މިދިޔަ އަންގާރަ ދުވަހު މާލެ އަށް ބޯކޮށް ވާރޭވެހި ފެނުގެ އަސަރު ކުރުމާ ގުޅިގެން، 150 ސައިކަލް ސާވިސް ކުރި ކަމަށް ލިޓަސް އިން ބުނެ އެވެ.
ލިޓަސްގެ މާކެޓިން މެނޭޖަރު އާސިފު ރަޝީދު ވިދާޅުވީ، 150 އަށް ވުރެ ސައިކަލް ސާވިސް ކުރި އިރު ބުދަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހު ވެސް ބައެއް ސައިކަލްތައް ސާވިސް ކުރި ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ބޯކޮށް ވާރޭ ވެހި، ޕާކްކޮށްފައި ހުރި ސައިކަލްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެސް ވެފައިވެ އެވެ. ބުދަ ދުވަހު ހެނދުނު ލިޓަސް ސާވިސް ސެންޓަރުގެ ގަރާޖު ހުޅުވުމާ އެކު ގިނަ ބަޔަކު ވަނީ ސައިކަލް ސާވިސް ކުރުމަށް ކިޔުގައި ޖެހިފަ އެވެ.
ސައިކަލްތައް ސާވިސް ކުރުމުގެ މަސައްކަތުގައި ލިޓަސްގެ ހުރިހާ މެކޭނިކުން ބައިވެރިވެފައިވެ އެވެ.
އާންމު ގޮތެއްގައި ދުވާލަކު ފުލް ސާވިސް ކުރުމަށް ލިޓަސް އިން ދިހަ ސައިކަލް ނަގާ އިރު އާންމުކޮށް ކުރާ ސާވިސް ކުރުމަށް 30 ވަރަކަށް ސައިކަލް ނަގަ އެވެ. މާލޭގައި ސައިކަލެއް ސާވިސް ކުރުމަށް އާންމު ގޮތެއްގައި 250ރ. ހޭދަކުރަންޖެހެ އެވެ.
އާސިފު ވިދާޅުވީ، ސައިކަލްތައް ހިލޭ ސާވިސް ކޮށްދޭން ނިންމީ ފެންބޮޑުވުމާ ގުޅިގެން، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މާލެ އަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގޭގެއަށް ފެން ވަދެ، 160 އާއިލާ އަށް ވަނީ އަސަރުކޮށްފަ އެވެ.