ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ޑައުންވެ ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ހާސް ބަޔަކަށް ހިދުމަތް ހުއްޓިއްޖެ އެވެ. 

އެކްސްގެ ޕޯސްޓްތައް އެއްވެސް ގޮތަކަށް ލޯޑް ނުވާތާ އެތައް އިރެއް ވެފައި ވާއިރު ވެގެން އުޅެނީ ކީއް ކަމެއް ވެސް އަދި ނޭނގެ އެވެ. އެހެންވެ މިއީ މި ފަހުން ދިމާވި ފަދަ ބޮޑު މައްސަލައެއް ކަމަށް ވަނީ ބެލެވިފަ އެވެ. 

ޑައުންޑިޓެކްޓާ އިން ދައްކާ ގޮތުގައި އެންމެ ގިނަ މީހުންނަށް މައްސަލަ ދިމާވަނީ އެޕްގަ އެވެ. އަދި ވެބްސައިޓުން ވެސް އެތައް ބަޔަކަށް މައްސަލަ ދިމާވެފައިވެ އެވެ. ސާވާ ކަނެކްޝަން މައްސަލަ ވެސް ބައެއް މީހުންނަށް ކުރިމަތިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. 

މިއީ ދާދި ފަހުން މުޅި ދުނިޔޭގެ އިންޓަނެޓް ހިދުމަތަށް ބުރޫއެރި ކްލައުޑް ފްލެއާގެ މައްސަލައެއް އަނެއްކާވެސް ތަކުރާރުވުން ކަމަށް ފުރަތަމަ ބެލެވުނު ކަމުގައި ވިޔަސް އެފަދަ މައްސަލައެއް ފާހަގައެއް ނުވެ އެވެ. އަދި މިފަހަރު މައްސަލަ ދިމާވެފައިވަނީ ސީދާ އެކްސް އަށް ކަމަށް ޓެކް ޚަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުން ބުނެފައިވެ އެވެ. 

މީގެ ކުރިން އެކްސް ޑައުންވާއިރު ޕޯސްޓްތައް ލޯޑް ނުވިޔަސް އެ ވެބްސައިޓަށް ވަދެވެ އެވެ. އެކަމަކު މިފަހަރު ވެބްސައިޓް ވެސް ލޯޑެއް ނުވެ އެވެ. 

މި މައްސަލަ އެކްސްގެ ވެބްސައިޓާއި މޯބައިލް އެޕަށް ވެސް ވަނީ ދިމާވެފަ އެވެ. 

މި ހަފުތާގައި ވެސް އެކްސް އަށް ޓެކްނިކަލް މައްސަލައަކާ ދިމާވި އެވެ. މި ދެ ހާދިސާ ހިނގާފައި ވަނީ އީލޮން މަސްކްގެ ޕްލެޓްފޯމާއި އެ ކުންފުނީގެ ޗެޓްބޮޓް ގްރޮކް ބޭނުންކޮށްގެން ބޭއަދަބީ ކޮންޓެންޓް އުފެއްދޭ މައްސަލަގައިގައި ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.