ރައީސް ޔާމީން ހުށަހެޅުއްވި އަބުރުގެ މައްސަލަ އަނބުރާ ނަގައިފި

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ މައްޗަށް ކުރެއްވި ދައުވާ އަނބުރާ ނަގައިފި އެވެ.


އެމަނިކުފާނު އަބުރުގެ ދައުވާ ކުރެއްވީ، ރާއްޖޭން ބޭރުގައި ގަވާއިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، ރައީސް ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައި އެކަމާ ބެހޭގޮތުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ.

މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހަސަން ލަތީފަށާއި އަނަސް އަބްދުއްސައްތާރުގެ މައްޗަށް އަބުރު ގެއްލުމުގެ ދައުވާ ކުރަން ސިވިލް ކޯޓަށް ހުށަހެޅީ މި މަހުގެ 19 ވަނަ ދުވަހެވެ.

ޑިސްޕިއުޓް މަރުހަލާގައި އެ މައްސަލަ ބެލުމަށްފަހު އެ ކޯޓުން މިިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނީ އަބުރާ ބެހުމުގެ މައްސަލަ މިވަގުތު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ވިދާޅުވެ އެ މައްސަލަ ބާތިލްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރުމަށްފަހު އެ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ހުކުމުގައި ބުންޏެވެ.

އަބުރު ގެއްލުމުގެ ބަދަލު ހޯދަން ހަސަން ލަތީފާއި އަނަސްގެ އިތުރުން އެމްޑީޕީގެ މައްޗަށް ވެސް ދައުވާކުރި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޔާމީން ކެމްޕެއިނަށް އެ ނޫސްވެރިންގެ ބައްދަލުވުމުގެ ސަބަބުން ހުރަސްތަކެއް އެޅުނު ކަމަށް ބުނެ އެ މައްސަލަ ވެސް ހައި ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައެއް ނުގަނެ އެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު ކޯލިޝަނުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭނާއަށް 134،705 ވޯޓު އަދި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ.