ރައީސް ޔާމީނަށް ނާކާމިޔާބުވީ މައުމޫން ބާކީކުރުމުން: ވައްޑެ

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ގެއްލި، ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ، ކުރީގެ ރައީސް އަދި އެއްބަފާ ބޭބޭފުޅު، މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމުން ވަކިކޮށް އެމަނިކުފާނާ މެދު އަނިޔާވެރިވުމުން ކަމަށް، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.


ރައީސް ޔާމީން، ދެ ވަނަ ދައުރަކަށް ވާދަކުރެއްވި އިންތިޚާބު، ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

އެ ނާކާމިޔާބީއާ އެކު ޕީޕީއެމްގެ ކުއްލި ކޮންގްރެސްއެއް ބާއްވައި އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް، ރައީސް ޔާމީން އިންތިޚާބުވެވަޑައިގަތުމުން ހިތްހަމަނުޖެހުން ފާޅުކުރައްވައި ވައްޑެ ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ބޭއްވި "ބާތިލް ކޮންގްރެސް" އެކެވެ.

ވައްޑެ ވިދާޅުވީ މި އިންތިޚާބު ރައީސް ޔާމީނަށް ނާކާމިޔާބުވެވަޑައިގަތީ، މައުމޫން އެއްފަރާތް ކުރައްވައި އިޚްލާސްތެރިން ވަކިކުރައްވަން އެނގިވަޑައިނުގަތުމުން ކަމަށެވެ. ރައީސް ޔާމީން ތަހައްމަލް ކުރައްވަމުން ގެންދަވަނީ، މައުމޫނާ މެދު އަނިޔާވެރިކަމާއި ހަރުކަށިކަން އިސްކުރުމުގެ ހިތި ނަތީޖާ ކަމަށް ވެސް ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވި ގޮތުގައި މައުމޫން، ބާކީކުރައްވަން ފެއްޓެވުމުން، އެކަން ނުކުރައްވަން ރައީސް ޔާމީނަށް ދެންނެވި އެވެ. އެކަމަކު އަޑުނާއްސަވައި ރައީސް ޔާމީން ކޯފާއިސްކުރެއްވީ ކަމަށް ވައްޑެ ވިދާޅުވި އެވެ.

"..މައުމޫން ބާކީ ނުކުރަން އެދުމުން، އެ ދުވަހު ކޯފާވީ އަޅުގަނޑު ދެކެ. މިއަދު ކޯފާ ތިޔަވަނީ އަމިއްލަ ނަފްސު ދެކެ،" ވައްޑެ ވިދާޅުވި އެވެ.

މައުމޫނާ މެދު އަނިޔާވެރި ނުވާން އެދިވަޑައިގަތް ކަމަށް ވިދާޅުވެ ވައްޑެ ކުރެއްވި ޓުވީޓް.
ސަރުކާރަށް ތާއީދު ނުކުރާ ކަން ހާމަކުރައްވައި އިސްލާހަށް ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމްއާ އެކު. --ފޮޓޯ/މިހާރު

ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، މައުމޫން ފާޑުވިދާޅުވާން ފެއްޓެވެމުން އުފެދުނު ހިޔާލުތަފާތުވުންތަކުގައި، އެމަނިކުފާނު ޕީޕީއެމްގެ ރައީސް ކަމުން ވެސް ވަކިކުރި އެވެ. އޭރު މައުމޫން ވަނީ، އިދިކޮޅު ޕާޓީތަކާ އެކު އިސްލާހުގެ ނަމުގައި މަސައްކަތްޕުޅު ފައްޓަވައިފަ އެވެ.

މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރުކުރީ ރައީސް ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.

އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ، އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެ މަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.