓަރު ޒަމީރުގެ ތަސައްވަރާ އެއްގޮތަށް ނ. އަތޮޅުގެ މި ސަރަހައްދަކީ އިންޑިޔާ ކަނޑުގެ އެންމެ ލަގްޒަރީ ޓުއަރިޒަމް މަންޒިލަށްވާން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. އެކަމަކު މާފަރުގެ އަދި މި ސަރަހައްދުން ރައްޔިތުންގެ އުއްމީދުތައް ހުރީ އެއަށް ވުރެ ވެސް ގާތަށެވެ.

މާފަރުގައި އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ އިއުލާން ކުރީ މީގެ 11 އަހަރު ކުރިން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުންނެވެ. އެހެންވެ މިއަދާ ހަމައަށް ވެސް ރައްޔިތުން ތިބީ އެއާޕޯޓަކަށް ކެތްމަދުވެފަ އެވެ.

"ވަރަށް އުފާވެރި ދުވަހެއް މިއީ އަޅުގަނޑުމެންނަށް. އުއްމީދަކީ މިއީ އަދި ފެށުމެއް ކަމަށް. މިކަމުގެ ސަބަބުން ފުރުސަތުތައް ހުޅުވި، އިގްތިސާދު ރަނގަޅުވެގެންދާނެ ކަމަށް މި ބަލަނީ،" މިއަދު ޓެސްޓު ފްލައިޓު ޖެއްސި މަންޒަރު ބަލަން ނުކުމެ ހުރި މި ރަށު މީހަކު ބުންޏެވެ.