މެންޗެސްޓާ (އޮގަސްޓް 17) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ރޮމެލޫ ލުކާކޫ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާމެދު ވިސްނަމުން އަންނަ ކަމަށް ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ލުކާކޫ އަކީ ދާދި ފަހުން ބެލްޖިއަމުން ވޯލްޑް ކަޕްގެ ތިން ވަނަ ހޯދިއިރު، އެ ޓީމުގެ ގިނަ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ކުޅުންތެރިއެކެެވެ. އޭނާ އަކީ ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ ފޭވަރިޓް ކުޅުންތެރިއެކެވެ.

ބިޒްނަސް އިންސައިޑާ އަށް ދިން އިންޓަވިއުއެއްގައި ލުކާކޫ ބުނީ 2020 ވަނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާމެދު ވިސްނަމުން އަންނަ ކަމަށެވެ.

"އަހަރެންގެ އުމުރުން 25 އަހަރު. އަދި އަހަރެން މިހުރީ އެއްކޮށް އެންމެ ރަނގަޅު ފޯމެއްގައެއް ވެސް ނޫން. އެކަމަކު މި ވަގުތު ވެސް އަހަންނަކީ ބެލްޖިއަމްގެ އެއް ވަނަ ފޯވާޑް. އެ މަގާމަށް އަހަންނާ ވާދަކުރަން އެބަތިބި ގިނަ ކުޅުންތެރިން. ކުރިއަށް އޮތް ދެ އަހަރު ތެރޭ އެ ކުޅުންތެރިން ރަނގަޅު ހިސާބަކަށް އަންނާނެ. އެހެންވީމަ ޔޫރޯ އަށް ފަހު އަހަރެން ގައުމީ ޓީމުން ނުފެނިދާނެ،" ލުކާކޫ ބުންޏެވެ.

ޔޫރޯ އަށް ފަހު ލުކާކޫ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިނަމަ އޭނާ ގައުމީ ޓީމުން ރިޓަޔަކުރާނީ 27 އަހަރުގަ އެވެ. އޭގެ މާނަ އަކީ ގަތަރުގައި 2022 ވަަނަ އަހަރު އޮންނަ ވޯލްޑް ކަޕުން ލުކާކޫ ފެނުމުގެ ފުރުސަތު ނެތުމެވެ.

"ރިޓަޔަކުރުމަށް ފަހު އަހަރެން އެނބުރި ނާންނާނަން. އެއީ ވަރަށް ގިނަ ކުޅުންތެރިންނަށް ފުރުސަތު ގެއްލޭނެތީ،" ލުކާކޫ ބުންޏެވެ.

ބެލްޖިއަމްގެ ރަން ޖީލުގެ ކުޅުންތެރިންނަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާ ނެތުމެވެ. އެ ޓީމަށް މުސްތަގުބަލުގައި ގިނަ ކާމިޔާބީތަކެއް ހޯދިދާނެ ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ކެޓީ ފްރާންސް އަތުން ސެމީ ފައިނަލްގަ އެވެ.

ލުކާކޫ ބުނީ މި ވަގުތަށް ބަލާއިރު ބެލްޖިއަމްގެ ޓާގެޓަކީ ކޮންމެ މުބާރާތެއްގެ ވެސް ސެމީ ފައިނަލް ކަމަށާއި ދެން އެ އަށް ވުރެން ދުރަށް ވިސްނާނީ އެ އަށް ފަހު ކަމަށެވެ.

ބެލްޖިއަމްގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތީ ލުކާކޫ އަތުގަ އެވެ. އޭނާ ވަނީ ކުޅުނު 75 މެޗުން 40 ލަނޑު ޖަހައިފަ އެވެ.