ގިނަ ބައެއް މެދުގައި މަގުބޫލު ސޯޝަލް ނެޓްވާކް ޓްވިޓާގެ ލައިކް ބަޓަން އުނިކުރުމާ މެދު ވިސްނަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޓްވިޓާގައި ހިތެއްގެ ބައްޓަމަށް އިންނަ ލައިކް ބަޓަން ވަރަށް އަވަހަށް އުނިކޮށްލަން އުޅޭ ކަމަށް ބުނެ ވަރަށް ހޫނުކޮށް މިހާރު ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން އަންނަނިކޮށް ޓްވިޓާ އިން ކުރި ޓްވީޓެއްގައި ބުނީ ލައިކް ބަޓަން އުނިކުރުމާ މެދު އެބަ ވިސްނާ ކަމަށެވެ.
އެކަމަކު ލައިކް ބަޓަން އުވާލަން ސީދާ ނިންމާފައިވާ ކަމެއް ނުވަތަ ލައިކް ބަޓަން އެ ގޮތަށް ދޫކޮށްލާނީ ކަމެއް ކަށަވަރެއް ނުކޮށްދެ އެވެ. ޓްވީޓާ އިން ބުނީ ބަދަލެއް ގެންނަ ކަމަށްވާ ނަމަ އެކަމަކީ ހިދުމަތަށް އިތުރު ކުރިއެރުމެއް ގެންނަން ކުރާނެ ކަމަކަށް ވާނެ ކަމަށެވެ.
"އެކަމަކު އަހަރެން މި އުޅެނީ އަދި ޕްލޭންތަކެއްގެ ވަރަށް ކުރީ ހަރުފަތުގައި. އެހެންވެ މި ވަގުތަށް އަދި ނެތް މީގެ ތަފުސީލެއް ހިއްސާ ކުރެވޭކަށް،" ޓްވީޓާ އިން ބުންޏެވެ.
ޓްވިޓާގެ އެެއް ބާނީ އަދި ސީއީއޯ ޖެކް ޑޯސީއާ ހަވާލާދީ ދަ ޓެލެގްރާފުން ބުނީ މިދިޔަ ހަފުތާގައި އޭނާ ބައިވެރިވި އިވެންޓެއްގެ ތެރޭގައި، ޓްވިޓާގެ ލައިކް ބަޓަން އުނިކުރުމާ މެދު ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭނާއަކީ ލައިކް ބަޓަންއާ އެހާ ގަޔާވާ މީހެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްވިޓާގެ ލައިކް ބަޓަން ތައާރަފު ކުރީ 2015 ގަ އެވެ. އޭގެ ކުރިން ލައިކް ބަޓަންގެ ބަދަލުގައި އިންނަނީ ތަރިއެއްގެ ބައްޓަމަށް އިންނަ ފެވަރިޓް ބަޓަނެކެވެ.
ދެހާސް ހައެއްގައި ވުޖޫދަށް އައި ޓްވިޓާއަކީ މިހާރު 335 މިލިއަނަށް ވުރެ މީހުން ބޭނުން ކުރާ އެއްޗެކެވެ.