މިނިސްޓްރީގެ މުވައްޒަފުންނަށް މަގުމަތިން ދަނީ ބިރު ދައްކަމުން: މުއިއްޒު

ހައުސިން މިނިސްޓްރީގެ ވަކިވަކި މުވައްޒަފުންނާ މަގުމަތިން ދިމާކޮށް، ބިރުދައްކަމުންދާ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.


އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އަމަލުތަކުގެ ސަބަބުން ނަފްސާނީ ގޮތުން ބިރުވެރިކަމެއްގެ ތެރެއަށް މުވައްޒަފުން ވަނީ ވެއްޓިފަ އެވެ. އެހެންވެ، އެ އަމަލު، އެންމެ ހަރުކަށި އިބާރާތުން މުއިއްޒު ކުށްވެރި ކުރެއްވި އެވެ.

މިނިސްޓަރު މިހެން ވިދާޅުވި އިރު، މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯތި ވިއްކުމުގައި އެ މިނިސްޓްރީން އަމަލު ކުރާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި، މުއިއްޒު އިސްކޮށް ހުންނަވައިގެން އެ މަސައްކަތްތައް ކުރައްވަމުން ދަނީ ބޭއިންސާފުންނެވެ. އެކަމަކު، މުއިއްޒު އެ ވާހަކަތައް ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވަމުން ގެންދަވަނީ އިންސާފުން ބޭރުން ކަންކަން ނުކުރައްވާ ކަމަށާއި ހުޅުމާލެއިން ދޫކުރާ 7،000 ފްލެޓަށް ޕޮއިންޓު ދިނުމުގައި އެރި އޮޅުންތައް ރަނގަޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހުޅުމާލެ އިން 400 ގޯތި ވަކި ބަޔަކަށް ވިއްކަން ނިންމައި ހައުސިން މިނިސްޓްރީން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.

އޭސީސީއަށް މުވައްޒަފުން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ގޯތި ވިއްކުމަށް ދެ ވަނަ ފަހަރަށް އިއުލާން ކުރިއިރު ވަކި ބަޔަކަށް ފުރުސަތު ދޭން ޝަރުތުތަކަށް ބަދަލު ގެނެސްފައި ވުމާއި މާލޭގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައި ނުވި ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ވާން ހުށަހަޅާ ފަރާތްތަކަށް ވަގުތީ ލިޔުމެއްދީ އެ ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ބަދަލުކޮށްފައިވުން ހިމެނެ އެވެ.

އަދި، މިދިޔަ ފަސް ދުވަހުގެ ތެރޭގައި އާދަޔާޚިލާފަށް ގިނައިން، ދަފްތަރުގައި ރަޖިސްޓްރީވާން ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުން ހިމެނޭ ކަމަށް ވެސް މުވައްޒަފުން ބުނެފައި ވެ އެވެ.

ހައުސިން މިނިސްޓްރީން މިހާރު ވަނީ ހުޅުމާލެއިން ވިއްކާ ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމާއި އަދި އެއާ ގުޅޭ ހުރިހާ ކަމެއް ވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ކުރިއަށް ގެންދާ ގޮތަށް ނިންމައިފަ އެވެ.

އެކަމަކު، ގޯތި ވިއްކުމާ ދެކޮޅަށް، އެޗްޑީސީގެ ގިނަ މުވައްޒަފުންތަކެއް ވެސް ސޮއިކޮށް، ޕެޓިޝަނެއް ވަނީ ހުށަހަޅައިފަ އެވެ.