ވަގު ޓިކެޓްގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އަސްކޮއި ހައްޖު އުމްރާ ގުރޫޕްގެ ހަވާލުގައި އުމްރާ އަށް ފުރަން ހަމަޖެހިފައިވާ މީހުންނަށް ދޫކުރި ވަގު ޓިކެޓްތަކުގެ މައްސަލައިގައި މިއަދު މީހަކު ހައްޔަރުކޮށް ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.


އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ވަގު ޓިކެޓްގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ރާއްޖޭން ބޭރަށް ފުރުމަށް ސ. ގަން އެއާޕޯޓުގައި ހުއްޓާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މައްސަލަ ތަހުގީގުކުރަމުން އަންނާތީ ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އަސްކޮއި ގްރޫޕަށް ބަޔަކު ވަގު ޓިކެޓުތަކެއް ވިއްކާފައިވާކަން އެނގުނީ އިއްޔެ ހަވީރު އެ ގްރޫޕުގެ 50 މީހަކު އުމްރާ އަށް ފުރަން އެއާޕޯޓަށް ދިޔަ ފަހުންނެވެ. ވަގު ޓިކެޓުތައް ހަދާފައި ހުރީ ސްރީ ލަންކަން އެއާލައިންސްގެ ނަމުގަ އެވެ. ދަތުރުގެ މަންޒިލާއި ފުރަން ހަމަޖެހިފައި ތިބި މީހުންގެ ނަންތައް ޓިކެޓުގައި ހުރި ނަމަވެސް ފްލައިޓް ނަންބަރު އޮތީ ނުބައިކޮށެވެ.

ވަގު ޓިކެޓްގެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އަސްކޮއި ހައްޖު ގްރޫޕުން ޓިކެޓު ގަންނަން ފައިސާ ހަވާލުކުރީ ސަމްހާ ގްރޫޕު އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށާއި އަދި އެ ފައިސާ ސަމްހާ ގްރޫޕް އިންޓަނޭޝަނަލުން ޑީބީ ޓްރެވަލްސް ކުންފުންޏަށް ދެއްކުމުން، އެ ކުންފުނީގައި މަސައްކަތްކުރާ މީހަކު ސައްހަ ނޫން 168 ޓިކެޓު ދޫކޮށްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސަމްހާ ގްރޫޕްގެ މެނޭޖިން ޑައިރެކްޓަރު އަބްދުއްރަޝީދު އަބްދުﷲ "މިހާރު" އަށް މިއަދު ވިދާޅުވީ އެ ކުންފުންޏާ ގުޅިގެން 216 ޓިކެޓު ގަތުމަށް އަސްކޮއި އިން ހަވާލުކޮށްފައިވާ ކަމަށެވެ. އެ ހުރިހާ ޓިކެޓުތަކެއް ވެސް ގަނެފައި ވަނީ ޑީބީ ޓްރެވަލްސް އަތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޑީބީ ޓްރެވަލްގެ މެދުވެރިކޮށް ޓިކެޓް ގަތުމަށް މީގެ ހަތަރު މަސް ކުރިން 2.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައި ވާނެ އެވެ. ޑީބީ ޓްރެވަލްސްގެ ފަރާތުން ގަތް 216 ޓިކެޓުގެ ތެރެއިން 168 ޓިކެޓަކީ ވަގު ޓިކެޓްކަން މިހާތަނަށް އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ އެވެ.