ޗައިނާ އިން މަޝްރޫއުތައް ހިންގަނީ މާ އަގު ބޮޑުކޮށް: އަމީރު

ޗައިނާ އިން ރާއްޖޭގައި ހިންގަމުން އަންނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ މާ ބޮޑު އަގުތަކެއްގައި ކަަމަށާއި އެހެން ނަމަވެސް، މިހާރު ފަށާފައިވާ އެފަދަ މަޝްރޫއުތައް ހުއްޓައިނުލެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.


އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަގު ބޮޑު މަޝްރޫއުތައް ބަލައި ފާހަގަކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މި މަޝްރޫއުތައް މިހިރީ މާ ބޮޑެތި އަގުތަކެއްގައި ކަމަށް. އަޅުގަނޑުމެން މި އަންނަނީ މި ކަންތައް ބަލަމުން،" މިނިސްޓަރު އަމީރު ވިދާޅުވި ކަމަށް އިކޮނޮމިކް ޓައިމްސް ނޫހުން ބުންޏެވެ.

މިނިސްޓަރު ވިދާޅުވީ އަގު ބޮޑަސް ޗައިނާގެ މަޝްރޫއުތަކަށް ދެން ގޮތެއް ހެދެން ނެތީ އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު މުޅިން ނިމިފައިވާތީ ކަމަށެވެ. އެގޮތުން ނިމިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މަޝްރޫއު ހިމެނެ އެވެ.

"ރީނެގޯޝިއޭޓް ކުރުމުގައި އަޅުގަނޑުމެންނަށް މާ ބޮޑު ކަމެއް ކުރެވޭކަށް ނެތް. ދެން އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ އުމްރާނީ މަޝްރޫއުތަކަށް ހަރަދުވާ މިންވަރު ކުޑަކުރުން،" އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ މެދު، ވެރިކަންކުރާ ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ވަނީ ސުވާލުތައް އުފައްދާފަ އެެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ކުރިއްސުރެ ވިދާޅުވަމުން ގެންދަވަނީ ޗައިނާގެ ލޯނު މަޅީގައި ރާއްޖެ ޖައްސަމުންދާ ކަމަށެވެ. ކުރީގެ ސަރުކާރުން ރާއްޖެ ޗައިނާ އަށް ވަރަށް ބޮޑު އަދަދަކުން ދަރުވާލާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވަނީ ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް ޗައިނާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނީ ޗައިނާ އިން ރާއްޖެ އަށް ދަރަނީގެ ގޮތުގައި ދީފައި ވަނީ 1.5 މިލިޔަން ޑޮލަރު ކަމަށެވެ.