ތެހެރާން (އޮގަސްޓް 29) - ގައުމުގެ އިގްތިސާދު ހީނަރުވަމުންދާ މައްސަލާގައި އީރާނުގެ ރައީސް ހަސަން ރޫހާނީ ޕާލަމެންޓަށް ހާޒިރުކޮށް ސުވާލު ކުރުމުން ދެއްވި ޖަވާބާ މެދު މެންބަރުން ހިތްހަމަނުޖެހޭކަން ހާމަކޮށްފި އެވެ.
މިއީ ވެރިކަމުގައި ހޭދަކުރެއްވި ފަސް އަހަރު ތެރޭ ރޫހާނީ ޕާލަމެންޓަށް ހާޒިރުކޮށް ސުވާލު ކުރި ފުރަތަމަ ފަހަރެވެ. މެންބަރުން ސުވާލުކުރީ ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުމާއި ތަކެތީގެ އަގު ބޮޑުވުމާއި ފައިސާގެ އަގު ވެއްޓޭ މައްސަލައިގަ އެވެ.
އީރާނުގެ އިގްތިސާދު ހީނަރުވާ މައްސަލަ އަށް ހައްލެއް ހޯދައިދީފައި ނުވާތީ ދެ މިނިސްޓަރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މަގާމުން ވަނީ ދުރުކޮށްފަ އެވެ. އެއީ ލޭބަ މިނިސްޓަރާއި އިކޮނޮމީ މިނިސްޓަރެވެ.
ރޫހާނީގެ ޖަވާބުތަކަށް ފަހު މެންބަރުން ހިތްހަމަޖެހޭތޯ ބަލަން ނެގި ވޯޓުގައި ފަސް ސުވާލުގެ ތެރޭން ހަތަރު ސުވާލަށް ދިން ޖަވާބާ މެދު ހިތްހަމަޖެހޭ ކަމަށް މެންބަރުން ވަނީ ބުނެފަ އެވެ.
އީރާނުގެ އިގްތިސާދު ހީނަރުވާން ފަށާފައި ވަނީ އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނެވެ.
ދެ މިނިސްޓަރަކު ޕާލަމެންޓް މެދުވެރިކޮށް މަގާމުން ދުރުކުރި ނަމަވެސް ރައީސް ރޫހާނީގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ސަބަބަކީ ރައީސް މަގާމުން ދުރުކުރުން ވާނީ ދުޝްމަނުން ބޭނުންވާ ގޮތަށް ކަންތައްވުން ކަމަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައިވާތީ އެވެ.