އެ ދުވަސްވަރެއްގައި އެންމެ ބޮޑަށް މަޝްހޫރުވާ އެނިމޭޓެޑް ފިލްމުތަކުން އުފަންވާ ކެރެކްޓާތައް ޖެހިގެން އަންނަ އަހަރު ސްކޫލްތަކުން ވެސް ޖާގަ ހޯދަ އެވެ. އެއީ ފޮތް ދަބަސްތަކާއި ލަންޗް ބޭގްތަކާއި ސްކޫލަށް ބޭނުންވާ ތަކެތީގެ ގޮތުގަ އެވެ. އެކަމަކު މި ޓްރެންޑް މަޑުމަޑުން ބަދަލުވަމުން އައިސް، މި ކެރެކްޓާތަކާއި ތީމްތަކާ އެކު މަޝްހޫރު ފުޓްބޯޅަ ކްލަބްތަކާއި ނަން މަޝްހޫރު ބްރޭންޑްތައް މިހާރު ވަނީ މި ލިސްޓުން ޖާގަ ހޯދައިފަ އެވެ.
އަބަދުވެސް ފެންނަ ކެރެކްޓާތައް
ބާބީ، ބެޓްމޭން، ސްޕައިޑަ މޭން، ޑޯރާ އަދި ޕްރިންސަސްތަކުގެ މަގުބޫލުކަން ކުޑަވެލާފައި ވިޔަސް މިއީ ހަމަ ކޮންމެ އަހަރެއްގައި ވެސް ދަރިވަރުންގެ ފޮތް ފަންސޫރާއި ދަބަސްތަކުގެ އެންމެ މަގުބޫލު ތީމްތަކެވެ. އެކަމަކު ދެރަ ކަމަކީ މި ތީމްތަކުގެ ފެންވަރު ރަނގަޅު ސާމާނު ރާއްޖެއިން ލިބެން ނެތުމެވެ. ދިވެހިންނަކީ އޮރިޖިނަލް އަށް ލޯބިކުރާ ބަޔަކަށް ވިޔަސް މި ތީމްތަކުގައި ހަމަ މުޅިންހެން ލިބެން ހުންނަނީ ވަރަށް އާދައިގެ ފޭކް އުފެއްދުންތަކެވެ. ފަަހަރެއްގައި، ބޮޑު އަގުގައި މި ތަކެތި ގަންނަން ބޭނުން ނުވާތީ، އޮރިޖިނަލް ތަކެތި ގެނައުމަށް މާ ބޮޑު ސަމާލުކަމެއް ނުދެނީ ކަމަށް ވެދާނެ އެވެ.
ފުޓްބޯޅަ ކްލަބްތަކުގެ ނުފޫޒު
ފުޓްބޯޅަ އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވެސް އެއް ވަނަ ކުޅިވަރަށް ވުމުން މި ނުފޫޒު މިހާރު ސްކޫލްތަކަށް ވެސް ވަނީ އެވެ. ޚާއްސަކޮށް، ފިރިހެން ކުދިންނަށެވެ. އެ ކުއްޖަކު ސަޕޯޓްކުރާ ޓީމާއި ކުޅުންތެރިން ހިމެނޭ ތީމްތަކުގެ ސްކޫލް ދަބަސް ހޯދުމާއި އެ ތީމަށް ފޮތްތަކުގައި ގަނޑު ލައްވައި ނަލަކޮށްލަނީ ވަރަށް ލޯބިންނެވެ.
ކުޅުންތެރިންގެ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެސީގެ ވާދަވެރިކަން ސްކޫލް ސާމާނުގެ ތެރެއިން ވެސް ފެނެ އެވެ.
އަގު ބޮޑު ބްރޭންޑްތަކާ ދިމާލަށް
އާންމުކޮށް ބޭނުންކުރަމުން އައި، އެކި ކާޓޫން ކެރެކްޓާ ތީމްތަކުގެ ދަބަހާއި، ސްކޫލް ސާމާނު ދޫކޮށް މިހާރު މިސްރާބު ހުރީ އަގުބޮޑު ބްރޭންޑްތަކަށެވެ. ސްމިގްލް، ރޮކްސީ އަދި ކްއިކްސިލްވަ އަކީ ވަރަށް މަގުބޫލު ބްރޭންޑްތަކެވެ.
ސްމިގްލް ބްރޭންޑުގެ ދަބަސްތަކުގެ އަގު 600 އިން ފެށިގެން ހާހަަކަށް ވުރެ ވެސް މާ މައްޗަށް ދާނެ އެވެ. ޕެންސިލް ކޭހާއި ލަންޗް ބޭގްގެ އަގު ވެސް 600ރ. އިން މައްޗަށް އަރަ އެވެ. މި ދެ ބްރޭންޑުގެ ސްކޫލް ދަބަހުގެ އަގު ވެސް ތިން ހަތަރު ސަތޭކައިން ފެށިގެން ގޮސް ހާހުން މައްޗަށް ދެ އެވެ. ލަންޗް ބޭގް ވެސް 300ރ. އިން މައްޗަށް އަރަ އެވެ.
މި ނޫނަސް އެކި ބްރޭންޑްތަކުން ސާމާނު ހޯދުން މިހާރު ވަރަށް ބޮޑަށް އާންމުވެއްޖެ އެވެ.
ކުދިންނަށް ބޭނުންވާ ސާމާނު ގަތުމުގައި ސްކޫލް ބޮޑު ޗުއްޓީ އަބަދުވެސް ހާއްސަ އެވެ. ރާއްޖޭގެ ބުކްޝޮޕްތަކާއި އެހެން ބައެއް ފިހާރަތަކުން ދުރާލާ އެކަމަށް ތައްޔާރު ވެސް ވެ އެވެ. އެކަމަކު މިއީ އަބަދުވެސް ބަދަލުވަމުން، އާ ވަމުން ވެސް އަންނަ ދާއިރާއެކެވެ.