ގާހިރާ (އޮކްޓޯބަރު 1) - މިސްރުގެ މުސްލިމް ބްރަދަހުޑުގެ ލީޑަރު މުހައްމަދު ބަދީއުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމުގެ ޝަރީއަތް އަލުން ފަށަން މިސްރުގެ ކޯޓަކުން އަންގައިފި އެވެ.

މުހައްމަދު ބަދީއު އާއި ބުރަދަހުޑުގެ އެތައް ބައެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ މިސްރު ސިފައިން ނުކުމެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން ޖުލައި، 2013 ގައި ވައްޓާލުމަށް ފަހު އެވެ.

ބަދީއުގެ އިތުރުން ބްރަދަހުޑުގެ އިތުރު 14 މީހަކަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ބްރަދަހުޑުގެ އިސް ފަރާތްތަކުގެ މައްޗަށް އިއްވާފައިވާ ހުކުމް ބަދަލު ކުރަން އަލުން ޝަރީއަތް ކުރަން އެންގި ސަބަބެއް ގާހިރާގެ ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިސްރުގެ ގާނޫނުތައް އޮންނަ ގޮތުން އާ ހެކިތައް ފެނިއްޖެ ނަމަ ޝަރީއަތް އަލުން ކުރެވިދާނެ އެވެ.

މިސްރުގެ ކޯޓަކުން ދާދި ފަހުން ވަނީ މަރުގެ ހުކުމް އިއްވާފައިވާ 75 މީހެއްގެ ހުކުމް ދަމަހައްޓައިފަ އެވެ. މިސްރު ސަރުކާރުން ވަނީ ބްރަދަހުޑަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. މިސްރުގެ ޖުޑިޝަރީ އަށް ދަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ފާޑުކިޔަމުންނެވެ. އެކަމަކު މިސްރު ސަރުކާރުން ބުނެފައި ވަނީ އެ ގައުމުގެ ޖުޑިޝަރީ ހިންގަނީ މިނިވަންކަމާ އެކު ކަމަށެވެ.