ހުވާގައި ދެމިހުންނާނަން، އެއްވެސް ރައްޔިތަކު ބާކީ ނުވާނެ: ރައީސް

ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދެއްވަން ވެވަޑައިގެންނެވި ހުވާއާ އެއްގޮތަށް ދެމިހުންނަވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ދިވެހި އެއްވެސް ރައްޔިތަކު ބާކީކޮށް، ތަފާތު ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވައުދުވެވަޑައިގެންފި އެވެ.


ރާއްޖޭގެ ހަތް ވަނަ ރައީސަށް ވެވަޑައިގަތުމަށް ފަހު، ގަލޮޅު ދަނޑުގައި، ދިވެހި ގައުމާ މުޚާތަބް ކުރައްވައި ދެއްވި ފުރަތަމަ ރިއާސީ ޚިތޯބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު، އެމަނިކުފާނަށް 58.4 ޕަސަންޓުގެ ރައްޔިތުން ވޯޓު ދިނީ ގުޅިފައިވާ ކެންޑިޑޭޓެއްގެ ގޮތުގައި ކަން ފާހަގަކުރައްވައި، އެކަން ދުވަހަކު ވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށެވެ.

"ރައްޔިތުން ވޯޓު ދެއްވީ އިންސާފުގެ މަގަށް މި ރާއްޖެ ގެންދަން. އަމާން ވެއްޓެއް ގާއިމްކުރުމަށް. ކޮރަޕްޝަނާއި ވައްކަން ނައްތާލުމަށް. ނުލިބިވާ އެންމެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ހޯދައިދިނުމަށް އަޅުގަނޑު ވީ ވައުދުތަކުގެ މައްޗަށް. މީގެ ތެރެއިން އެއްވެސް ވައުދަކީ، އަޅުގަނޑު ހަނދާން ނައްތާލާނެ ވައުދެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އާ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި، އެމީހެއްގެ ނަސްލަށް، އުފަންވީ ގައުމަށް، ކުލަޔަށް، ޖިންސަށް، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، އެމީހެއްގެ ސިޔާސީ ނުވަތަ އެނޫން ވެސް ވިސްނުމަކަށް، މާލީ ފުދުންތެރިކަމަށް، ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށް ފަދަ ކަން ކަމަށް ބަލައި، ތަފާތު ނުކުރާނެ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައި އޮތް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިޔާސީ ބޭނުންތަކަށާއި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ އެތައް މަޝްރޫއުތަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ދައުލަތުގެ މާލިއްޔާ އިން ގެއްލިފައިވާ ފައިސާ ހޯދުމަށް ބޭރުގެ ގައުމުތަކާއި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ އެހީތެރިކަމާއި އިތުބާރު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން، ރައީސް ވިދާޅުވީ ދިވެހި ގައުމު ވައްޓާލާފައިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް، ކުރިއަށް ދިޔުމަށްޓަކައި، ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް އެފަރާތްތަކަށް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި އަނިޔާގެ ޝިކާރައަކަށް ވި މީހުންނަށް އިންސާފު ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިއަށް ދިއުމަށްޓަކައި، މި ކަންކަން ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކުރީގެ ބައެއް ރައީސުންނާއި މިނިވަން މުއައްސަސާތަކުގެ އިސް ވެރިންނާއި ބޭރުގެ ބައެއް އިސް ބޭފުޅުންނާއި އެތައް ހާސް މީހުންގެ ކުރިމަތީ ހުންނަވައި ރައީސް ވިދާޅުވި އެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގެ ހުލާސާ:

- ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ދޭނަން.

- ސަރުކާރުގެ އެއްވެސް އިދާރާއަކުން ޝަކުވާ ހުށަހަޅާ ބޭނުން ނަމަ، އެކަން ކުރެވޭނެ.

- ޝަކުވާތައް ބަލައި ފިޔަވަޅު އަޅަން ރައީސް އޮފީހުގައި ހާއްސަ ނިޒާމެއް ގާއިމު ކުރާނަން.

- އިގްތިސާދު ހަރުދަނާކޮށް، އާމްދަނީ އިތުރު ކުރުމަށް ހަރުދަނާ ފިޔަވަޅެއް އަޅާނަން.

- ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އަޅަން ފަސްޖެހޭނޭ ފިޔަވަޅެއް ނޯންނާނެ.

- ހުޅުވާލެވިފައިވާ ވާދަވެރި، ފަސޭހަ ވިޔަފާރީގެ މާޙައުލެއް އުފައްދިދޭނަން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަނީ.-- ނިޝާން އަލީ /މިހާރު

މިހާތަނަށް ރާއްޖޭގައި ރައީސަކު ހުވާކުރައްވަން ބޭއްވި އެންމެ ބޮޑު އެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް އޮތް މަގަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. ޑިމޮކްރެޓިކް ވެށި ހަރުދަނާކޮށް ދެމެހެއްޓޭނީ ވެސް އެ މަގަށް މަސައްކަތްކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޔުނިޓަރީ ދައުލަތެއްގެ ސިފަ ނުގެއްލޭނޭ ހެން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނީ ބާރުވެރިކަމާއި މާލީ ތަނަވަސްކަން ލިބި ދެވެން ޖެހޭނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަކީ ބާރުވެރި، ފުދުންތެރި އިދާރާތަކަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އާބާދީގެ 37 ޕަސަންޓަކީ ޒުވާނުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން މި ސަރުކާރުން ކުރާނެ ކަމަށެވެ.

އެގޮތުން، ޒުވާނުންނަށް ރަނގަޅު ތައުލީމާއި، ވަޒީފާގެ ފުރުސަތުތައް ހޯދައިދީ، މިންތީގެ ހަމަހަމަކަން ގާއިމުކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހާއްސަ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ސަރުކާރު އިހުމާލު ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައުއާ ވަކިވެ އެކަހެރިވެފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ޚާރިޖީ ސިޔާސަތުގައި އިސްކުރާނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. ޚާރިޖީ ސިޔާސަތު ބައްޓަންކުރާނީ އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީ އާއި، ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ މައްޗަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އިންޑިއާ އާއި އަވަށްޓެރި ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކޮށް، އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގައި އަޅުގަނޑުމެންގެ ދައުރު ފުރިހަމައަށް އަދާކުރާނަން. މީގެ އިތުރުން، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވާ އަދި ރާއްޖެއާ އެކު އެކުވެރިކަމުގެ ގުޅުން ބަދަހިކުރަން ބޭނުންވާ ހުރިހާ ގައުމުތަކާ އެކު އަޅުގަނޑުމެން ގުޅުން ބަދަހިކުރާނަން،" ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އަށް އެންމެ ބޮޑަށް އެހީވި، ސައުދީ އަރަބިއްޔާ އާއި ޗައިނާގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.