ސީގަލް ކެފޭގައި އެކަށީގެންވާ މިންވަރަށް ސާފުތާހިރުކަން ނެތުމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިއަދު އެ ކެފޭ ބަންދު ކޮށްފި އެވެ.

އެ އެޖެންސީން ބުނި ގޮތުގައި ސީގަލް ކެފޭ މިއަދުން ފެށިގެން ބަންދު ކުރީ ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާން ކުރާ ގަވައިދާ ހިލާދުވުމުން ކަމަށެވެ.

އެ އިދާރާ އިން ބުނި ސީގަލް ކެފޭ ބަންދު ކުރީ ކާބޯތަކެތީގެ ޒަރިއާ އިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަކުން ސީގަލް ކެފޭ އިން ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރި ކުރުމަށް ކަމަށެވެ.

މިއަދުން ފެށިގެން ސީގަލް ކެފޭ ބަންދު ކުރި އިރު ބަންދު ކޮށްފައި ބަހައްޓާނެ ވަކި މުއްދަތެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި އިއުލާންގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ސީގަލްގައި ހަރުކޮށްފައިވާ ނޯޓިސް އިން ބުނާ ގޮތުގައި އެ ނޯޓިސް ހަރުކޮށްފައިވާ މުއްދަތުގެ ތެރޭގައި ސީގަލް ކެފޭ އިން ކާބޯތަކެތި ތައްޔާރުކޮށް، ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ.

ސީގަލް ކެފޭ އަކީ ސީގަލް ގްރޫޕުން 1994 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ތަނެކެވެ. ސީގަލް ކެފޭގެ އިތުރުން ސީގަލް ގްރޫޕަކީ ސީ ސްޕޯޓްސް އާއި ސީގަލް މެރިން ފަދަ ފިހާރަތައް ހިންގަމުން އަންނަ ކުންފުންޏެވެ.