ގާހިރާ (ސެޕްޓެމްބަރު 9) - މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ސަރުކާރު ވައްޓާލުމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވިކަމުގެ ކުށުގައި މަރުގެ ހުކުމް އިއްވި 75 މީހުންގެ ތެރޭގައި ގިނައީ މުސްލިމް ބްރަދަހުޑަށް ނިސްބަތްވާ މެންބަރުންނެވެ.
މަރުގެ ހުކުމް އިއްވި މީހުންގެ ތެރޭގައި ބްރަދަހުޑުގެ ލީޑަރުން ކަމަށްވާ އީސަމް އލް އާރިއަމް އާއި މުހައްމަދު ބަލްތާގީ ހިމެނެ އެވެ. އަދި އެ ޖަމާއަތުގެ ރޫހާނީ ލީޑަރު މުހައްމަދު ބަދީއު އަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފަ އެވެ. މުހައްމަދު ބަދީއުގެ މައްޗަށް 2014 ވަނަ އަހަރު އިއްވި މަރުގެ ހުކުމަށް މިސްރުގެ ގްރޭންޑް މުފްތީ ދެކޮޅު ހެއްދެވުމުން އެ ހުކުމް ފަހުން ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްފަ އެވެ. އޭނާގެ އިތުރުން ވަނީ 46 މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފަ އެވެ. ގާހިރާގައި ބޭއްވި ޝަރީއަތުގައި 612 މީހަކަށް ވަނީ 5-15 އަހަރާ ދެމެދުގެ އެކި ވަރުގެ ހުކުމްތައް އިއްވައިފަ އެވެ.
މަޝްހޫރު ފޮޓޯގްރާފަރު މަހްމޫދު އަބޫ ޒައިދަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެކަމަކު އޭނާ ހައްޔަރު ކުރީ އޮގަސްޓް 2013 ގައި ކަމަށްވާތީ އޭނާގެ މައްޗަށް އިއްވި ހުކުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު ވަނީ މިނިވަންވެފަ އެވެ.
މުރްސީގެ ވެރިކަން ޖުލައި 2013 ގައި ވައްޓާލި ފަހުން މުސްލިމް ބްރަދަހުޑް ވަނީ މަނާކޮށްފަ އެވެ. މުރްސީގެ ވެރިކަން ވައްޓާލީ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވި އަބްދުލް ފައްތާހު ސީސީ ސިފައިންގެ ވެރިއަކަށް ހުންނެވި އިރު ގެނައި އަސްކަރީ ބަޣާވާތެއްގަ އެވެ.
މުރްސީގެ ވެރިކަން ވައްޓާލުމާ ދެކޮޅު މުޒާހަރާތައް ފެށީ އޮގަސްޓް 2013 ގަ އެވެ. ގާހިރާގެ ރާބިއާ އަދި ނަހްދާ މައިދާނުގައި އިށީނދެ ތިބެ މުރްސީގެ ސަޕޯޓަރުން ކުރި މުޒާހަރާ ރޫޅުލުމަށް ސިފައިން ގަދަބާރު ބޭނުން ކުރުމުން ވަނީ 800 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.