ދިވެހި ހުރިހާ ހައްޖުވެރިން ޖަމްރާ އަށް ހިލަ އުކައިފި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން ޖަމްރާ އަށް ހިލަ އުކައި ހައްޖުގެ އެންމެ މުހިންމު އެއް ރުކުން މިއަދު އަދާކޮށްފި އެވެ.


ރާއްޖެއިން މި އަހަރު 1،400 އަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން ހާހަކަށް ވުރެ ގިނަ މީހުން ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ބާކީ ތިބި ހައްޖާޖީން ދިޔައީ، އަމިއްލަ ހަތަރު ކުންފުންޏެއްގެ ހަވާލުގަ އެވެ.

ހައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު "މިހާރު" އަށް މިރޭ ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީން ޖަމްރާ އަށް ހިލަ އުކައި ނިންމާފައިވާ ކަމަށެވެ. ޖަމްރާ އަށް ހިލަ އުކުމުގެ ތެރޭގައި އެއްވެސް ދިވެއްސަކަށް މައްސަލައެއް ދިމާވެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖާޖީން ޖަމްރާ އަށް ހިލަ އުކައި ނިންމިއިރު، އެހެން ޖަމާއަތްތައް މެދުވެރިވެގެން، ހައްޖަށް ދިޔަ މީހުން ވެސް ހިލަ އުކައި ނިންމާފައިވާ ކަމަށް ވެ އެވެ.

ހައްޖާޖީން ޖަމްރާ އަށް ހިލަ އުކުމަށް ފަހު، ކުރިއަށް އޮތް ތިން ދުވަހު މިނާގައި ތިބޭނެ އެވެ. އެ އަށް ފަހު، މައްކާ އަށް ގޮސް، ތަވާފުލް އިފާޟާ ފުރިހަމަ ކުރާނެ އެވެ.

ތަވާފުލް އިފާޟާ ފުރިހަމަ ކުރުމުން ހައްޖުގެ އަޅުކަން ނިމުނީ އެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް މި ފަހަރު ހައްޖަށް ދިޔަ ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނާއި ސިސިލްފަރު ޖަމާއަތާއި އަލްހަރަމައިން ޖަމާއަތާއި ތަޒްކިޔާ ޖަމާއަތާއި ޒައީ ޖަމާއަތުގެ ހަވާލުގަ އެވެ. ހައްޖު މިޝަންގައި މި އަހަރު ހިމެނެނީ ފަސް ބޭފުޅުންގެ ޓީމެކެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން މައްކާ އަށް ވަނީ ޖަމާވެފަ އެވެ.