ނަޝްފާއަށް އަނިޔާކުރި ދެ ކުދިންގެ ބަންދަށް 15 ދުވަސް

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ކުދިންގެ ތަހުގީގަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން ޖުނެނައިލް ކޯޓުން މިއަދު ނިންމައިފި އެވެ.


ނަޝްފާ ހަސަނަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އުމުރުން 17 އަހަރާއި 18 އަހަރުގެ ދެ އަންހެންކުއްޖަކު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ ރޭގަ އެވެ.

ތިން އަންހެން ކުދިން ގުޅިގެން ނަޝްފާއަށް އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ މިދިޔަ ހަފުތާގައި ވައިރަލް ވެފަ އެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ އޭގެ ތެރެއިން ކޮން ދެ ކުއްޖެއް ކަމެއް އަދިއެއް ނޭނގެ އެވެ.

ވަރަށް ހުތުރު ބަހުން ވާހަކަ ދައްކައި، އެ މީހުން ނަޝްފާގެ މޫނު މަތީގައި ތަޅާ ތަން އެ ވީޑިއޯއިން ފެނެ އެވެ. އެ މަންޒަރު ވީޑިއޯ ކޮށްފައި ވަނީ އެ ގުރޫޕްގައި ހިމެނޭ އެހެން އަންހެން ކުއްޖެއް ކަމަށް ވެ އެވެ.

ވީޑިއޯ ވައިރަލް ވުމާ އެކު، ގިނަ ބައެއްގެ ފާޑުކިޔުން އެ ކުދިންނަށް ވަނީ އަމާޒު ވެފަ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ދެ ކުއްޖަކު ވަނީ، ކުށް ގަބޫލުކޮށް ސޯޝަލް މީޑިއާގައި މާފަށް ވެސް އެދިފަ އެވެ.